ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން މިމަހު ބާއްވާ ކޮންގްރެސްގައި ހާހެއްހާ މަންދޫބުން ބައިވެރިވާނެ ކަމަށް އެ ޕާޓީން ބުނެފި އެވެ.
ކޮންގްރެސްއަށް ތައްޔާރުވުމަށް ޖޭޕީން ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން މިއަދު މީޑިއާ އަށް މައުލޫމާތު ހިއްސާކުރައްވަމުން އެ ޕާޓީގެ ސެކްރެޓަރީ ޖެނަރަލް އަލީ އާރިފް ވިދާޅުވީ ސިޔާސީ ޕާޓީއަކުން މިހާތަނަށް ބާއްވާ އެންމެ ކުލަގަދަ ކޮންގްރެސްއަށް ޖޭޕީގެ ކޮންގްރެސް ހެދުމަށްޓަކައި ޕާޓީއަށް ނިސްބަތްވާ ހުރިހާ ބޭފުޅުން ވެސް ބުރަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.
"ދެން މިއަހަރަކީ މިރާއްޖޭގެ ރިޔާސީ އިންތިހާބު އަހަރަށްވެސް ވުމާއެކުގައި ވަރަށް ފޯރި އެބަހުރި މިކަމުގައި. ދެން އަޅުގަނޑުމެންގެ ޕާޓީގެ އެތެރޭގެ އިންތިހާބުތަކެއްވެސް ހިނގާނެ ކޮންފަރެންސެއް ކަމަށްވާތީ މަގާމުތަކަށް ވާދަކުރައްވާ ބޭފުޅުންގެ ތެރޭގައިވެސް ވަރަށް ވަރުގަދަ އިންތިހާބީ ރޫހެއް އެބަހުރި. އިރާދަކުރެއްވިއްޔާ ވަރަށް ކާމިޔާބު ޖަލްސާއަކަށް ވެގެން ދާނެ. ޔަގީން ކަށަވަރު،" އަލީ އާރިފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކޮންގްރެސްގެ ކުރިއަށް ބައެއް ގޮފިތައް އެކުލަވާލަންޖެހޭތީ ގޮފިތަކުގެ އިންތިހާބުތައް ބާއްވާނެ ކަމަށެވެ. އެކަމަށް އިންތިހާބީ ކޮމިޓީއެއް އެކުލަވާލާފައިވާތީ ކޮންގްރެސްގެ ކުރިން އިންތިހާބު ބާއްވާ، ކޮންގްރެސްގައި ބައިވެރިވާނެ ބޭފުޅުން ކަނޑައަޅާނެ ކަމަށްވެސް ވިދާޅުވި އެވެ.
ޖުމްހޫރީ ޕާޓީގެ ކޮންގްރެސް މިމަހުގެ 24 އަދި 25 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވަނީ މާލޭގަ އެވެ.
ކޮންގްރެސްގައި ޖޭޕީގެ އަސާސީ ގަވައިދަށް ވެސް ބައެއް ބަދަލުތައް ގެނައުމަށް ވަނީ ނިންމާފަ އެވެ. އެގޮތުން ގެންނަ އެންމެ މުހިއްމު އެއް ބަދަލަކީ ޕާޓީގެ ލީޑަރުގެ މަގާމު އުވާލުމެވެ. ޖޭޕީ އުފެއްދިފަހުން މިހާތަނަށް އެ ޕާޓީގެ ލީޑަރުގެ ގޮތުގައި ހުންނެވީ ގާސިމް އިބްރާހީމް އެވެ.
ޖުމްހޫރީ ޕާޓީގައި ރައީސްގެ މަގާމުގައި ހަތަރު ނައިބް ރައީސުންގެ މަގާމު މިހާރުވެސް އޮވެ އެވެ. ނަމަވެސް ޕާޓީގެ ރައީސްގެ މަގާމުގައި ހުންނެވި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އެ މަގާމުން ވަކިވެވަޑައިގެންނެވި ފަހުން އެ މަގާމުން އޮތީ ހުސްވެފަ އެވެ.
މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީން ވާދަކުރާނެ ކަމަށް އެ ޕާޓީން ކުރިން ބުނެފައިވެ އެވެ. ނަމަވެސް މިހާރު ބުނަނީ ޕާޓީގެ ކޮންގްރެސްގައި ޕާޓީގެ ކައުންސިލަށް މެންބަރުން ހޮވުމަށްފަހު ރިޔާސީ އިންތިހާބުގައި ޖޭޕީން ނިންމާނެ ގޮތެއް ކަނޑައަޅައި އިއުލާންކުރާނެ ކަމަށެވެ.