ފިނިޕޭޖް

ޝެފް ގިއާޑާ 20 އަހަރަށް ފަހު ފުޑް ނެޓްވޯކް ދޫކޮށްލަނީ

އިޓެލިއަން-އެމެރިކަން ޝެފް ގިއާޑާ ޑި ލޯރެންޓީސް 20 އަހަރަށް ފަހު ފުޑް ނެޓްވޯކްއިން ވަކިވަނީ އެވެ.

ފުޑް ނެޓްވޯކް އިން ބުނީ ކެއްކުމުގެ ދުނިޔޭގައި ގިއާޑާ އަކީ ޝާހީ ބޭފުޅެއް ކަމަށާއި އޯޑިއަންސަށް 20 އަހަރުތެރޭގައި ހުރިހާ ވައްތަރެއްގެ ޕާސްތާގެ ނަން ކިޔަން ދަސްކޮށްދިން ކަމަށެވެ. އަދި ގިއާޑާއާ އެކުގައި މިހާތަނަށް އުފައްދާފައިވާ ކޮންޓެންޓާ މެދު އަބަދުވެސް ފަހުރުވެރިވާ ކަމަށާއި ފުޑް ނެޓްވޯކްގެ މޭޒާއި ސީޓް އަބަދުވެސް ގިއާޑާއަށް ހުޅުވިފައި ހުންނާނެ ކަމަށެވެ.

އެ ނެޓްވޯކްއާ ގުޅިގެން "އެވްރިޑޭ އިޓޭލިއަން"، "ގިއާޑާސް ވީކްއެންޑް ގެޓްއަވޭ"، "ގިއާޑާ އެޓް ހޯމް"، "ގިއާޑާ އިން އިޓަލީ" އާއި "ސިމްޕްލީ ގިއާޑާ" ފަދަ ކައްކާ ޝޯތައް ގެނެސްދީފައިވެ އެވެ. އަދި "ގިއާޑާ އެންޓަޓޭންސް" ޝޯ އަށާއި ގިއާޑާއަށް ޑޭޓައިމް އެމީ އެވޯޑް ލިބިފައިވެ އެވެ. ގިއާޑާގެ ކުރިން އުފައްދާފައިވާ ފުޑް ނެޓްވޯކް ޝޯތައް އެ ނެޓްވޯކްގައި އަދި ޑިސްކަވަރީ ޕްލަސްގައި ދައްކަމުންދާނެ އެވެ.

ގިއާޑާ ފުޑް ނެޓްވޯކްއިން ވަކިވެ، ބަދަލުވަނީ އެމެޒޯން ސްޓޫޑިއޯ އަށެވެ. ގިއާޑާ މި ހަބަރު އިއުލާންކޮށްފައިވަނީ އެމެޒޯން ސްޓޫޑިއޯޒް ޓެގް ކޮށްފައި އޭނާގެ އިންސްތަގްރާމްގައި ކުރި ޕޯސްޓެއްގަ އެވެ.

އެމެޒޯންއާއެކު ގިއަޑާ ޑީލް ހަދާފައިވަނީ ގިނަ އަހަރުތަކަކަށް ސްކްރިޕްޓް ނުހިމަނާ ފަދަ ޕްރޮގްރާމްތަކެއް އުފައްދާ އަދި ޕްރޮޑިއުސްކުރުމަށެވެ.

ޕެރިސްގެ ލި ކޯޑަން ބްލޫއިން ކިޔެވި ގިއަޑާ ވަނީ އެކި ރެސްޓޯރަންޓްތަކުގައި މަސައްކަތްކޮށްފަ އެވެ. އަދި ފުޑް ނެޓްވޯކްއާ 2002 ގައި ގުޅުމުގެ ކުރިން މަސައްކަތްކުރަމުން އައީ ފުޑް ސްޓައިލިސްޓެއްގެ ގޮތުގަ އެވެ. ކައްކާ ޝޯ ގެނެސްދިނުމުގެ އިތުރުން ގިއާޑާ ވަނީ ކައްކާ ފޮތް ލިޔެ، ތިން ރެސްޓޯރަންޓް ހުޅުވާފަ އެވެ.