ފައިސަލް ނަސީމް

"މޯލްޑިވްސް ލީޑާޝިޕް ޕްރޮގްރާމް" އިފްތިތާހުކޮށް ދެއްވައިފި

Feb 15, 2023

ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ)ގެ ދުބާއީގެ ޖުމައިރާގައި މިހާރު ކުރިއަށްދާ ވޯލްޑް ގަވަމަންޓް ސަމިޓް 2023 ގައި ނައިބު ރައީސް ފައިސަލް ނަސީމް "މޯލްޑިވްސް ލީޑާޝިޕް ޕްރޮގްރާމް" މިއަދު އިފްތިތާހުކޮށް ދެއްވައިފި އެވެ.

"މޯލްޑިވްސް ލީޑާޝިޕް ޕްރޮގްރާމް" އަކީ ޔޫއޭއީގެ ގަވަމެންޓް އެކްސްޕީރިއަންސް އެކްސްޗޭންޖް ޕްރޮގްރާމް (ޖީއީއީޕީ) ގެ ދަށުން ފެށި ފުރަތަމަ ތަމްރީނު ޕްރޮގްރާމެވެ. މި ތަމްރީނު ޕްރޮގްރާމް ހިންގާނީ ރާއްޖެއާއި ޔޫއޭއީ އާ ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުމެއްގެ ދަށުން ރާއްޖޭގެ ސަރުކާރު މުވައްޒަފުންނެވެ.

މި ޕްރޮގްރާމަކީ އުނގެނުމާއި އިނޮވޭޝަންގެ މުހިންމު ކަންކަމުގެ މައްޗަށް ފަރުމާކޮށް ސަރުކާރު މުވައްޒަފުން ރައްޔިތުންނަށް ރަނގަޅު ހިދުމަތެއް ދިނުމުގައި ސަރުކާރުން ދެމެހެއްޓެނިވި ކުރިއެރުމާއި ކާމިޔާބީ ހޯދުމަށް ހަދާފައިވާ ޕްރޮގްރާމެކެވެ.

ޕްރޮގްރާމް އިފްތިތާހުކޮށް ދެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވީ ޓެކްނޮލޮޖީއާއި އިނޮވޭޝަން، ސަރުކާރުގެ ހިދުމަތް ފޯރުކޮށްދިނުމުގައި ހިމެނުމުން ސަރުކާރުން ދެމުންދާ ހިދުމަތްތަކުގެ އެފިޝަންސީއާއި ދެފުށް ފެންނަ އަދި ޒިންމާދާރުކަން އިތުރުވެގެންދާނެ ކަމަށެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި ވަނީ ޓެކްނޮލޮޖީގެ ކުރިއެރުންތަކަށްވުރެ ކުރީގައި ދެމިތިބުމަށްޓަކައި އުނގެނުމާއި އިނޮވޭޝަނަށް މެދުނުކެނޑި އިންވެސްޓްކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލި އަޅުއްވާލައްވާފަ އެވެ.

"އެގްޒެކެޓިވް އެންހޭންސްމަންޓް އެންޑް އެންރިޗްމަންޓް ޕްރޮގްރާމް (އީއީއީޕީ)" 2021 ވަނަ އަހަރު އިފްތިތާހު ކުރިކަން ފާހަގަކުރައްވާ ނައިބު ރައީސް ވިދާޅުވީ ސަރުކާރުގެ މުވައްޒަފުންނަށް އުނގެނުމާއި ތަރައްގީގެ ފުރުސަތުތައް އިތުރުކުރުމަކީ މި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމެއް ކަމަށެވެ.

އީއީއީޕީއަކީ ސިވިލް ސަވިސްގެ މެނޭޖްމަންޓް މަގާމުތަކުގައި ސިޔާސީ އަދި އެގްޒެކެޓިވް މުވައްޒަފުންގެ ހުނަރާއި ގާބިލުކަން އިތުރުކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕަބްލިކް ސާވިސް ޓްރެއިނިން ޔުނިޓާއި ރާއްޖޭގެ ސިވިލް ސަވިސް ޓްރެއިނިން އިންސްޓިޓިއުޓް ގުޅިގެން ކުރިއަށްގެންދާ ދެ އަހަރު ދުވަހުގެ ހަރަކާތެކެވެ.