މިނިސްޓްރީ އޮފް ޓޫރިޒަމް

8،000 ފަތުރުވެރިންނާ އެކު އާ ރެކޯޑެއް

ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލި ފަހުން އެންމެ ގިނަ ފަތުރުވެރިން އިއްޔެ ރާއްޖެއަށް ޒިޔާރަތްކޮށް ފަތުރުވެރިކަމުގެ އާ ރެކޯޑެއް ހަދައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ އިއްޔެ އެކަނި ރާއްޖެއަށް 8،028 ފަތުރުވެރިން ޒިޔާރަތްކުރި ކަމަށެވެ. މިބޮޑު ކާމިޔާބީއާ ގުޅިގެން މިނިސްޓްރީން ވަނީ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ އެންމެހާ ފަރާތްތަކަށް މަރުހަބާ ކިޔާފަ އެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުގައި މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތް ކޮށްފައިވަނީ 240،621 ފަތުރުވެރިންނެވެ. އަދި ފާއިތުވެދިޔަ ދެ އަހަރުގެ ފުރަތަމަ ދެ މަހަށް ވުރެ މި އަހަރުގެ މި މުއްދަތުގައި ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އަދަދު ވަނީ 32.2 އިންސައްތައިން ކުރިއަރާފަ އެވެ.

އެވަރެޖްކޮށް މި އަހަރުގެ ކޮންމެ ދުވަހަކު 5,729 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރާ ކަމަށްވެސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.

ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތް ކުރާ ގައުމުތަކުގެ ލިސްޓުގެ އެންމެ ކުރީގައި މިވަގުތު އޮތީ ރަޝިއާ އެވެ. މިއަހަރު މިހާތަނަށް ރަޝިއާ އިން 28،873 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު ދެވަނައިގައި އޮތް އިންޑިއާ އިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 24،124 ފަތުރުވެރިންނެވެ. ތިންވަނައިގައި އޮތް އިޓަލީ އިން މިއަހަރުގެ މިހާތަނަށް 20،692 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެ އެވެ.

ފަތުރުވެރިކަމަށް މިވަގުތު ރާއްޖޭގައި 1,217 ތަނެއްގައި 59,896 އެނދު އޮޕަރޭޓްކުރެ އެވެ. މީގެތެރޭގައި 172 ރިސޯޓާއި 880 ގެސްޓްހައުސް އާއި 152 ސަފާރީ ހިމެނެ އެވެ. މީގެއިތުރުން 13 ހޮޓަލާއި ހޯމްސްޓޭގެ ގޮތުގައި ތިން ތަނެއް ބޭނުންކުރެ އެވެ.