ކުޑަކުދިންނާއި ބޮޑެތި މީހުންނަށް ވެސް މިހާރަކަށް އައިސް ދިމާވާ އެންމެ ބޮޑު އެއް މައްސަލައަކީ ނިދި ނައުމެވެ. އެނދުގައި އެތައް އިރެއް ވަންދެން ފުރޮޅި ފުރޮޅި އޮތަސް ނުނިދޭ މައްސަލަ އެވެ. ސޯޝަލް މީޑިއާގައި މިހާރު ޓްރެންޑް ވެގެން އުޅޭ އެއް ވާހަކައަކީ މިއެވެ. އަދި ޓިކްޓޮކް ވީޑީއޯއެއްގައި މިކަމަށް ރަނގަޅު ހައްލެއް ކިޔައިދީފައި ވެއެވެ.
މިސް. އަލަނާ ބްލެކް ކިޔާ މީހެއް ޝެއާ ކޮށްފައިވާ މި ވީޑިއޯ މިހާތަނަށް ދެ މިލިއަނަށް ވުރެ ގިނަ މީހުން ބަލާފައި ވެއެވެ.
އަލަނާ ބުނެފައިވާ ގޮތުގައި އޭނާއަކީ ވެސް ކުރިން ނުނިދޭ މައްސަލަ ބޮޑު މީހެކެވެ. ނަމަވެސް މިހާރު އެ މައްސަލަ މުޅިން ހައްލުވެއްޖެ އެވެ. ރޭގަނޑު ނުނިދިގެން ހޭލާ އޮންނާކަށް މިހާރު އޭނާއަކަށް ނުޖެހެ އެވެ.
އޭނާ ބުނި ގޮތުގައި ރޭގަނޑު ހަމަ ނިދި ނިދާލަން ބޭނުންވާ ކުޑަކުދިންނާއި ބޮޑެތި މީހުންނަށް ވެސް އެންމެ ރަނގަޅު އެއްޗެއްގެ ގޮތުގައި އޭނައަށް ފެންނަނީ ޗެރީ ޖޫސް ބުއިމެވެ.
"އަހަރެންނަށް ނިދީގެ މައްސަލަ ދިމާވާ ވަރުން ވަރަށް ގިނަ ވައްތަރުގެ ސަޕްލިމެންޓްތައް ވެސް މީގެ ކުރިން ބޭނުންކުރިން. އަދި ޗެރީ ޖޫހުން މިހާ ރަނގަޅު ނަތީޖާއެއް ފެނިދާނެ ކަމަކަށް ކުރިން ހިއެއް ނުކުރަން،" ބްލެކް ލިޔެފައި ވެއެވެ.
އޭނާގެ ވީޑިއޯއަށް ކޮމެންޓުކުރި ވަރަށް ގިނަ މީހުން ބްލެކްގެ މި ވާހަކައަށް އެއްބަސްވެފައި ވެއެވެ. އަދި ޗެރީ ޖޫސް ބޯން ފެށުމުން ރަނގަޅަށް ނިދެން ފަށައިފި ކަމަށާއި އެއްވެސް ބޭހެއް ބޭނުންކުރަން މިހާރު ނުޖެހޭ ކަމަށްވެސް ބައެއް މީހުން ބުނެފައި ވެއެވެ.
ޗެރީ ޖޫހަކީ ހަމަ ހަގީގަތުގައި ވެސް ނިދުމަށް އެހީތެރިވެދޭ އެއްޗެއް ހެއްޔެވެ؟ ސައިންސްވެރިން މިއާ މެދު ބުނަނީ ކީކޭ ހެއްޔެވެ؟
ކްލީވް ލޭންޑް ކްލިނިކުގެ މައުލޫމާތު ތަކަށް ބަލާއިރު ޓާޓް ޗެރީ (ޗެރީގެ ހުތް ވައްތަރު)ގައި މެލަޓޯނިން އާއި ޓްރިޕްޓޮފަން ހުރެ އެވެ. މެލަޓޯނިން އަކީ ނިދުމަށް އެހީތެރިވެދީ އަދި ނިދުމާއި ހޭލުމުގެ ސައިކަލް މެނޭޖްކުރާ ހޯމޯން އެވެ. ޓްރިޕްޓޮފަން އަކީ އެމިނޯ އެސިޑް އެކެވެ. މިއީ މެލަޓޯނިން އުފައްދަން އެހީތެރިވެދޭ އެއްޗެކެވެ.
"ޓާޓް ޗެރީ ޖޫސް ބުއިމުން ނިދަން ފަސޭހަވާ ވާހަކަ އަކީ ވަރަށް ބުއްދި ގަބޫލުކުރަން ފަސޭހަ ވާހަކައެއް. ސަބަބަކީ ޗެރީގައި ޓްރިޕްޓޮފަން ހުންނާތީ،" ސްލީޕް ކޮންސަލްޓަންޓެއް ކަމަށްވާ ކެލީ މުރޭ ވިދާޅުވެފައި ވެއެވެ.
ކްލީވްލޭންޑް ކްލިނިކުން ވެސް ބުނެފައިވަނީ ޓާޓް ޗެރީޒް ބޭނުންކުރުމުން އަވަހަށް އަދި ގިނަ އިރު ނިދާލަން އެހީތެރިވެދޭ ކަމަށެވެ.
މިކަމާ ގުޅޭ ދިރާސާއެއް 2012 ގައިވެސް ހަދާފައިވެ އެވެ. މި ދިރާސާގައި ބައިވެރިވި ސިއްހަތު ރަނގަޅު ޒުވާން 20 ވޮލަންޓިއަރުންނަށް ރޭގަނޑު ނިދުމުގެ 30 މިނިޓް ކުރިން ޓާޓް ޗެރީ ޖޫހުގެ އެއް އައުންސް ބޯންދީގެން އެމީހުންގެ ނިދުމުގެ ޕެޓާން އަށް އައި ބަދަލުތައް ދިރާސާ ކޮށްފައި ވެއެވެ.
ދިރާސާގެ ނަތީޖާ ދެއްކި ގޮތުގައި ޗެރީ ޖޫސް ދިން މީހުންގެ ހަށިގަނޑުގައި މެލަޓޯނިން އުފެދުނު މިންވަރު ވަރަށް ބޮޑަށް އިތުރެވެ.
ނިދުމުގެ މައްސަލަ ދިމާވާނަމަ ޓާޓް ޗެރީ ޖޫސް ބުއިން ރަނގަޅުތަ؟
ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި ނުނިދިގެން އުޅެން ޖެހޭނަމަ ޓާޓް ޗެރީ ޖޫސް ބުއިން ރަނގަޅެވެ. އެކަމަކު މި ޖޫސް ބޯން ފެށުމުގެ ކުރިން ޑޮކްޓަރަކަށް ދައްކައި ލަފާ ހޯދުން މުހިއްމެވެ. އަދި ޖޫސް ބޯނަމަ އެ ޖޫހެއްގެ ބްރޭންޑް ބަލައި ހަކުރު ނާޅާ ހުންނަ ޖޫސް ބުއިމުގެ މުހިއްމުކަން ވެސް ތަޖުރިބާކާރުން ފާހަގަކުރެއްވި އެވެ.
ސަބަބަކީ ހަކުރު އަޅާފައި ހުންނަ ޖޫސް ބުއިމުން ހަކުރު މައްޗަށް ދިއުމަކީ އެކަށީގެންވާ ކަމަކަށް ވާތީ އެވެ. ޚާއްސަކޮށް ނިދަން އޮށޯންނަ ގަޑީގައި މިފަދަ ޖޫސް ބުއިމުން ހަކުރު މައްޗަށް ހިނގައިދާނެ ކަމަށް ތަޖުރިބާކާރުން ވިދާޅުވެ އެވެ.
އެންމެ ރަނގަޅު ގޮތެއް ކަމަށް ތަޖުރިބާކާރުން ވިދާޅުވަނީ ކާއިރު ޗެރީ ޖޫސް ކޮޅެއް ކެއުމުގައި ބޭނުންކުރުމެވެ. އަދި ނިދަން އެހީތެރިވެދޭ ކާނާގެ ތެރޭގައި ހިމެނޭ ޗީޒް ނުވަތަ އާމަންޑް ފަދަ އެއްޗަކާ އެކު ޖޫސްކޮޅެއް ބުއިމެވެ.