ވަރަށް ކުއްލި ގޮތަކަށް އެމެރިކާއަށް ވަޑައިގެން އުޅުއްވާ ބްރެޒިލްގެ ކުރީގެ ރައީސް ޖައިރު ބޮލްސޮނާރޯ ވޯލް ސްޓްރީޓް ޖާނަލަށް ވިދާޅުވި ގޮތުގައި -- އޭނާ ދެން އެނބުރި ގައުމަށް ވަޑައިގަންނަވާނީ ކުރިއަށް އޮތް މާޗް މަހު އެވެ.
ބޮލްސޮނާރޯ އެމެރިކާއަށް ވަޑައިގެން މިއުޅުއްވަނީ -- އޭނާއާ ގާތްކަން އޮންނަ ބައެއް މީހުން ބުނާ ގޮތުން ބޭސް ފަރުވާއަށެވެ. ބަނޑުގެ އާލާސްކަންފުޅެއްގައި އެމެރިކާގެ ހޮސްޕިޓަލެއްގައި މިދާކަށް ދުވަހު އޭނާ އެޑްމިޓްވެސް ކުރި އެވެ.
އެހެންނަމަވެސް ބޮލްސޮނާރޯ އެމެރިކާއަށް ވަޑައިގަތީ ބްރެޒިލްގައި 2022 ގައި އޮތް ރިޔާސީ އިންތިހާބުގައި އޭނާގެ ކޯލިޝަނަށް ކާމިޔާބު ނުވުމުންނެވެ. އެހެން ނަމަވެސް އިންތިޚާބުގައި ބަލިވެ ވަޑައިގަތް ކަމަށް އޭނާ ގަބޫލެއް ނުކުރައްވަ އެވެ.
ރައީސްގެ މަގާމު ގެއްލުނީ އިލެކްޝަން ކޮމިޝަންގެ މައްސަލައަކުން ކަމަށް ބޮލްސޮނާރޯ ވަނީ ވިދާޅުވި އެވެ.
ބޮލްސޮނާރޯއާ ހަވާލާދެއްވައި ވޯލް ސްޓްރީޓް ޖާނަލުން ބުނާ ގޮތުން ބްރެޒިލްގައި އިދިކޮޅެއް އޮންނަން ޖެހެ އެވެ. އަދި އިދިކޮޅު ޕާޓީ ލީޑަރެއް ގޮތުގައި އޭނާ ދެމިހުންނަވާނެ ކަމަށް ބޮލްސޮނާރޯ ވިދާޅުވި އެވެ.
ބްރެލިޒްގައި މިހާރު އޮތް ލޫލާގެ ސަރުކާރުން ތުހުމަތުކުރާ ގޮތުގައި ބޮލްސޮނާރޯ ގައުމުން ބޭރުގައި ހުންނަވައިގެން ގައުމުގައި ހަމަނުޖެހުމަށް ބާރުދެއްވައި ހަރަކާތްތައް ހިންގަވަ އެވެ.
ޖެނުއަރީ އަށެއްގައި ބްރެޒިލްގައި ހިނގާދިޔަ ހަމަނުޖެހުންތަކުގެ އަޑީގައި ހުންނެވީ ވެސް ބޮލްސޮނާރޯ ކަމަށް ލޫލާގެ ސަރުކާރުން ގަބޫލުކުރެ އެވެ.
ބްރެޒިލްގައި އިދިކޮޅުން ހިންގި ހަމަނުޖެހުންތަކުގައި ރުޅިގަދަވެފައި ތިބި އާންމުން ރިޔާސީ ގަނޑުވަރަށާއި ސަރުކާރުގެ މުހިންމު އިދާރާތަކަށް ވަދެ ހަރުކަށިކަން ދައްކައި ވަނީ ގެއްލުންދީފަ އެވެ.
ލޫލާ ވިދާޅުވި ގޮތުގައި އިދިކޮޅުން ހިންގި ހަމަނުޖެހުންތަކުގައި ސިފައިން ވެސް ވަނީ ބައިވެރިވެފަ އެވެ. އެ މީހުންގެ ބޭނުމަކީ ބަޣާވާތްކޮށް ސަރުކާރު ވައްޓާލުން ކަމަށް ވެސް ލުލާ ވިދާޅުވި އެވެ.