ދުނިޔެ

ރެފިއުޖީން ބަހަންވާނީ ހަމަހަމައަށް: ޖަރުމަނު

ރަޝިއާ-ޔުކްރޭން ހަނގުރާމައަށް ބިރުން ފިލަން ދަތުރުކުރާ ޔުކްރޭންގެ އެތައް ބަޔަކު ޔޫރަޕަށް އަރައި ގައުމުތަކުގައި ވަނީ ތޮއްޖެހިފަ އެވެ. ބައެއް ގައުމުތަކުގައި އެހެން ގައުމުތަކަށް ވުރެ ރެފިއުޖީން ގިނަވުން ވަނީ ވަރަށް ބޮޑު މައްސަލައަކަށް ވެސް ވެފަ އެވެ.

ޖަރުމަނުގެ އިންޓިރިއާ މިނިސްޓަރު ނޭންސީ ފޭޒާ ވިދާޅުވި ގޮތުގައި ވަކި ގައުމަކަށް ޕްރެޝަރު ބޮޑުވާ ގޮތަށް ރެފިއުޖީން ދޫކޮށްލުމަކީ އެދެވޭ ގޮތެއް ނޫނެވެ. އަމިއްލައަށް އިސްނަގައިގެން ވެސް ރެފިއުޖީންނާ އަޅާލުން ރަނގަޅުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ރެފިއުޖީންގެ ހާލަތު ގޯހުން ގޯހަށް ހިނގައިދާނެ ކަމަށް ބިރު އޮތް ކަމަށް އޭނާ ވިދާޅުވި އެވެ. ގައުމުތަކުގެ މެދުގައި މަޝްވަރާކުރުމާ އެކު ހަމަހަމަ އުސޫލަކުން ރެފިއުޖީން ބައިކުރަން ފެނިވަޑައިގަންނަވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ނޭންސީ ފޭޒާ ވިދާޅުވި ގޮތުގައި ޕޯޓްލަންޑްގައި 1.5 މިލިއަން ޔުކްރޭން ރެފިއުޖީން ތިބިއިރު ސްޕެއިންގައި ތިބީ 160،000 ރެފިއުޖީންނެވެ. މިއީ ހަމަހަމަ ބައިކުރުމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

ފޭޒާ ވިދާޅުވީ އެއްވެސް ޕްރެޝަރެއް ނެތި އެއް މިލިއަން ޔުކްރޭން ރެފިއުޖީންނަށް އެހީތެރިވުމަށް ޖަރުމަނު ތައްޔާރު ކަމަށެވެ. އަދި މިއީ އެންމެ ކުރިން ވެސް އެއްބަސްވި އަދަދު ކަމަށް އޭނާ ވިދާޅުވި އެވެ.

ޖަރުމަނަށް ރެފިއުޖީން ގޮތުގައި އަންނަ ކޮންމެ 10 ރެފިއުޖީއަކުން އަށް ރެފިއުޖީ ނިސްބަތް ވަނީ ޔުކްރޭނަށް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ޔުކްރޭން ހަނގުރާމައިގެ ސަބަބުން ހާލުގައި ޖެހި ރެފިއުޖީންގެ ގޮތުގައި ޔުކްރޭންގެ އަށް މިލިއަން މީހުން ގައުމުން ބޭރުގައި ތިބި ކަމަށް އދ. އިން ބުނެ އެވެ. މީގެތެރެއިން 4.8 މިލިއަން ރެފިއުޖީން ޔޫރަޕްގެ ގައުމެއްގައި ރަޖިސްޓްރީ ވުމަށް އެދިފަައިވާ ކަމަށް ވެސް އދ. އިން ބުނެ އެވެ.

ރަޝިއާގެ ޓާސް ނޫސް ބުނާ ގޮތުން ޔުކްރޭންގެ 5.2 މިލިއަން ރެފިއުޖީންނަށް ރަޝިއާއިން ވަނީ ހިޔާވަހިކަން ދީފަ އެވެ. އޭގެ ތެރޭގައި 730،000 ކުޑަކުދިން ވެސް ހިމެނެ އެވެ.