އިސްލާމިކް މިނިސްޓްރީ

ދާރުލް އަރުޤަމްގެ ޑިޒައިން ދައްކާލައިފި

މާލޭގައި އެޅުމަށް ހަމަޖެހިފައިވާ ދެވަނަ ވަގުފް އިމާރާތް -- ދާރުލް އަރުޤަމްގެ ޑިޒައިން ދައްކާލައިފި އެވެ.

ދާރުލް އަރުޤަމްގެ ޑިޒައިންތައް އާންމުކުރެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

އިސްލާމިކް މިނިސްޓްރީން މީގެ ކުރިން ބުނި ގޮތުގައި މި އިމާރާތް އަޅާނީ މާލޭގެ 64 ނަންބަރު ކޮށީގައެވެ.

ދާރުލް އަރުޤަމްގެ ޑިޒައިން ދައްކާލާފައިވާއިރު ވަގުފް އިމާރާތެއްގެ ގޮތުގައި މިވަގުތު ރާއްޖޭގައި ހުރި ހަމައެކަނި އިމާރާތަކީވެސް މާލޭގައި ހުރި އިމާރާތެކެވެ. އެއީ މަޖިީދީ މަގުގައި މާފަންނު މަދަރުސާ އާއި އިންވެގެން ހުރި "ދާރުލް އީމާން" އިމާރާތެވެ.

ރާއްޖޭގައި ބިނާކުރާ އެންމެ ބޮޑު ވަގުފް އިމާރާތް "ދާރުއްސަލާމް"ގެ ނަމުގައި ހުޅުމާލޭގައި އިމާރާތް ކުރުމަށްވެސް އިސްލާމިކް މިނިސްޓްރީން ވަނީ ނިންމާފަ އެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ވަގުފް އިމާރާތްތަކެއް އެޅުމަށްޓަކައި ސިޓީ ވަގުފާއި އަތޮޅު ވަގުފް މަޝްރޫއެއްވެސް މިހާރު ވަނީ އިފްތިތާހްކޮށްފަ އެވެ.