ފިނިޕޭޖް

އެލްވިސްގެ ޕްރައިވެޓް ޖެޓް ނީލަމުގައި ވިކިއްޖެ

"ކިންގް އޮފް ރޮކް އެންޑް ރޯލް" ގެ ގޮތުގައި މަޝްހޫރުވި ލަވަކިޔުންތެރިޔާ އެލްވިސް ޕްރެސްލީގެ ޕްރައިވެޓް ޖެޓް ނީލަމުގައި ވިކިއްޖެ އެވެ.

ނިއު މެކްސިކޯގެ ރޮޒްވެލް އިންޓަނޭޝަނަލް އެއާ ސެންޓަރުގައި އޮތް 1962 ލޮކްހީޑް 1329 ޖެޓްސްޓާ ވިކިފައިވަނީ ހިރަފުސް އަރަ އަރާ ހުންނަތާ 40 ހަކަށް އަހަރުވީ ފަހުންނެވެ.

ނީލަން ފެށީ 100،000 ޑޮލަރުންނެވެ. މި ޖެޓް ވިކިފައިވަނީ 260،000 ޑޮލަރަށެވެ. ފޯނު މެދުވެރިކޮށް ކުރިއަށްދިޔަ މި ބިޑް ކާމިޔާބުކުރީ ކާކުކަމެއް ހާމައެއް ނުކުރެ އެވެ.

އެލްވިސް މި ޖެޓް ގަތީ 1976 ވަނަ އަހަރު 840،000 ޑޮލަރަށެވެ. މި ޖެޓްގެ ބޭރު ބާވެފައިވީ ނަމަވެސް އެތެރޭގައި ފެންނަނީ 1960-1970 ގެ އަހަރުތަކުގެ ކުލަވަރެވެ. ޖެޓުގެ އެތެރޭގެ ފަރުނީޗަރުތައް ހުރީ ރަނގަޅު ފެންވަރެއްގަ އެވެ.

މި ޖެޓްގެ ހަތަރު އިންޖީނާއި ކޮކްޕިޓްގެ ބައިތައް މީގެ ކުރިން ވަނީ ނަގާފަ އެވެ. އެހެން ކަމުން މި ޖެޓްގެ އާ ވެރިފަރާތަށް އެ ޖެޓް އެހެން ތަނަކަށް ގެންދިއުން ވާނީ ބުރަބޮޑު މަސައްކަތަކަށެވެ.

އެލްވިސްގެ ކުރީގެ އަނބިމީހާ ޕްރިސިލާ ބުނީ އެލްވިސްއަކީ މަތިންދާ ބޯޓުދެކެ ވަރަށް ލޯބިވި މީހެއް ކަމަށާއި މި ޖެޓަކީ އޭގެ ތެރެއިން އެއް ޖެޓްކަމަށެވެ.

މި ޖެޓާއި އެލްވިސްގެ އިތުރު ދެ ޖެޓް ބޭނުންކުރީ އޭނާގެ ޓީސީބީ ބޭންޑާއި ބެކަޕް ގްރޫޕްތަކާއި ކާނަލް ޓޮމް ޕާކާ އަދި މެމްފިސް މާފިއާ ގޮވައިގެން އެމެރިކާގެ އެކި ސިޓީތަކުގައި ބޭއްވި ކޮންސަޓްގެ ޓުއާތަކަށް ދަތުރުކުރުމަށެވެ. މި ޖެޓަކީ ނުވަ މީހުންގެ ޖާގައިގެ ޖެޓެކެވެ.