ފިނިޕޭޖް

ސްޓާޒްއިން "ސްޕާޓަކަސް"ގެ ރިވައިވަލް ހަދަނީ

ސްޓާޒް ނެޓްވޯކް އިން 2010 އިން 2013 އަށް ނެރުނު "ސްޕާޓަކަސް" ސީރީޒްގެ ރިވައިވަލްއެއް ހަދަނީ އެވެ. މިއީ ވަރަށް ކާމިޔާބުކަމާއެކު ހިނގި ސީރީޒެކެވެ.

މި ރިވައިވަލް ލިޔާނީ މި "ސްޕާޓަކަސް" ސީރީޒް އުފެއްދި ސްޓީވަން އެސް. ޑީނައިޓް އެވެ.

މި ސީރީޒް އިންސްޕަޔާވެފައިވަނީ ތާރީހީ ތްރޭސިއަން ދަރިކޮޅުގެ ގްލޭޑިއޭޓާއެއް ކަމުގައިވާ ސްޕާޓަކަސްއިންނެވެ.

ސްޕާޓަކަސް ވަނީ ރޯމަނުންގެ ވެރިކަމާ އިދިކޮޅަށް 71 އިން 73 ބީސީއާ ދެމެދު އަޅުންގެ ބޮޑު ބަގާވާތެއް ލީޑްކޮށްފަ އެވެ.

ސްޕާޓަކަސްގެ ހަޔާތުގެ ކުރީކޮޅު ސާފުކޮށް އެނގެން ނެތުމުން، ސްޓީވަން އާއި އެގްޒެކްޓިވް ޕްރޮޑިއުސަރުން ވަނީ މި ސީރީޒްގައި ސްޕާޓަކަސްގެ ހަޔާތުގެ ކުރީކޮޅާއި ތާރީހުން ފެންނަން އޮތް ހިސާބާ ހަމައަށް ގެނެސްދީފަ އެވެ.

ޖެނުވަރީ 2010 ގައި ނެރުނު މި ޝޯގެ ފުރަތަމަ ސީޒަން "ސްޕާޓަކަސް: ބްލަޑް އެންޑް ސޭންޑް" ގައި ސްޕާޓަކަސްގެ ރޯލް އަދާކޮށްފައިވަނީ އެންޑީ ވިޓްފީލްޑް އެވެ. ފުރަތަމަ ސީޒަނަށްފަހު އެންޑީއަށް ކެންސަރުގެ ބާވަތެއް ކަމުގައިވާ ސްޓޭޖް ފޯ ނޮން-ހޮޖްކިން ލިމްފޯމާ ޖެހުމުން، އެ ޝޯގެ ބައެއް ކެރެކްޓާތައް ހިމަނައިގެން ޕްރީކުއެލް މިނީ ސީރީޒެއް "ގޯޑްސް އޮފް ދި އެރީނާ"ގެ ނަމުގައި ނެރުނެވެ. 2011 ގައި އެންޑީ މަރުވުމާ ގުޅިގެން ދެން ނެރުނު ދެ ސީޒަންގައި ސްޕާޓަކަސްގެ ރޯލް އަދާކޮށްފައިވަނީ ލިއަމް މެކްއެންޓަޔާ އެވެ.

"ސްޕާޓަކަސް"ގެ ރިވައިވަލް ސެޓްކޮށްފައިވަނީ އަޅުންގެ އާމީ ދަށްވެ، ސްޕާޓަކަސްގެ މަރަށް ފަހުންނެވެ. އަދި އޮރިޖިނަލް ސީރީޒްގެ ކެރެކްޓާތައް ހިމެނޭނެ ކަމަށް ސްޓާޒްއިން ބުނެފައިވެ އެވެ. އެހެންނަމަވެސް މީގެ އިތުރު ތަފްސީލް އަދި ހާމަކޮށްފައެއް ނުވެ އެވެ.