އައި ކެއާ

ބްލޫ ލައިޓުގެ ސަބަބުން ކުރިމަތިވާ ސިއްހީ މައްސަލަތަކުން ރައްކާތެރިވެލައްވާ

Feb 14, 2023

ބްލޫ ލައިޓަކީ އިންސާނުންގެ ލޮލަށް ފެންނަ ކުލަ ސްޕެކްޓްރަމް ތެރޭގައި ހިމެނޭ ވަރަށް ކުރު، 'އެނާޖީ ހައި ވޭވް' ތަކެއް ހިމެނޭ އައްޔެކެވެ. އެހެން ކަމުން އެހެން ހުރިހާ ބާވަތެއްގެ އައްޔަށް ވުރެ ބްލޫ ލައިޓުން އަހަރެމެންގެ ލޮލަށް ލިބޭ ގެއްލުން ބޮޑެވެ.

އެންމެ ބޮޑަށް ބްލޫ ލައިޓު ލިއްބައިދޭ އެއްޗަކީ އިރެވެ. އަދި އާޓިފިޝަލް ބްލޫ ލައިޓު ލިއްބައިދޭ އެއްޗެތީގެ ތެރޭގައި ސްމާޓް ފޯނާއި، ޓެބްލެޓް، ލެޕްޓޮޕް، ކޮންޕިއުޓަރު އަދި ޓީވީ ފަދަ ޑިޖިޓަލް ސްކްރީން ހިމެނެ އެވެ.

ބްލޫ ލައިޓަކީ އޭގެ ސަބަބުން މީހާގެ މޫޑާއި ހަނދާން ރަނގަޅު ކޮށްދިނުމުގެ އިތުރުން ބައެއް މަސައްކަތްތަކަށް ސިކުނޑި ހޭލުންތެރިކުރުވާފައި ބަހައްޓައިދޭ އައްޔެކެވެ. ނަމަވެސް މާގިނަ ވަގުތު ބްލޫ ލައިޓަށް ބެލޭނަމަ، އޭގެން ސިއްހަތަށް ނޭދެވޭ އަސަރު ކުރުން އެކަށީގެންވެ އެވެ. ހަށިގަނޑުގެ ނިދުމާއި ހޭލުމުގެ ވަގުތު އަންގައިދޭ ގުދުރަތީ ނިޒާމަށްވެސް ބްލޫ ލައިޓުގެ ސަބަބުން އަސަރު ކުރެ އެވެ.

ބްލޫ ލައިޓުގެ ސަބަބުން ދިމާވެދާނެ ބައެއް ސިއްހީ މައްސަލަތަކުގެ ތެރޭގައި ލޮލުން ފެންހިކުން ނުވަތަ ފެން އައުން، ވަރުބަލިވުން އަދި ބޮލުގަ ރިއްސުން ހިމެނެ އެވެ. ލޯ ފުސްވުން، 'ފޯކަސް' ކުރަން އުނދަގުވުން، ކަނދުރާ އާއި ކޮނޑުގައި ރިހުން އަދި ނިދަން އުނދަގޫވުން ފަދަ މައްސަލަތަކަކީވެސް ބްލޫ ލައިޓުގެ ސަބަބުން ކުރިމަތިވާ ބައެއް މައްސަލަތަކެވެ.

ހުރިހާ މަސައްކަތެއްވެސް ޑިޖިޓަލްވެފައިވާ ޒަމާނުގައި ބްލޫ ލައިޓުގެ އަސަރު ލޮލަށް އެއްވެސް ވަރަކަށް ނުކުރާނެ ގޮތެއް ހޯދުން އެއީ ވަރަށް އުނދަގޫ ކަމެކެވެ. އެހެންކަމުން ބްލޫ ލައިޓު ބްލޮކް ކުރާ އައިނު އެޅުމަކީ މިކަމުން ރައްކާތެރިވުމަށް އޮތް އެންމެ ރަނގަޅު ގޮތެވެ. ބްލޫ ލައިޓު ބްލޮކް ކޮށްދޭ އައިނުގެ ލެންސުގައި ބްލޫ ލައިޓު ފިލްޓަރ ކުރާނެ ހާއްސަ ފަށަލައެއް ހިމެނެ އެވެ.

ބްލޫ ލައިޓުގެ އަސަރު މަދުކުރުމުގެ ގޮތުން ގޭގައި ރަތް ނުވަތަ ވޯމް ލައިޓު ހިމެނޭ ބޮކި ބޭނުންކުރެވިދާނެ އެވެ. އަދި ބޭނުންކުރާ ޑިވައިސްތަކުގައި ބްލޫ ލައިޓު ފިލްޓާކުރާ ސްކްރީން ނުވަތަ ކަވަރެއް ހަރުކުރެވިދާނެ އެވެ. އަދި ސްކްރީންތަކަށް ނުބަލާ ބައެއް ވަގުތުތަކުގައި ލޮލަށް އަރާމުދޭންވާނެ އެވެ.

ބްލޫ ލައިޓުން ލޯ ރައްކާތެރިކުރުމަށް ކުރެވޭނެ އެންމެ ރަނގަޅު ކަމަކީ ސްކްރީން ބޭނުންކުރާ ވަގުތު މަދު ކުރުމެވެ. އަދި ރައްކާތެރިވުމުގެ ގޮތުން ބްލޫ ލައިޓު ބްލޮކް ކޮށްދޭ އައިނު ބޭނުންކުރުމެވެ.