ފިނިޕޭޖް

އެލެކްޒެންޑާ ލުޑްވިގް އާއި އަންހެނުންނަށް ދަރިއަކު ލިބެނީ

"ހަންގާ ގޭމްސް"ގެ އެކްޓަރު އެލެކްޒެންޑާ ލުޑްވިގް އާއި އަންހެނުން ލޯރެންއަށް އަންނަ މޭމަހު ދަރިއަކު ލިބެނީ އެވެ.

މި ހަބަރު އެލެކްޒެންޑާ އިއުލާންކުރީ އިންސްތަގްރާމް ޕޯސްޓަކުންނެވެ. އަދި އެކަމަށް ވަރަށް ޝުކުރުވެރިވާ ކަމަށް ބުންޏެވެ.

ލޯރެން ވަނީ މީގެ ކުރިން ތިން ފަހަރު ބައިގެންގޮސްފަ އެވެ. އެހެންކަމުން ހަތަރުވަނަ ފަހަރު ފުލް-ޓާމް އަށްގޮސް، ދަރިއަކު ލިބޭނެކަމުގެ އުއްމީދު މިފަހަރު މި ދެމަފިރިންގެ ވަރަށް ބޮޑެވެ.

ތިންވަނަ ޕްރެގްނަންސީ މިސްކެރީވީކަން ލޯރަން ހާމަކޮށްފައިވަނީ މިދިޔަ އަހަރުގެ މޭމަހު އެވެ.

އިންސްތަގްރާމްގައި މި ހަބަރު ހިއްސާކުރަމުން ލޯރަން ބުނީ މިސްކެރިޖް އަކީ ކޮންމެ އަންހެނަކަށްވެސް ދިމާވެދާނެ ކަމެއް ކަމަށާއި އެއީ ލަދު ގަންނަންވި ކަމެއް ނޫން ކަމަށެވެ. އަދި އެކަން ތަޖުރިބާކުރާ އެންމެންވެސް އެހެން މީހުންނާ އިހްސާސްތައް ހިއްސާކޮށް، އެކަމާބެހޭ ގޮތުން ވާހަކަ ދެއްކުމުން މައުލޫމާތު ހިއްސާވެ، އެކަމުގައި ތިމާގެ އެއްވެސް ކުށެއް ނެތްކަން އިހްސާސް ކުރެވޭނެ ކަމަށް ލޯރެން ބުންޏެވެ.

އެލެކްޒެންޑާ އާއި ލޯރެން ލޯބީގެ ގޮތުން ގުޅުނު ކަމަށް އިންސްތަގްރާމްގައި އިއުލާންކުރީ ޖުލައި 2020 ގައެވެ. އަދި އެ އަހަރުގެ ފަހުކޮޅު މި ދެ ލޯބިވެރިން ވަނީ ކައިވެނިކޮށްފަ އެވެ.

އެލެކްޒެންޑާ ދެން އެންމެ އަވަހަށް ފެންނާނީ ޖޭކް ޖިލިންހޯލްއާ އެކު "ދަ ކަވްނަންޓް" ގައެވެ.