މޯލްޑިވްސް ޕޮލިސް ސާވިސް

މަސްތުވާތަކެތި ވިއްކަނިކޮށް ވީޑިއޯއިން ފެންނަ މީހާ ހައްޔަރުކޮށްފި

މަސްތުވާތަކެތި ވިއްކާ މަންޒަރު ފެންނަ ވީޑިއޯގައި މަސްތުވާތަކެތި ވިއްކަމުން ދިޔަ މީހާ ހައްޔަރުކޮށްފި އެވެ.

މިމައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 25 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އޭނާ ހައްޔަރުކޮށް ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ވަނީ މުއްދަތު ދީފަ އެވެ.

ސޯޝަލްމީޑިއާގައި އާންމުވެފައިވާ ވީޑިއޯގައި ފެންނަ ގޮތުގައި މަސްތުވާތަކެތި ވިއްކާ މީހާ ކައިރީގައި އެހެން ސައިކަލެއްގައި އިން މީހަކު 100 ރުފިޔާ ދިއްކޮށްލުމުން އަތަށް އެއްޗެއްދޭ މަންޒަރު ފެނެ އެވެ. އިތުރު ދެ މީހަކު ވެސް އެތަނަށް ފައިސާ ހިފައިގެން އައުމުން އެ މީހުންނަށް ވެސް މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ދޭ މަންޒަރު ފެނެ އެވެ.

މަސްތުވާތަކެތީގެ މައްސަލަތައް ރާއްޖޭގައި ކަންބޮޑުވާ ހާލަތަށް ވަނީ ގޯސްވެފަ އެވެ.

މިވީޑިއޯ އާންމުވުމާ ގުޅިގެން އާންމުން ވަނީ ސޯޝަލްމީޑިއާގައި ކަމާ ގުޅޭ އިދާރާތަކަށް ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ.