ތުރުކީއާއި ސީރިއާ ގުޅޭ ސަރަހައްދަށް އައި ބިންހެލުމުގައި ހާލުގައި ޖެހުނު މީހުންނަށް އެހީވުމަށް ދީނީ އިލްމުވެރިންނާއި މަދަނީ ޖަމިއްޔާތަކުން "އެއް އުއްމަތެކޭ މީ"ގެ ނަމުގައި ބޮޑު ކެމްޕޭނެއް ފަށައިފި އެވެ.
ބިންހެލުމުގެ ސަބަބުން ހާލުގައި ޖެހުނު މީހުންނަށް އެހީވުމަށް ބާއްވާ ކެމްޕޭނުގައި ދިވެހި ޖަމިއްޔާއެއް ކަމުގައިވާ އިންޓަނޭޝަން އެއިޑް ކެމްޕޭން (އައިއޭސީ) އާއި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ހިންގަވާ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އައިއޯސީ) އިން ބައިވެރިވާނެ އެވެ.
މި ކެމްޕޭނުގައި ޑރ. އިލްޔާސް އިބްރާހިމާއި ޑރ. މުހައްމަދު އިޔާޒުގެ އިތުރުން ވަރަށް ގިނަ ދިވެހި އިލްމުވެރިންވެސް ބައިވެރިވެ ވަޑައިގަންނަވަ އެވެ.
މީގެ ކުރިން އައިއޭސީއާއި ރެޑް ކްރެސެންޓް ގުޅިގެން ކުރިއަށް ގެންދިޔަ ހަރަކާތެއްގެ ތެރެއިން ދިވެހިން ވަނީ ހާލުގައި ޖެހިފައިވާ މީހުންނަށް ހަތަރު މިލިއަނަށް ވުރެ ގިނަ ރުފިޔާ އެހީގެ ގޮތުގައި ދީފަ އެވެ.
އިލްމްވެރިން އިސްނަގައިގެން ފަށާ މި ކެމްޕޭނުގެ ދަށުން މާލެއާއި ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް އަންނަ ހުކުރު ދުވަހުގެ ހުކުރު ނަމާދަށްފަހު ކޮންމެ މިސްކިތެއްގެ ކައިރީގައި ފަންޑު ފޮއްޓެއް ބެހެއްޓުމަށް ވަނީ ހަމަޖެހިފަ އެވެ. މީގެ އިތުރުން އާންމުކޮށް މީހުން އެއްވެ އުޅޭ ސަރަހައްދުތަކުގައިވެސް ފަންޑު ފޮށި ބެހެއްޓުމަށް ވަނީ ހަމަޖެހިފަ އެވެ.
މި ހަރަކާތް އިންތިޒާމު ކުރާ ފަރާތުން ބުނީ އެ ބޭފުޅުންގެ އަމާޒަކީ ވީހާވެސް ގިނަ ބަޔަކަށް އެހީ ފޯރުކޮށްދިނުމުގެ ފުރުސަތު ދިނުން ކަމަށެވެ. އަދި ރޭޑިއޯ އާއި ޓީވީ މެދުވެރިކޮށް މި ކެމްޕޭނުގެ މައުލޫމާތު ފޯރުކޮށްދޭނެ ކަމަށްވެސް ބުންޏެވެ.
މި ކެމްޕޭނުގައި ރަށްރަށުގެ ކައުންސިލްތަކުންވެސް ބައިވެރިވުމަށް އެބޭފުޅުން ވަނީ އެދިވަޑައިގެންފަ އެވެ.
އެހީ ދިނުމަށް ހިންގަން ހަމަޖެހިފައިވާ "އެއް އުއްމަތެކޭ މީ" ކެމްޕޭނު ރަސްމީކޮށް އިއުލާން ކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިލްމްވެރިން ވަނީ ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މުހިންމުކަން ބަޔާން ކޮށްދީފަ އެވެ.