ހުޅުމާލެ

ހުޅުމާލޭގެ ސަރުކާރު އޮފީސް އިމާރާތް ރަސްމީކޮށް ހުޅުވައިފި

Feb 15, 2023
1

އަލްމަރްހޫމް އުމަރު ޒާހިރުގެ ނަންފުޅުން ނިސްބަތްކޮށް ހުޅުމާލޭގައި ހަދާފައިވާ ސަރުކާރުގެ އޮފީސް އިމާރާތް މިއަދު ރަސްމީކޮށް ހުޅުވައިފި އެވެ. މިއީ ފުރަމާލެއިން ބޭރުގައި ސަރުކާރުގެ މިނިސްޓްރީތަކެއް ހިންގަން ހެދި ފުރަތަމަ އިމާރާތެވެ.

މި އިމާރާތް މިއަދު ރަސްމީކޮށް ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އެވެ. މިރަަސްމިއްޔާތުގައި އުމަރު ޒާހިރުގެ އާއިލީ ބޭފުޅުންނާއި އެމަނިކުފާނުގެ އަރިހުގައި އެކި ދުވަސްވަރު މަސައްކަތް ކުރެއްވި ބޭފުޅުންވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

އޮފީސް އިމާރާތް ހުޅުއްވައިދެއްވުމުގެ ގޮތުން ރައީސް ސޯލިހް ވަނީ މި އިމާރާތުގައި ދައުލަތުގެ ދިދަ ނަންގަވައިދެއްވާފަ އެވެ. އަދި އޭގެފަހުން ރައީސުލްޖުމްހޫރިއްޔާ މި އޮފީސް އިމާރާތް ބައްލަވައިލެއްވުން ކުރިއަށް ދިޔަ އެވެ.

މިރަސްމިއްޔާތުގައި ރައީސް ސޯލިހް ވިދާޅުވީ ހުޅުމާލޭގެ އޮފީސް އިމާރާތަށް އުމަރު ޒާހިރުގެ ނަން ދިނުމަކީ އެމަނިކުފާނުގެ ގައުމީ ހިދުމަތް ސަރުކާރުން ބަލައިގަންނަކަން ރަމްޒުކޮށްދޭ ކަމެއް ކަމަށެވެ. އުމަރު ޒާހިރު އިސްވެ ހުންނަވައިގެން އަދި ވަކި ހާއްސަ ޕްލޭނެއްގެ ދަށުން ހިއްކާފައިވާ ހުޅުމާލޭގައި ސަރުކާރުން ހެދި ފުރަތަމަ އޮފީސް އިމާރާތަށް އުމަރު ޒާހިރުގެ ނަން ދިނުމަކީ އެންމެ ރަނގަޅު ނިންމުން ކަމުގައިވެސް ރައީސް ވިދާޅުވި އެވެ.

މިރަސްމިއްޔާތުގައި ވަނީ އުމަރު ޒާހިރުގެ ގައުމީ ހިދުމަތްތަކަށް ހާއްސަ ވީޑިއޯ ރިޕޯޓެއް ގެނެސްދީފަ އެެވެ.

ނިޝަން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ އަލްމަރްހޫމް އަމަރު ޒާހިރަކީ ގައުމީ ހިދުމަތުގައި 50 އަހަރަށް ވުރެ ގިނަ ދުވަހު އުޅުއްވި ބޭފުޅެކެވެ.

އެމަނިކުފާނު ވަނީ އިޖުތިމާއީ، ގައުމީ އަދި އުމްރާނީ ތަރައްގީ ރާއްޖެއަށް ގެނައުމުގައި އިސް ދައުރެއް އަދާކުރައްވާފަ އެވެ. މިގޮތުން މާލޭގެ މަގުތައް ހެދުމާއި މާލޭގެ އެއްގަމު ތޮށްޓާއި ކަނޑުތޮށީގެ މަޝްރޫއު، ހުޅުމާލެ ތަރައްގީކުރުމުގެ މަޝްރޫއުގެ އިތުރުން ތިލަފުށި ހިއްކުން ފަދަ މަސައްކަތްތަކަކީ ސީދާ އުމަރު ޒާހިރުގެ ބެއްލެވުމުގެ ދަށުން ކުރިއަށް ގެންދިޔަ މަޝްރޫއުތަކެކެވެ.

އުމަރު ޒާހިރު ވަނީ 1953 ވަނަ އަހަރުން ފެށިގެން 2008 ވަނަ އަހަރާއި ހަމައަށް ސަރުކާރުގެ އެކި ފަންތީގެ 26 މަގާމެއް ފުރުއްވާފަ އެވެ. އެމނަިކުފާނު އަވަހާރަވީ ޑިސެމްބަރު 21، 2021 ގައެވެ.

ހުޅުމާލޭގެ އޮފީސް އިމާރާތް ނިންމާފައިވަނީ ދައުލަތުގެ ބަޖެޓުން 185 މިލިއަން ރުފިޔާ ހަރަދުކޮށްގެންނެވެ. އިމާރާތުގެ ކޮންމެ ފަންގިފިލާއެއްގައި 25،000 އަކަފޫޓް ހުންނާނެ އެވެ. މި އޮފީސް އިމާރާތް ކުރީ ޗައިނާގެ ހުއާން އިންޖިނިއަރިން ކުންފުނިންނެވެ.

ހުޅުމާލޭގެ އޮފީސް އިމާރާތް ބެހިފައިވާ ގޮތް:

  • ގުރައުންޑް އަދި ފުރަތަމަ ފަންގިފިލާ - ޕާކިން އަށް ހާއްސަ
  • ދެވަނަ ފަންގިފިލާ - ޖެންޑާ މިނިސްޓްރީ
  • ތިންވަނަ ފަންގިފިލާ - ޓްރާންސްޕޯޓް މިނިސްޓްރީ
  • ހަތަރުވަނަ ފަންގިފިލާ - އެމެރިކާ އެމްބަސީ
  • ފަސްވަނަ ފަންގިފިލާ - ހަޔާ އެޑިއުކޭޝަން މިނިސްޓްރީ
  • ހަވަނަ ފަންގިފިލާ - މީޓިން ރޫމާއި ސެމިނާ ރޫމް އަދި ޓެރަސް

ހުޅުމާލޭގައި ސަރުކާރުގެ އޮފީސް އިމާރާތެއް އެޅުމަށް ނިންމީ ސަރުކާރުގެ ވަރަށް ގިނަ އޮފީސްތަކެއް ބޮޑު ހޭދައެއްކޮށް އަމިއްލަ ތަންތަން ވަކި މުއްދަތެއްނެތި ކުއްޔަށް ހިފައިގެން އުޅެންޖެހިފައި ވުމާއެކު، އެކަމަށް ހައްލެއް ގެނައުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް 2019 ވަނަ އަހަރު ނިންމެވުމާ ގުޅިގެންނެވެ.

މާލޭގައި ސަރުކާރުގެ އޮފީސްތައް ހިންގަން އަމިއްލަ އިމާރާތްތަކެއް ހޯދަންޖެހުނީ ސަރުކާރުގެ ގިނަ އޮފީސްތަކެއް ހިންގަމުން ގެންދިޔަ ހުރަވީ ބިލްޑިން ބޭނުންކުރުން ރައްކާތެރި ނޫން ކަމަށް ކަމާ ގުޅޭ ފަންނީ ބޭފުޅުން ލަފާ ދިނުމާ ގުޅިގެން އެ އިމާރާތް ހުސްކުރުމުންނެވެ.