ދުނިޔެ

ޔުކްރޭން ހަނގުރާމަ ނުކޮށް ހަމަޖެއްސެން އޮތް: ސިލްވިއޯ ބެރްލޮސްކޯނީ

ޔުކްރޭންގެ ރައީސް ވޮލޮދިމީރު ޒެލެންސްކީއާ މެދު އޮތް ނުތަނަވަސްކަން އިޓަލީގެ ކުރީގެ ބޮޑުވަޒީރުް ސިލްވިއޯ ބެރްލޮސްކޯނީ ހާމަކުރައްވައިފި އެވެ. އޭނާ ވިދާޅުވި ގޮތުގައި ޔުކްރޭން ހަނގުރާމައަކީ ޒެލެންސްކީގެ ޒިންމާދާރުކަމެއް ނެތުމުން ކުރަން ޖެހިފައި އޮތް ހަނގުރާމައެކެވެ.

ބެރްލޮސްކޯނީ ވިދާޅުވި ގޮތުގައި ޒެލެންސްކީއަށް ޝަރުތުކުރެވުނު ހަމައެކަނި ކަމަކީ ދޮންބާސްއަށް ހަމަލާނުދިނުމެވެ. އެ ގޮތުގައި އޭނާ ރަޝިއާއަށް ކުޑަވަރެއްގެ ދުލެއް ދެއްވި ނަމަވެސް، އެތައް މިލިއަން ބައެއްގެ ގެދޮރު ގެއްލި، ފުރާނަތަކެއް ދުނިޔެއާ ވަކިވެން ނުދިޔައީހެވެ.

ބެރްލޮސްކޯނީ މި މޭރުމުން ވާހަކަދައްކަވައި އުދާސްތައް ބޭރުކޮށްލެއްވީ އިޓަލީގެ ބޮޑުވަޒީރު ޖޯޖިއާ މެލޯނީ، ޔުކްރޭންގެ ރައިސް ޒެލެންސްކީއާ ބައްދަލުކުރައްވަން އެއްބަސްވެ ވަޑައިގަތުމާ ގުޅިގެންނެވެ.

ސިލްވިއޯ ބެރްލޮސްކޯނީ، 86، ވިދާޅުވީ އިޓަލީގެ ވެރިކަމުގައި އޭނާ ހުންނެވި ނަމަ ޒެލެންސްކީއާ ބައްދަލު ނުކުރައްވާނެ ކަމަށެވެ. ސަބަބެއް ކަމަށް ވިދާޅުވީ ޔުކްރޭން ސުންނާފަތިވެގެން އެ ދަނީ ޒެލެންސްކީގެ ބޯހަރުކަމުގެ ސަބަބުން ކަމަށް ވާތީ އެވެ.

"ޒެލެންސްކީއާ މެދު އަޅުގަނޑު ރަނގަޅު ގޮތަކަށް ނުދެކެން،" ބެރްލޮސްކޯނީ ވިދާޅުވި އެވެ.

"އޭނާއަށް ކުރެއްވެން އޮތް ވަރަށް ކުޑަކަމެއް ދޫކޮށްލައިވައި، ބޮޑު ހަނގުރާމައެއް ފެށުމުން ދޭހަވަނީ ޒެލެންސްކީ އަކީ ވެރިކަމަށް ކުފޫހަމަވާ މީހެއް ނޫނޭ" ބެރްލޮސްކޯނީ ވިދާޅުވި އެވެ.

ބެރްލޮސްކޯނީ ވިދާޅުވި ގޮތުގައި އޭނާގެ އެދިވަޑައިގަތުމަކީ އެމެރިކާ އިސްވެ ސުލްހައަށް ފުރުސަތު ހުޅުވާލުމެވެ. އަދި ޒެލެންސްކީއަށް ވިސްނައި ދެއްވައި -- އޭނާގެ ރުހުމާ އެކު ހަނގުރާމަ ނިންމުމެވެ.

ސިލްވިއޯ ބެރްލޮސްކޯނީ މި މޭރުމުން ވާހަކަދެއްކެވުމުން އޭނާގެ އަމިއްލަ ޕާޓީ ތެރޭގައި ވެސް ވަނީ ހިޔާލު ތަފާތުވުން އުފެދިފަ އެވެ. ސަރުކާރާ އެކު ކޯލިޝަން ހަދައިގެން އޮތް އޭނާގެ ފޮރްޒާ އިޓަލިއާ ޕާޓީން ސަރުކާރުގެ މަގާމުތަކުގައި ތިއްބެވި ވަޒީރުން ވެސް ވަނީ ސަރުކާރުގެ ދިފާއުގައި ވާހަކަދައްކަވާފަ އެވެ.

ބެރްލޮސްކޯނީއަށް ރައްދު ދެއްވައި ބޮޑުވަޒީރުގެ އޮފީހުން ވެސް ވަނީ ބަޔާނެއް ނެރެފަ އެވެ. އެ ބަޔާނުގައި ބުނެފައި ވަނީ އިޓަލީ އޮތީ ޔުކްރޭނާ އެކު ކަމަށާއި ޔުކްރޭނަށް މިނިވަންކަން ހޯދައިދިނުމަކީ ޔޫރަޕްގެ ވައުދެއް ކަމަށެވެ. އަދި އިޓަލީ އޮތީ އެ ވައުދު ފުއްދައި ދިނުމަށް ތައްޔާރަށް ކަމަށެވެ.