ރައްޔިތުންގެ މަޖިލިސް

އިދިކޮޅު މެންބަރުންގެ ފާޑުކިޔުންތަކަށް އަސްލަމް ރައްދު ދެއްވައިފި

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގައި ސަރުކާރަށް ފާޑު ވިދާޅުވާ މެންބަރުންނަށް މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ހޫނުކޮށް ރައްދު ދެއްވައިފި އެވެ.

މެންބަރުންނަށް އަސްލަމް ފާޑު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބާރަށު ދާއިރާގެ މެންބަރު އަހްމަދު އަބްދުﷲ ހުށަހެޅުއްވި މަސައްކަތުގެ މާހައުލުގެ ސަލާމަތާ ސިއްހީ ރައްކާތެރިކަމުގެ ބިލްގެ ބަހުސްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މެންބަރުންނަށް ރައްދު ދެއްވަމުން އަސްލަމް ވިދާޅުވީ ދުރުގައި ހުންނަވައިގެން ކަމުގެ ހަގީގަތް ނުބައްލަވާ ކަމުގައިވާ ނަމަ ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއުތައް ނުފެންނާނެ ކަމަށެވެ.

"މައްޗަށް ބެލީމަ ފެންނާނީ އުޑު، ތިރިއަށް ބެލީމަ މަގުގަ އަޅާ ތާރުވެސް ފެންނާނެ" އަސްލަމް ވިދާޅުވި އެވެ.

ސަރުކާރުން ހިނގާ މަޝްރޫއު ތަކަށް ފާޑުކިޔާ މެންބަރުން ނަންބަރު އައިނު އެޅުމަށް އަސްލަމް ވިދާޅުވެފައިވެ އެވެ.

"ނަންބަރު ގޮގުލްސް ހައްދަވާ، ތަންތަން ރަނގަޅަށް ނުފެންނަނީ ކަމަށްވާނަަމަ، އެވެސް އެޅުން ވަރަށް މުހިއްމު" އަސްލަމް ވިދާޅުވި އެވެ.

މަސްތުވާތަކެތި އެތެރެކުރުން މި ސަރުކާރުން ހުއްދަ ނުކުރާނެ ކަމަށާއި އެކަމަކީ އެއްވެސް ސަރުކާރެއްގައި ނުކުރާ ކަމެއް ވިދާޅުވެ އަސްލަމް ވަނީ އިދިކޮޅު މެންބަރުންނަށް ރައްދު ދެއްވާފަ އެވެ.

އެގޮތުން އަހުމަދު އަބްދުﷲ ހުށަހެޅި ބިލްގެ ބަހުސްގައި އަސްލަމް ވިދާޅުވީ ފުރިހަމަ ރައްކާތެރި މަސައްކަތުގެ މާހައުލެއް ބިނާ ކުރުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި މަސައްކަތުގެ މާހައުލުގައި އިންސާނުންނަށް ލިބޭ ގެއްލުން ތަކުގެ ބަދަލުގައި ބޭސްފަރުވާގެ ނިޒާމްވެސް ކަށަވަރު ކޮށްދޭން ޖެހޭނެ ކަމަށެވެ.