ފިނިޕޭޖް

ނެޓްފްލިކްސްއިން "މާސްޓާސް އޮފް ދަ ޔުނިވާސް" ހަދަނީ

ނެޓްފްލިކްސް އިން "މާސްޓާސް އޮފް ދަ ޔުނިވާސް" ކާޓޫނުގެ ލައިވް-އެކްޝަން ފީޗާ ފިލްމް ހަދަނީ އެވެ.

"މާސްޓާސް އޮފް ދަ ޔުނިވާސް" އާއި އޭގެ ސްޕިން-އޮފް "ޝީ-ރާ" އަކީ 1980 އާއި 1990ގެ އަހަރުތަކުގައި އުފަންވި މީހުންނަށް ވަރަށް ހިނގި އެނިމޭޓެޑް ސީރީޒްތަކެކެވެ.

މި ފިލްމުގައި ޕްރިންސް އެޑަމް / ހީ-މޭންގެ ރޯލް އަދާކުރާނީ ކައިލް އެލަން އެވެ.

"މާސްޓާސް އޮފް ދަ ޔުނިވާސް" ކާޓޫނު އަދި ކޮމިކްގައި ޕްރިންސް އެޑަމް އާއި ޕްރިންސަސް އަޑޯރާ އަކީ އިޓާނިއާގެ ކިންގް ރެންޑޯ އާއި ކުއީން މާލީނާގެ ދެ ދަރިންނެވެ.

ޕްރިންސް އެޑަމް ސްވޯޑް އޮފް ޕަވާ ހިފަހައްޓާފައި، "ބައި ދަ ޕަވާސް އޮފް ގްރޭ ސްކަލް" ބުނުމުން، ޖާދުވީ ސިއްރު ބާރުތަކެއް ލިބި، ދުނިޔޭގައި ހުރި އެންމެ ބާރުގަދަ މީހާ ހީ-މޭން އަށް ބަދަލުވެ އެވެ.

"މާސްޓާސް އޮފް ދަ ޔުނިވާސް" ޑައިރެކްޓްކުރާނީ "ދަ ލޮސްޓް ސިޓީ" ޑައިރެކްޓްކުރި ނީ ބްރަދާސް ކަމުގައިވާ އާރޮން އާއި އެޑެމް އެވެ. އަދި މި ފިލްމުގެ ސްކްރިޕްޓް ނީ ބްރަދާސް ލިޔެފައިވަނީ "ޝަންގ-ޗީ އެންޑް ދަ ލެޖެންޑް އޮފް 10 ރިންގްސް" ލިޔުނު ޑޭވިޑް ކެލެހެމްއާ އެކުގަ އެވެ.

މި ފިލްމްގެ ޝޫޓިން ފެށުމަށް ހަމަޖެހިފައިވަނީ ޖުލައި-ސެޕްޓެމްބަރު ހިސާބުގަ އެވެ.

މެޓެލް އިންކް އިން 1981 ގައި ހީ-މޭން އާއި މާސްޓާސް އޮފް ދަ ޔުނިވާސްގެ ކެރެކްޓާތައް އެކްޝަން ފިގާސްތަކެއްގެ ގޮތުގައި ތައާރަފްކުރި އެވެ.

ދެން މިނީ ކޮމިކްތަކުން ކުޑަކުދިންގެ ފޮތާއި ޑީސީ ކޮމިކްސް ނެރެ، 1983 ގައި އެނިމޭޓަޑް ސީރީޒް ނިކުމެ، ކުޑަކުދިންގެ މެދުގައި ވަރަށް ބޮޑަށް މަގުބޫލުކަން ހޯދި އެވެ.

1987 ގައި "މާސްޓާސް އޮފް ދަ ޔުނިވާސް" ފިލްމެއް ނެރުނު ނަމަވެސް މި ފިލްމު ވަނީ ބޮކްސް އޮފީހުގައި ނާކާމިޔާބު ވެފަ އެވެ. ނެޓްފްލިކްސް އިން "މާސްޓާސް އޮފް ދަ ޔުނިވާސް"ގެ ރީބޫޓް ހަދައި، ތިން އެނިމޭޓެޑް ފިލްމް ނެރެފައިވެ އެވެ.