ފިނިޕޭޖް

ކީރާ ސެޖްވިކް ޑައިރެކްޓަރެއްގެ ގޮތުގައި ތައާރަފްވަނީ

އުމުރުން 57 އަހަރުގެ އެކްޓްރެސް، ކީރާ ސެޖްވިކް "ސްޕޭސް އޮޑިޓީ" އިން ޑައިރެކްޓަރެއްގެ ގޮތުގައި ތައާރަފްވަނީ އެވެ.

މިދިޔަ ޖޫން މަހު ޓްރައިބެކާ ފިލްމް ފެސްޓިވަލްގައި އެޅުވި "ސްޕޭސް އޮޑިޓީ" އަކީ ރޮމޭންޓިކް ކޮމެޑީ އަދި ސައިންސް ފިކްޝަން ފިލްމެކެވެ.

މި ފިލްމު އާންމު ސިނަމާތަކުގައި ކުރިއަށް އޮތް މާޗް 31 ވަނަ ދުވަހު އެޅުވުމަށް މިހާރު ވަނީ ހަމަޖެހިފަ އެވެ.

މި ފިލްމުގައި އެލެކްސް ދުނިޔެ ދޫކޮށް، ވަން-ވޭ މިޝަންއަކަށް ޕްލެނެޓް މާސްއަށް ދާން ނިންމަ އެވެ. އެހެންނަމަވެސް އިންޝުއަރަންސް ހޯދަން އުޅުމުގެ ތެރޭގައި އަދި ހީނުކުރާ ދަނޑިވަޅުގައި ލޯތްބެއްގެ ފެށުން ކުރިމަތިވެ، ދުނިޔޭގައި ހުރެ މުސްތަގްބަލްގައި ވާނެ ގޮތެއްގެ ޔަގީންކަމެއް ނެތި ހިތުގެ ސަފަރެއް ފަށާނީތޯ ނޫނީ މާސްއަށް ގެރެންޓީއެއް ނެތް މިޝަންއަކަށް ދާނީތޯ ހިޔާރުކުރަން އެލެކްސްއަށް އުނދަގޫވެ އެވެ.

"ސްޕޭސް އޮޑިޓީ"ގައި އެލެކްސްގެ ރޯލް އަދާކުރީ ކައިލް އެލަން އެވެ. އަދި އެލެކްސްގެ ލަވް އިންޓަރެސްޓް ޑެއިޒީގެ ރޯލް އަދާކުރީ އެލެކްޒެންޑްރާ ޝިޕް އެވެ.

މީގެ އިތުރުން މި ފިލްމުގައި ސައިމަން ހެލްބާގް، މެޑެލިން ބްރޫވާ، ކެރީ ޕްރެސްޓަން، އާޑެން މައިރިން އާއި ކެވިން ބޭކަން ހިމެނެ އެވެ. އުމުރުން 64 އަހަރުގެ ކެވިން އާއި ކީރާގެ ކައިވެންޏަށް މިހާރު ވަނީ 34 އަހަރު ވެފަ އެވެ.

ކީރާ ސެޖްވިކްއަކީ ގޯލްޑަން ގްލޯބް އަދި އެމީ އެވޯޑް ލިބިފައިވާ އެކްޓްރެސް އެކެވެ. އަދި "ބޯން އޮން ދަ ފޯތް އޮފް ޖުލައި"، "ސިންގަލްސް"، "ސަމްތިން ޓު ޓޯކް އަބައުޓް" އާއި "ދަ ކްލޯސާ" ފަދަ ޕްރޮޖެކްޓްތަކުގައި މަސައްކަތްކޮށްފައިވެ އެވެ. ކީރާގެ ދެ ދަރިން ތެރެއިން ސޯސީ ބޭކަން އަކީ ވެސް ފިލްމް އެކްޓްރެސް އެކެވެ.