ޕީޕީއެމް

ބޭރު މީހުންނަށް ބިން ވިއްކުމާ ދެކޮޅު މުޒާހަރާ ފަސްކޮށްފި

Feb 15, 2023
1

ތިލަފުށީގެ ދެވަނަ ފިޔަވަހީގެ ބިމުން ސިނާއީ ބޭނުންތަކަށް ބޭރު މީހުންނަށް ބައިވެރިވޭ ގޮތަށް ބިން ގަންނަން އަދި ކުއްޔަށް ނެގުމަށް ހުޅުވާލުމާ ގުޅިގެން އެކަމާ ދެކޮޅަށް އަޑުއުފުލުމަށް އިދިކޮޅު ޕީޕީއެމް / ޕީއެންސީ ކޯލިޝަނުން ބާއްވަން ނިންމި މުޒާހަރާ ފަސްކޮށްފި އެެވެ.

މި މުޒާހަރާ ބޭއްވުމަށް ކުރިން ނިންމީ މިމަހުގެ 17 ވާ ހުކުރު ދުވަހު އެވެ. ނަމަވެސް މިހާރު ވަނީ މި މުޒާހަރާ މިމަހުގެ 24 ވާ ހުކުރު ދުވަހަށް ފަސްކޮށްފަ އެވެ.

މުޒާހަރާ ފަސްކުރި ވަކި ސަބަބެއް އިދިކޮޅު ކޯލިޝަނުން ބުނެފައެއް ނުވެ އެވެ. ތިލަފުށިން ބިދޭސީންނަށް ބިން ލިބޭތީ އެކަމާ ދެކޮޅަށް ބައެއް ސިޔާސީ ޕާޓީތަކުގެ އިތުރުން ބައެއް ވިޔަފާރިވެރިންވެސް ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ތިލަފުށި ދެވަނަ ފިޔަވަހިން 150 ހެކްޓަރުގެ ބިމެއް ހިއްކާ ބޭރު މީހުންނަށްވެސް ބައިވެރިވޭ ގޮތަށް ސިނާއީ ބޭނުމަށް 50 ބިން ވިއްކުމަށް އެޗްޑީސީ އިން ވަނީ ހުޅުވާލަފަ އެވެ. މިކަމާ ގުޅިގެން އަމާޒުވާ ފާޑުކިޔުންތަކަށް ރައްދު ދެމުން އެޗްޑީސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ތިލަފުށިން ދޫކުރުމަށް ހަމަޖެހިފައިވާ 10 އިންސައްތަ ބިމަކީ ބޭރުގެ ވިޔަފާރިތަކަށް ބިޑު ކުރެވޭ ގޯތި ކަމަށެވެ. ނަމަވެސް އެ މީހުންވެސް އަމަލުކުރަން ޖެހޭނީ ރާއްޖޭގައި މިހާރު ހަދާފައިވާ ގަވައިދުތަކަށާއި އިދާރާތަކުން ހަދާފައިވާ އުސޫލުތަކާ އެއްގޮތަށް ކަމަށެވެ.

މިބަޔާނުގައި ތިލަފުށްޓަކީ ސްޕެޝަލް އިކޮނޮމިކް ޒޯނެއް ނޫންކަންވެސް ފާހަގަކޮށްފައިވެ އެވެ.

ދިވެހި ވިޔަފާރިތަކަށް ހާއްސަ ކުރެވިފައިވާ ވިޔަފާރިތައް ކަމުގައިވާ މަސްވެރިކަމާއި ދަނޑުވެރިކަން ފަދަ މަސައްކަތްތަކަށް ބޭރުގެ ވިޔަފާރިތަކުގެ ސަބަބުން އެއްވެސް އަސަރެއް ނުކުރާނެ ކަމަށްވެސް އެޗްޑީސީން ބުނެ އެވެ.

ބޭރުގެ ވިޔަފާރިތަކަށް ދޫކުރާ ބިންތަކުގެ ސަބަބުން ދިވެހިންނަށް ވަޒީފާގެ ގިނަ ފުރުސަތުތަކެއް ހުޅުވިގެން ދާނެ ކަމަށްވެސް އެޗްޑީސީން ބުނެ އެވެ.

އެޗްޑީސީން ދިވެހިންނާއި ބިދޭސީންނަށްވެސް ބައިވެރިވެވޭ ގޮތަށް ބިން ގަތުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މިމަހުގެ އަށްވަނަ ދުވަހު އެވެ. ދިވެހިންނަށް ބިން މިލްކުކުރެވޭއިރު ބިދޭސީންނަށް 99 އަހަރަށް ބިން ކުއްޔަށް ލިބެ އެވެ.

ބީލަމުގެ އުސޫލުން ބޭރު މީހުންނަށް ބިން ވިއްކުން ހުއްޓާލުމަށް ގޮވާލައި އިދިކޮޅު ޕީއެންސީގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއްވެސް ހުށަހެޅުއްވި އެވެ. ނަމަވެސް އެ މައްސަލަ ވަނީ މަޖިލީހުން ބޭރުކޮށްލާފަ އެވެ.