އެސްޓީއޯ

ކޭޝިއަރެއް ނުހުންނަ ފިހާރަ މާޗުގައި ހުޅުވަނީ

Feb 13, 2023

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ކޭޝިއަރެއް އަދި ސޭލްސް މަނެއްވެސް ބޭނުންނުކޮށް، ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ވިޔަފާރިކުރެވޭ ގޮތަށް ތައްޔާރުކުރަމުންދާ ފިހާރަ ކުރިއަށް އޮތް މާޗް މަހު ހުޅުވުމަށް ތައްޔާރުވެއްޖެ އެވެ.

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމުރު މިއަދު ވިދާޅުވީ "އެސްޓީއޯ ސްމާޓް ސްޓޯރު" ނުވަތަ ކޭޝިއަރެއް ނުހުންނަ ފިހާރަ އަންނަ މާޗުގައި ހުޅުވާނެ ކަމަށެވެ.

އެސްޓީއޯގެ މި ފިހާރަ އަކީ ކޭޝިއަރު ނެތި ޓެކްނޮލޮޖީއެއް ބޭނުންކޮށްގެން ވިޔަފާރި ކުރެވޭ ގޮތަށް ރާއްޖޭގައި ހަދަމުންދާ ފުރަތަމަ ފަހަރެވެ.

މި ފިހާރަ ހިންގައި ސްޓޮކް ބެލެހެއްޓުމަށް އެ ކުންފުނިން ބޭނުންކުރާނީ އާޓިފިޝަލް އިންޓެލިޖެންސް ވިޝަން ޓެކްނޮލޮޖީ އެވެ. އަދި ފިހާރައިގައި ކޭޝިއަރުންނާއި ސޭލްސް މަނުން ނުތިބޭނެ އެވެ.

މި ފިހާރައިން ވިޔަފާރިކުރާ ކަސްޓަމަރުން ފިހާރައަށް ވަދެ ބޭނުންވާ ސާމާނު ހިފައިގެން ނިކުމެގެން ދާންވީ އެވެ. ވިޔަފާރީގެ ހުރިހާ މުއާމަލާތެއް ވެސް ކުރެވޭނީ މޯބައިލް އެޕްލިކޭޝަނެއް މެދުވެރިކޮށެވެ. މިގޮތުން އެ އެޕްގައި އެމީހެއްގެ ބޭންކު ކާޑު ރަޖިސްޓްރީކޮށް ލޮގިންއެއް ހެދައިގެން މި ހިދުމަތް ބޭނުންކުރެވޭނެ އެވެ.

މި ފިހާރައަށް ވަދެވޭނީ ފިހާރައިގެ ދޮރުގައި އިންނަ ކިއުއާރު ކޯޑު ސްކޭން ކޮށްގެނެވެ. އަދި ދެން ބޭނުންވާ ސާމާނު ނަގައިގެން ކަސްޓަމަރުން ނުކުންނަތާ ސިކުންތު ކޮޅެއްގެ ތެރޭގައި އެޕްގައި އިންޓަގްރޭޓުކޮށްފައި އިންނަ ކާޑުން ފައިސާ ކެނޑޭނެ ކަމަށް އެސްޓީއޯ އިން މައުލޫމާތުދެ އެވެ.

މި ފިހާރަ އިން އެ ކުންފުނިން އެތެރެކޮށް ވިއްކާ ތަކެތީގެ އިތުރުން އެހެން ވިޔަފާރިތަކުގެ އުފެއްދުންތައް ވެސް ލިބެން ހުންނާނެ އެވެ.

އެސްޓީއޯ އަކީ 1964 ވަނަ އަހަރު އަތިރީމާފަންނު ޓުރޭޑިން އެކައުންޓުގެ ނަމުގައި ފެށިގެން އައި ވިޔަފާރިއެކެވެ. އެ ކުންފުނިން އަންނަނީ ރާއްޖެއަށް ޒަމާނީ ޓެކްނޮލޮޖީ ތައާރަފުކޮށް ތަފާތު އުފެއްދުންތައް އެތެރެކޮށް ވިއްކަމުންނެވެ.