ލައިފްސްޓައިލް

ކައިވެންޏާއި އިމްތިހާނު އެއްދުވަހު އޮތުމުން ކައިވެނީގެ ހެދުމުގައި އިމްތިހާނު ހޯލަށް

ކޮންމެ އަންހެންކުއްޖަކަށް ވެސް އަލަތު ކައިވެނީގެ ދުވަހަކީ ވަރަށް ހާއްސަ ދުވަހެކެވެ. ހާއްސަކޮށް އިންޑިއާގައި ކައިވެންޏަށް ތައްޔާރުވުމުގެ ގޮތުން ހެދުން އެޅުމަކީ ވެސް ވަރަށް ބޮޑު ކަމެކެވެ. ނަމަވެސް ކައިވެނި ކުރަން ހަމަޖެހިފައިވާ ދުވަހު އިމްތިހާނެއް އޮވެއްޖިއްޔާ ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟

ބައެއް އަންހެން ކުދިން އިމްތިހާނު ކަޓުވާލާފައި ކައިވެނި ކުރަން ނިންމާނެ އެވެ. ނަމަވެސް އިންޑިއާގެ ކެރެލާގެ މި ޒުވާން އަންހެން މީހާ ނިންމީ އިމްތިހާނު ވެސް ހަދާށެވެ. އަދި ކައިވެނިވެސް ހަމަ އެ ދުވަހު ކުރާށެވެ. އެހެންވެ ކައިވެނީގެ ހެދުމުގައި އޭނާ އިމްތިހާނު ހޯލަށް ދިޔައީ އެވެ. އެ ހެދުމުގެ މަތިން ލެބް ކޯޓު ލައިގެން ސްޓެތެސްކޯޕް ވެސް ހިފައިގެންނެވެ.

ޝްރީ ލަކްޝްމީ އަނީލް ނަމަކަށް ކިޔާ މި ޒުވާނާ އަކީ ކެރެލާގެ ބެތާނީ ނަވަޖީވަން ކޮލެޖް އޮފް ފިޒިއޮތެރަޕީގެ ދަރިވަރެއް ކަމަށް އޭނާގެ ސޯޝަލް މީޑީއާ ޕްރޮފައިލްގައި ވެއެވެ.

ވަރަށް ރީއްޗަށް މޭކަޕްކޮށް ކައިވެނީގެ ހެދުމާއި ގަހަނާ އަޅައިގެން ލަކްޝްމީ އޭނާގެ މަންމައާ އެކު އައުމުން އެކުވެރިން ވަރަށް ހޫނު މަރުހަބާއެއް ކިޔާ މަންޒަރާއި އޭނާގެ ހެދުން ރީތިކޮށްދޭ މަންޒަރުވެސް ވައިރަލް ވެގެން އުޅޭ ވީޑީއޯގައި ފެނެ އެވެ. އަދި މަންމަ ގައިގައި ބައްދާލާފައި އިމްތިހާނު ހޯލަށް އޭނާ ވަދެގެންދާ ތަން ވެސް ފެނެ އެވެ.

"މެޑިކަލް ސްޓޫޑަންޓްސްގެ ދިރިއުޅުން. ކައިވެންޏާއި ފިޒިއޮތެރަޕީ ޓެސްޓް އެއް ދުވަހެއްގައި،" ވީޑީއޯގެ ތިރީގައި ލިޔެފައި ވެއެވެ.

މި ވީޑީއޯ އަށް ކޮމެންޓު ކުރި ބައެއް މީހުން ވަނީ ލަކްޝްމީ އަށް މަރުހަބާ ކިޔައި އޭނާގެ ހިތްވަރަށް ތައުރީފުކޮށްފަ އެވެ.

ކައިވެނީގެ ދުވަހު އިމްތިހާނު އޮތުމުން ވެސް އޭނާ އެކަން ނެގީ ވަރަށް ޕޮޒިޓީވްކޮށް ކަން މި ވީޑިއޯއިން ހާމަވާ ކަމަށްވެސް ބައެއް މީހުން ބުންޏެވެ.