ފިނިޕޭޖް

ޓީނާ ފޭ އާއި އޭމީ ޕޯލާގެ ފުރަތަމަ ކޮމެޑީ ޓުއާ

އެކްޓްރެސް، ރައިޓާސް އަދި ކޮމެޑިއަނުން ކަމުގައިވާ ޓީނާ ފޭ އާއި އޭމީ ޕޯލާ ފުރަތަމަ ފަހަރަށް ކޮމެޑީ ޓުއާއެއް ފަށަނީ އެވެ.

"ޓީނާ ފޭ އެންޑް އޭމީ ޕޯލާ: ރެސްޓްލެސް ލެގް ޓުއާ" ފަށާނީ ވޮޝިންގްޓަން ޑީސީގައި މިއަހަރުގެ އޭޕްރީލް 28 ވަނަ ދުވަހު އެވެ.

"ސަޓަޑޭ ނައިޓް ލައިވް" އާއި "ސިސްޓާސް"ގެ މި ދެ ތަރިން މި ޓުއާގައި 30 އަހަރުގެ ރަހްމަތްތެރިކަމާއި އައިކޯނިކް ވާހަކަތަކާއި ކޮންޓްރަވާޝަލް ޖޯކުތައް އިއްވާނެ އެވެ. މި ޓުއާގައި ޝިކާގޯ، ބޮސްޓަން، އެޓްލާންޓިކް ސިޓީ އަދި ނިއު ޖާޒީ ހިމެނެ އެވެ. އަދި ނިންމާލާނީ ޖޫން 10، 2023 ގައެވެ.

އުމުރުން 51 އަހަރުގެ އޭމީ ބުނީ އޭނާ އާއި 52 އަހަރުގެ ޓީނާގެ ވޮކަބިއުލަރީ އެއީ އެކައްޗެއް ކަމަށާއި ލައިވް ޓެލެވިޒަން ނޫނީ ގޯލްޑަން ގްލޯބް ފަދަ އެވޯޑެއް ހޯސްޓްކުރާއިރު، ޓައިމިން އަދި ރިދަމް މެޗްވާ ފަދަ މީހަކު އެނގުމަކީ ވަރަށް އުފާވާކަމެއް ކަމަށެވެ.

އޭމީ އިތުރަށް ބުނީ އެހާ ގުޅޭ، އެކުގައި މަސައްކަތްކުރާ، އެއް ތަނަކުން ޓްރޭންވެފައިވާ ފްރެންޑެއް ދިމާވުމަކީ ވަރަށް ނާދިރު އަދި "ވޮންޑަފުލް" ކަމެއް ކަމަށެވެ. މި ދެތަރިން ވަނީ ގިނަ ފިލްމްތަކެއްވެސް އެކުގައި ކުޅެފަ އެވެ.

ޓީނާ އަކީ ނުވަ ޕްރައިމްޓައިމް އެމީ އެވޯޑާއި ތިން ގޯލްޑަން ގްލޯބާއި ފަސް ސްކްރީން އެކްޓާސް ގިލްޑް އެވޯޑާއި ހަތް ރައިޓާސް ގިލްޑް އެވޯޑް ލިބިފައިވާ ފަންނާނެކެވެ.

އޭމީ އަކީވެސް ގޯލްޑަން ގްލޯބް އެވޯޑާއި ޕްރައިމްޓައިމް އެމީ އެވޯޑާއި ކްރިޓިކްސް ޗޮއިސް އެވޯޑް ލިބިފައިވާ އެކްޓްރެސްއެކެވެ.