ލައިފްސްޓައިލް

އަންހެންމީހާއަށް އަނިޔާވުމުން ކައިވެނިކުރުން ހޮސްޕިޓަލަށް ބަދަލުކޮށްފި

އާއްމުކޮށް އިންޑިއާ މީހުން ކައިވެނީގެ ރަސްމިއްޔާތު ބާއްވަނީ ބޮޑެތި ހޮޓާ ތަކާއި ހޯލްތަކުގަ އެވެ. ނުވަތަ ފާމްހައުސް ތަކުގެ ބޭރުގައި އޮންނަ ހުސް ތަންތަނުގަ އެވެ. އަދި ބައެއް މީހުން ފައްޅި އާއި މިސްކިތުގައި ވެސް ކައިވެނި ކުރެ އެވެ. ނަމަވެސް ހޮސްޕިޓަލެއްގައި ކައިވެނި ކުރާ ވާހަކަ އިވެނީ ވަރަށް މަދުންނެވެ.

އިންޑިއާގެ ކޯޓާގެ ރާމްގަންޖްމަންޑީ އަވަށުގައި ދިރިއުޅޭ މީހަކު މިދިޔަ އާދިއްތަ ދުވަހު ކައިވެނިކޮށްފައިވަނީ ކޯޓާގެ އެމްބީއެސް ހޮސްޕިޓަލް ގައެވެ.

އޭނާއަށް ހޮސްޕިޓަލުގައި ކައިވެނިކުރަން މަޖްބޫރުވީ ކައިވެނިކުރަން އޮތް ދުވަހުގެ ކުރީ ދުވަހު އަންހެން މީހާއަށް ލިބުނު އަނިޔާ ތަކަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާ ދެމުން ދާތީ އެވެ.

ޕަންކަޖް ރާތޯރު ނަމަކަށް ކިޔާ މި މީހާ އޭނާގެ މިހާރުގެ އަނބިމީހާ މަދޫ ރާތޯރުއާ ކައިވެނިކުރަން އަންހެން މީހާގެ އަަވަށަށް ދިއުމަށް ބެރުދުންމާރި ތާޅަފިލީގައި ދަތުރު ފެށި އެވެ. ނަމަވެސް އޭނާއަށް އަންހެން މީހާގެ ގެޔަށް އާދެވުނުއިރު އޭނާ އޮތީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފަ އެވެ.

ފަނަރަ ހަރުފަތް ހުރި ސިޑިއެއްގެ މަތިން ވެއްޓި އަތާއި ފައި ބިނދިގެންނެވެ. އަދި އޭނާގެ ބޮލަށް ވެސް ވަނީ ވަރަށް ބޮޑަށް އަނިޔާ ވެފަ އެވެ. އެހެންވެ ކައިވެނީގެ ކަންތައް މަޑުޖައްސާލާފައި އޭނާ ވަގުތުން ހޮސްޕިޓަލަށް ގެންގޮސް ސާޖަރީ ހަދައި ބިނދިފައި ހުރި ތަންތަނުގައި ޕްލާސްޓަރު އަޅަން ޖެހުނީ އެވެ.

ކައިވެންޏަށް މިހާ ބޮޑަށް ތައްޔާރުވެފައި އަދި ކައިވެނިކުރާ ދުވަސް ޖެހިފައި ވަނިކޮށް ކުއްލިއަކަށް ކައިވެނީގެ ކަންތައް ވަގުތީގޮތުން ނަމަވެސް ހުއްޓާލަން ޖެހުމަކީ ދެ ފަރާތުގެ އާއިލާއަށް ވަރަށް ބޮޑު މާލީ ގެއްލުމަކާ ކުރިމަތިވާނެ ކަމަކަށް ވާތީ މަދޫ އާއި ޕަންކަޖްގެ އާއިލާގެ މީހުން މަޝްވަރާ ކުރުމަށްފަހު ކަނޑައެޅިފައިވާ ތާރީޚްގައި ކައިވެނި ކުރިއަށް ގެންދަން ނިންމީ އެވެ.

އަދި ހޮސްޕިޓަލުން ނަގަން ޖެހޭ ހުއްދަތައް ނަގައި ހޮސްޕިޓަލުގައި ކައިވެނިކުރީ އެވެ. ކައިވެނީގެ ބައެއް ރަސްމިއްޔާތުތައް ކުރިއަށް ގެންގޮސްފައިވަނީ ހޮސްޕިޓަލާ ޖެހިގެން ހުރި ކޮޓެޖެއް ޒީނަތްތެރިކުރުމަށްފަހު ކުޑަ ވަގުތުކޮޅަކަށް އަންހެން މީހާ އެތަނަށް ގެންގޮސްގެންނެވެ. އަދި ކައިވެންޏަށްފަހު އަންހެން މީހާ އަނެއްކާވެސް ހޮސްޕިޓަލުގައި އޭނާ އޮންނަ އެނދުގައި ވަނީ ބާއްވާފަ އެވެ. އޭނާއަށް ފަރުވާ ކުރާ ޑޮކްޓަރުން ބުނާ ގޮތުގައި މަދޫ އަށް ގެއަށް ދެވޭނީ އަދި ދުވަސްކޮޅެއް ފަހުންނެވެ.