ފިނިޕޭޖް

ޑިޒްނީއިން "ޓޯއި ސްޓޯރީ 5" ހަދަނީ

ޑިޒްނީގެ ކާމިޔާބު "ޓޯއި ސްޓޯރީ" ފިލްމް ފްރެންޗައިޒްގެ އިތުރު ސިކުއެލްއެއް ހަދަނީ އެވެ.

މި ހަބަރު އިއުލާންކުރީ ޑިޒްނީގެ ސީއީއޯ ބޮބް އައިގާ އެވެ. އަދި މި ސިކުއެލްއާ ބެހޭގޮތުން އިތުރު މައުލޫމާތު ކައިރި މުސްތަގްބަލެއްގައި ހިއްސާކުރާނެ ކަމަށް ބޮބް އައިގާ ބުންޏެވެ.

1995 ގައި ފުރަތަމަ ރިލީޒްކުރި "ޓޯއި ސްޓޯރީ" ފިލްމަކީ ޑިޒްނީގެ ޕިކްސާ ސްޓޫޑިއޯގެ ފުރަތަމަ އެނިމޭޓަޑް ފީޗާ ފިލްމެވެ.

މި ފިލްމު ވަނީ އެނިމޭޝަން އިންޑަސްޓްރީއަށް އިންގިލާބެއް ގެނެސް، ބޮޑެތި މީހުންނާއި ކުޑަކުދިންނަށް ގުޅުވާލެވޭ ފަދަ އަސަރުގަދަ ވާހަކައެއް އެކުލެވޭ ސްޓޭންޑަޑެއް ސެޓްކޮށްފަ އެވެ.

މި ފްރެންޗައިޒްއަށް މިހާތަނަށް "ޓޯއި ސްޓޯރީ"ގެ ހަތަރު ފިލްމާއި އެއް ސްޕިން-އޮފް، "ލައިޓްއިޔާ" ހަދާފައިވެ އެވެ. އަދި މީގެ ކޮންމެ ފިލްމަކުންވެސް ލޯބިވެވޭ ފަދަ އާ ކެރެކްޓާތައް ތައާރަފްކުރެ އެވެ.

"ޓޯއި ސްޓޯރީ" ފިލްމްތަކުގައި މެއިން ރޯލް، ކައުބޯއި ޝެރިފް ކަމުގައިވާ ވުޑީއަށް އަޑު އަޅާފައިވަނީ ޓޮމް ހޭންކްސް އެވެ. އަދި އޭނާގެ ސައިޑްކިކް އަދި ބެސްޓްފްރެންޑް ކަމުގައިވާ އެސްޓްރޮނަޓް ބަޒް ލައިޓްއިޔާގެ އަޑު، "ލައިޓްއިޔާ" ފިޔަވާ ހުރިހާ ފިލްމެއްގައި އަޅާފައިވަނީ ޓިމް އެލަން އެވެ.

ޓިމް އެލަން އަނބުރާ ބަޒްގެ ގޮތުގައި އަންނާނެ ކަމަށް ޓްވީޓްކޮށްފައިވެ އެވެ. އަދި މި ޓްވީޓް ނިންމާލާފައިވަނީ އެ ކެރެކްޓާގެ އެންމެ މަޝްހޫރު ލައިން ކަމުގައިވާ "ޓު އިންފިނިޓީ އެންޑް ބިޔޯންޑް" އިންނެވެ. އެހެންނަމަވެސް ޓޮމް ހޭންކްސް ވުޑީގެ ގޮތުގައި އަންނާކަމުގެ ހަބަރު އަދި އިއުލާންކޮށްފައެއް ނުވެ އެވެ. މީގެ އިތުރުން ފަސް ވަނަ ފިލްމުގައި ހިމެނޭނީ ހަތަރުވަނަ ފިލްމުން ކޮން ކެރެކްޓާތަކެއްތޯ ވެސް އަދި އެނގިފައެއް ނުވެ އެވެ.

މި ފްރެންޗައިޒްގެ ފަސްވަނަ ފިލްމް ރިލީޒްކުރާ ވާހަކަ އިއުލާންކުރުމާ ގުޅިގެން ބައެއް ފޭނުންގެ ރިއެކްޝަނަކީ، ހަތަރުވަނަ ފިލްމްގެ ފުރިހަމަ ނިމުމަށްފަހު ފަސްވަނަ ފިލްމެއް ހެދުމުގެ ބޭނުމެއް ވޭތޯ އެވެ.

"ޓޯއި ސްޓޯރީ" އަކީ ބޮކްސް އޮފީސް އަދި އެކަޑަމީ އެވޯޑަށް ބަލާއިރު ޑިޒްނީއަށް އެންމެ ކާމިޔާބު އެއް އެނިމޭޓަޑް ފްރެންޗައިޒްއެވެ. މިގޮތުން ފުރަތަމަ ފިލްމް އެކަޑަމީ އެވޯޑްގެ ތިން ކެޓަގަރީއަކަށް ނޮމިނޭޓްވެ، ފަހުން ޖޯން ލެސިޓާއަށް ސްޕެޝަލް އެޗީވްމަންޓް އެވޯޑް ދީފައިވެ އެވެ. 1999 ގައި ނެރުނު ދެވަނަ ފިލްމްގެ ލަވައެއް އެކަޑަމީ އެވޯޑްސްގެ ބެސްޓް އޮރިޖިނަލް ސޯންގްއަށް ނޮމިނޭޓްވެފައިވެ އެވެ. 2010 ގައި ނެރުނު ތިންވަނަ ފިލްމް ބެސްޓް ޕިކްޗާ އަށާއި އިތުރު ހަތަރު ކެޓަގަރީއަކަށް ނޮމިނޭޓްވެ، އެވޯޑް ލިބިފައިވަނީ ބެސްޓް އެނިމޭޓެޑް ފީޗާ ފިލްމް އަށާއި ބެސްޓް އޮރިޖިނަލް ސްކޯ އަށެވެ. އަދި 2019 ގައި ނެރުނު ހަތަރުވަނަ ފިލްމަށްވެސް ވަނީ ބެސްޓް އެނިމޭޓެޑް ފީޗާ ފިލްމް އާއި ބެސްޓް އޮރިޖިނަލް ސްކޯގެ އެވޯޑް ލިބިފަ އެވެ.

މި ހަތަރު ފިލްމަށް ބޮކްސް އޮފީހުގައި މިހާތަނަށް 3.3 ބިލިއަން ޑޮލަރު ލިބިފައިވެ އެވެ. އަދި މިއީ މިހާތަނަށް ބޮކްސް އޮފީހުގައި އެންމެ ކާމިޔާބީ ލިބުނު ތިންވަނަ އެނިމޭޓެޑް ފްރެންޗައިޒް އެވެ.