ތުރުކީ

ބިންހެލުމުގެ މަރުވި މީހުންގެ އަދަދު 28،000 އަށް

ތުރުކީ ސީރިއާ ބޯޑަރަށް އައި ބިންހެލުމުގައި މިހާތަނަށް 28،000 މީހަކު މަރުވެއްޖެ އެވެ.

މަރުވެފައިވާ މީހުންގެ އަދަދު އަދިވެސް މައްޗަށް ދާއިރު މީހުން ހޯދައި ސަލާމަތް ކުރުމުގެ ނާޒުކު މަސައްކަތް ގަދަފިނީގެ ތެރޭގައި ރެސްކިއު ޓީމު ތަކުން ވަނީ އިތުރު ގިއަރަކަށް ޖައްސާފަ އެވެ. އެއާއެކު މަރުވެފައިވާ މީހުންގެ ހަށިތައް ނަގައި އިމާރާތްތަކުގެ ގާކުނޑިތައް ސާފުކުރުމުގެ މަސައްކަތްވެސް ދަނީ ހިންގަމުންނެވެ.

ގެއްލިފައިވާ މީހުން ދިރިތިއްބައި ފެނިދާނެކަމުގެ އުއްމީދު ފަނޑުވެފައިވާއިރު ރެސްކިއު ޓީމުތަކުން އަދިވެސް އާއިލާތައް އެކުއެކީގައި އިމާރާތްތަކުގެ ދަށުން ދަނީ ސަލާމަތް ކުރަމުންނެވެ. އެންމެ ތުއްތު ކުދިން ފެށިގެން ތަފާތު އެކި އުމުރުތަކުގެ މީހުން އާދަޔާއި ހިލާފް ގޮތްގޮތަށް ދިރިތިއްބާ އަދިވެސް ފެނިގެން ދަނީ ސަލާމަތް ކުރަމުންނެވެ.

ބާރުގަދަ ބިންހެލުމާއި ވިދިގެން 12،000 އަށްވުރެ ގިނަ އިމާރާތް ވެއްޓި މުޅި އެ ސަރަހައްދު ވަނީ ސުންނާފަތިވެފަ އެވެ.

މިދިޔަ ދިހަ ވަރަކަށް އަހަރުގެ ތެރޭގައި ދުނިޔެއަށް ކުރިމަތިވި އެންމެ ބާރުގަދަ އަދި ގިނަ ބަޔަކު މަރުވި ގުދުރަތީ ހާދިސާއަށް މި ބިންހެލުން ވަނީ ވެފަ އެވެ.

ތުރުކީ ސަރަހައްދުގައި މިހާތަނަށް 24،617 މީހަކު މަރުވެފައިވާއިރު 80،000 މީހަކު ޒަހަމްވެ އަނިޔާވެފައިވެ އެވެ. ސީރިއާ ސަރަހއްދުގައި 3،553 މީހަކު މަރުވެފައިވެ އެވެ.

މި ކާރިސާގައި ދެ ގައުމުން މަރުވެފައިވާ މީހުންގެ އަދަދު 28،000 އިން މައްޗަށް ގޮސްފައިވާއިރު ލަފާކުރެވެނީ އިމާރާތްތައް ސާފުކުރުމުގެ ދަތި އުނދަގޫ ބިޔަ މަސައްކަތް ހިނގަމުންދާ ވަރަކަށް ކުރިއަށް އޮތް ދުވަސްތަކުގައި މަރުވި މީހުންގެ އަދަދުވެސް އިތުރުވާނެ ކަމަށެވެ.

ތުރުކީ އާއި ސީރިއާ ސަރަހަދަށް އައި ބާރުގަދަ މި ބިންހެލުމުގައި މިހާތަނަށް އެތައްހާސް ބަޔަކު ވަނީ ގެދޮރުނެތި ހާލުގައި ޖެހި ވަގުތީ ހިޔާތަކަށް ވައްދާފަ އެވެ. އަދި އެފަރާތްތަކަށް އެހީ ފޯރުކޮށްދިނުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ތުރުކީގެ ރައީސް އުރުދުޣާން ވަނީ ބިންހެލުން އައި ތުރުކީގެ 10 ސަރަހައްދަކަށް ތިންމަސް ދުވަހުގެ އިމަޖެންސީ އިއުލާން ކުރައްވާފަ އެވެ.

ދުނިޔޭގެ އެތައް ގައުމަކުން ތުރުކީއަށް އެކި ސިފަސިފައިގައި ބޮޑެތި އެހީތަކެއް މިވަގުތުވެސް ދަނީ ފޯރުކޮށްދެމުންނެވެ.