ފިނިޕޭޖް

"ދަ ފްލޭޝް"ގެ އާ ޓްރޭލާ: މައިކަލްގެ ބެޓްމޭންއަށް ސަމާލުކަން

ޑީސީ ސްޓޫޑިއޯއިން މިއަހަހަރުގެ ޖޫން 16 ވަނަ ދުވަހު "ދަ ފްލޭޝް"ގެ ފިލްމު ނެރުމަށް ވަނީ ހަމަޖެހިފަ އެވެ.

އެންޑީ މުޝެޓީ ޑައިރެކްޓް ކުރި "ދަ ފްލޭޝް" ފިލްމްގެ އާ ޓްރޭލާ ދާދި ފަހުން ނެރުނު އިރު، ފޭނުންގެ ސަމާލުކަން ދިޔައީ ސުޕާގާލް އާއި ޑީސީއީޔޫގައި ބްރޫސް ވޭން / ބެޓްމޭންގެ ރޯލް އަދާކުރަމުންދާ ބެން އެފްލެކްގެ އިތުރުން ކުރީގައި ބްރޫސް ވޭން / ބެޓްމޭންގެ ރޯލް އަދާކުރި މައިކަލް ކީޓަން އެ ރޯލުން ފެނުމުންނެވެ.

މައިކަލް ކީޓަން ބެޓްމޭންގެ ރޯލް އަދާކޮށްފައިވަނީ ޓިމް ބާޓަން ޑައިރެކްޓްކުރި 1989 ގައި ނެރުނު "ބެޓްމޭން" އާއި 1992 ގައި ނެރުނު "ބެޓްމޭން ރިޓާންސް" ގައެވެ. އަދި މައިކަލް ކީޓަންގެ ބްރޫސް ވޭން / ބެޓްމޭން ކެރެކްޓާ މި ފިލްމާ ގުޅުވާފައިވަނީ "ބެޓްމޭން ރިޓާންސް"ގެ ފަހުންނެވެ. އޭގެ ފަހުން އެހެން ދެ އެކްޓަރާއެކު ނެރުނު "ބެޓްމޭން" ސީރީޒްގެ ދެ ފިލްމުގައި ހިނގި ކަންތައްތައް މި ފިލްމުގައި ނުގެނެސްދޭނެ އެވެ.

އެހެން ކަމުން ޓްރޭލާއަށް ބަލާފައި ދަ ފްލޭޝް ފިލްމުގައި ބެރީ އޭނާގެ މަންމަގެ މަރުގެ ހަގީގަތް ހޯދުމަށް ޓައިމް ޓްރެވަލް ކުރުމުގެ ތެރޭގައި މަލްޓިވާސްއެއް ގޮތަށް ދެ އިރެއްގެ ބެރީ އެލަން / ފްލޭޝް އާއި ބެޓްމޭން ފެންނާނެ އެވެ. އަދި ދަ ފްލޭޝްގެ އޮރިޖިނަލް ބެކްސްޓޯރީގެ އިތުރުން ޓައިމް ޓްރެވެލްއާއެކު މި ފިލްމުގެ ޕްލޮޓްގައި އިތުރު ކަންތައްތައް ހިމެނޭނެ އެވެ.

ޑީސީ ސްޓޫޑިއޯގެ އެއް ހެޑް، ޖޭމްސް ގަން ބުނީ މިއީ މިހާތަނަށް އޭނާ ބެލި އެންމެ މޮޅު އެއް ސުޕަހީރޯ ފިލްމު ކަމަށެވެ. އަދި ޓްރޭލާ ބެލުމަށްފަހު ގިނަ ފޭނުންގެ ރައުޔަކީވެސް މި ފިލްމު މޮޅު ފިލްމަކަށް ވާނެކަމަށް ލަފާކުރެވުމެވެ.

ދަ ފްލޭޝްގައި ފްލޭޝް/ބެރީ އެލަންގެ ރޯލް އަދާކުރަނީ އެޒްރާ މިލާ އެވެ. އަދި ސުޕާގާލްގެ ގޮތުގައި ސާޝާ ކޯލް މި ފިލްމުން ތައާރަފްކުރާއިރު، ރޮން ލިވިންގްސްޓަން، މައިކަލް ޝެނަން، މެރިބެލް ވޭދޫ، ކިއަސޭ ކްލެމެންސް އަދި އެންޖީ ޓްރޯ މި ފިލްމުގައި ހިމެނެ އެވެ.

މި ފިލްމަކީ އެޒްރާ މިލާގެ އަހްލާގީ ގިނަ މައްސަލަތަކަކާއި ސާބިތުވި ކުށްތަކަކާ ގުޅިގެންވެސް ޑީސީއިން، އެޒްރާ ފްލޭޝްގެ ރޯލުން ވަކި ނުކުރުމުން ގިނަ ކަންތައްތަކެއް ކުރިމަތިވެފައިވާ ފިލްމެކެވެ.