ސިވިލް ކޯޓް

ޕީއެޗްޑީ ކޯހުގެ ސެޓްފިކެޓް ބަލައި ގަންނަން އަމުރެއް ނުކުރެވޭނެ: ސިވިލް ކޯޓު

ރާއްޖެއިން ބޭރުގެ ޕީއެޗްޑީ ކޯހެއްގެ ސެޓްފިކެޓް ގަބޫލުނުކުރަން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) ނިންމާފައި ވަނިކޮށް އެ ސެޓްފިކެޓް ބަލައިގަންނަން އަމުރު ނުކުރެވޭނެ ކަމަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.

ޕީއެޗްޑީ ކޯހުގެ ސެޓްފިކެޓް ބަލައިގަތުމަށް އަމުރު ކުރެވެން ނެތް ނަމަވެސް އެކަމުގެ ސަބަބުން ލިބުނު ގެއްލުމަށް އެމްކިއުއޭއިން ޒިންމާ ނަގަން ޖެހޭނެ ކަމަށް ސިވިލް ކޯޓުގެ ހުކުމުގައި ބުނެފައިވެ އެވެ.

ފިލިޕީންސް ކޮލެޖަކުން ސަނަދު ލިބޭ ގޮތަށް ސްރީލަންކާގެ ކޮލްޖަކުން ކުރިއަށް ގެންދިޔަ ޕީއެޗްޑީ ކޯސް ބަލައި ނުގަންނަން އެމްކިއުއޭއިން ނިންމީ 2018 ވަނަ އަހަރު އެވެ. ނަމަވެސް އެ ކޯހުގެ ކިޔެވުން ފެށުނުއިރު އެމްކިއުއޭ އިން ބުނީ ކޯސް ބަލައިގަންނާނެ ކަމަށެވެ.

2018 ވަނަ އަހަރު އެމްކިއުއޭއިން އެ ޕީއެޗްޑީ ކޯސް ބަލައިނުގަންނަން ނިންމި ނަމަވެސް އޭރު ކިޔަވަމުން ދިޔަ ދަރިވަރުންގެ ސެޓްފިކެޓް ބަލައިގަންނާނެ ކަމަށް އޭރު އެމްކިއުއޭއިން އެންގި އެވެ. ނަމަވެސް 2021 ވަނަ އަހަރު ކޯސް ނިންމުމަށްފަހު ސެޓްފިކެޓް ވެލިޑޭޓް ކުރަން ހުށަހެޅުމުން ސެޓްފިކެޓް ބަލައި ނުގަންނަން އެމްކިއުއޭ އިން ވަނީ ނިންމާފަ އެވެ.

މި މައްސަލަ ތިން މީހެއްގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅުމުން މައްސަލަ ބެލުމަށްފަހު ކޮށްފަައިވާ ހުކުމުގައި ބުނެފައިވަނީ ރާއްޖެއިން ބޭރުގެ ޕީއެޗްޑީ ޕްރޮގްރާމްތައް ގަބޫލުކުރުމުގެ އުސޫލުތައް އޮންނަ ގޮތުން އެ ކޯހުގެ ސެޓްފިކެޓް ގަބޫލުކުރަން އެމްކިއުއޭގެ މައްޗަށް އަމުރު ނުކުރެވޭނެ ކަމަށެވެ.

އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅި ތިން މީހުންގެ ތެރެއިން އެކަކު ވަނީ ލިބުނު ގެއްލުމުގެ ބަދަލުގައި 23 މިލިއަން ރުފިޔާ ހޯދައިދިނުމަށް އެދިފަ އެވެ. އަދި ބާކީ ދެމީހުން ވަނީ ކޮންމެ މީހަކަށް 16 މިލިއަން ރުފިޔާގެ ބަދަލެއް ހޯދައިދިނުމަށް އެދިފަ އެވެ.

ސިވިލް ކޯޓުގެ ހުކުމުގައި ބުނެފައިވަނީ އެ މިންވަރަށް ގެއްލުން ވެފައިވާކަން ސާބިތުކޮށްދެވިފައި ނުވާތީ ބަދަލުގެ ގޮތުގައި އެ އަދަދަށް ފައިސާ ނަގައި ދެވެން ނެތް ކަމަށެވެ.

އެމްކިއުއޭއިން ބުނީ 2016 ވަނަ އަހަރު އެ ކޯސް ގަބޫލުކުރާކަން އަންގާފައިވަނީ ބަލަންޖެހޭ ކަންކަން ބެލުމެއް ނެތި ކަމަށެވެ.