ރާއްޖެ ކުޅިވަރު

މުސާރައިގެ މައްސަލާގައި ބެޑްމިންޓަން އެސޯސިއޭޝަނުން ކުޅުންތެރިންނަށް ރައްދުދީފި

ސަރުކާރުން ގައުމީ ޓީމުގެ ކުޅުންތެރިންނަށް ލިބެންޖެހޭ މުސާރަތައް ނުލިބި ބޮޑެތި އުނދަގޫތަކާ ކުރިމަތިވެފައިވާ ކަމަށް ބެޑްމިންޓަން ކުޅުންތެރިން ބުނަން ފެށުމުން އެކަން ދޮގުކޮށްމ އެސޯސިއޭޝަނުން ރައްދުދީފި އެވެ.

ބެޑްމިންޓަން އެސޯސިއޭޝަނުން ރޭ ނެރުނު ދެ ސޮފުހާގެ ބަޔާނުގައިވަނީ އިންޑިޔާގައި މިވަގުތު ތަމްރީނު ހަދަމުންދާ ކުޅުންތެރިން ފޭސްބުކްގައި އެމީހުންގެ އުދާސްތައް ބޭރުކޮށްލީ ހަގީގަތް ބެލުމެއްނެތި ކަމަށެވެ. އަދި ކުރިމަގުގައި އެކަން އެގޮތަށް ނުކުރުމަށް ވެސް ގޮވާލާފައިވެ އެވެ.

ކުޅުންތެރިން އެމީހުންގެ އަމިއްލަ ފޭސްބުކް ޕޭޖުގައި މައިގަނޑު ގޮތެއްގައި ބުނެފައިވަނީ ސަރުކާރުން ގައުމީ ޓީމުގެ ކުޅުންތެރިންނަށް ދޭން ޖެހޭ މުސާރަ ނުލިބި ތިން މަހެއްހާ ދުވަސް ފާއިތުވެފައިވާ ކަމަށާއި މީގެ ސަބަބުން އެމީހުންނަށް ވަރަށް ގިނަ އުނދަގޫތަކާ ކުރިމަތިވަމުން އަންނަ ކަމަށެވެ. އަދި މުސާރަ ނުލިބިގެން އެކަމުގެ ކަންބޮޑުވުން އެމީހުން ހުށަހަޅަމުންދިޔަ ނަމަވެސް "އެއްބަޔަކު އަނެއް ބަޔަކަށް ބޯޅަ ޕާސްކޮށްލަނީ،" ކަމަށާއި މިހާރު މިކަމުގައި ޒިންމާވާނެ އެއްވެސް ފަރާތެއް ނެތް ކަމަށެވެ.

ނަމަވެސް އެސޯސިއޭޝަނުންގެ ނޫސްބަޔާނުގައިވަނީ ހުރިހާ ކުޅިވަރު އެސޯސިއޭޝަންތަކަށް ވެސް 2015 ވަނަ އަހަރުގެ ނޮވެމްބަރު ޑިސެމްބަރު މަހުގައި ކުޅުންތެރިންނަށް ފައިސާދޭން ދަތިވި ކަމަށެވެ. ސަބަބަކީ އެ ދެ މަހަށް ކުރިން ބަޖެޓްކޮށްފައި ނެތުން ކަމަށާއި ނަމަވެސް ފަހުން އެކަން ހަމަޖެހުމުން ޔޫތު މިނިސްޓްރީ އަށް ހުރިހާ ތަފްސީލެއް ފޮނުވާފައިވާ ކަމަށެވެ. އަދި މިކަން ކުޅުންތެރިންނަށް ވެސް އަންގާފައިވާ ކަމަށެވެ.

މީގެ އިތުރުން ނޫސްބަޔާނުގައި ބުނެފައިވަނީ ރާއްޖޭން ބޭރުގައި ކުޅުންތެރިން ތަމްރީނު ހަދަމުންދާއިރު ބޭނުންވާ ބައެއް ތަކެތި ގަތުމަށް ކުޅުންތެރިން ބައެއް ފަހަރު ހަރަދު ކުރި ނަމަވެސް އެކުރި ހަރަދެއްގެ ތަފްސީލު އެސޯސިއޭޝަނަށް ފޮނުވުމުން އެ ފައިސާ ކުޅުންތެރިންނަށް ދީފައިވާ ކަމަށެވެ.

މިދިޔަ ދެ އަހަރު ބެޑްމިންޓަން ކުޅުންތެރިންނަށް ތަމްރީނު ދީފައިވަނީ އޮލިމްޕިކް ކޮމިޓީ އާއި ޔޫތު މިނިސްޓްރީ އާއި ބެޑްމިންޓަން އޭޝިޔާގެ ވަރަށް ބޮޑު އެހީތެރިކަމަކާއެކުގައި ކަމަށް ވެސް އެސޯސިއޭޝަނުން ބުނެފައިވެ އެވެ.

އަންނަ މަހު އިންޑިޔާގައި ފަށާ ސައުތު އޭޝިއަން ގޭމްސް އަށް ތައްޔާރުވުމަށް މިވަގުތު ގައުމީ ބެޑްމިންޓަން ޓީމު ވަނީ އިންޑިޔާގަ އެވެ. މި ޓީމުގައި ހިމެނެނީ އައިޝަތު އަފްނާން ރަޝީދާއި އޭނާގެ ބޭބެ މުހައްމަދު އަޖުފާން ރަޝީދާއި އާމިނަތު ޝަހުރުނާޒް އައި އަހުމަދު ވަސީމާއި މައިސާ ފަތުހުﷲގެ އިތުރުން ހުސައިން ރިފާއު އެވެ.

ބެޑްމިންޓަން ކުޅުންތެރިންނާއި އެސޯސިއޭޝަން މުސާރައިގެ މައްސަލާގައި ދެކޮޅަށް ވާހަކަދެއްކިއިރު ޔޫތު މިނިސްޓްރީ އާއި އޮލިމްޕިކް ކޮމިޓީ އަދި އެސޯސިއޭޝަންތައް މި ވަގުތު ވަނީ ވަރަށް ބޮޑަށް ދެބައިވެފަ އެވެ.