ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) ލިޓްލް ވަންޑަރސް ޕްރޮގްރާމްއަކީ އެސްޓީއޯގެ މުވައްޒަފުންނަށް އިޖުތިމާއީ ދިރިއުޅުމުގައި، އަދި މަސައްކަތުގެ މާހައުލުގައި އެހީތެރިކަން ފޯރުކޮއްދިނުމުގެ ގޮތުން ފެށިގެންދާ ޑޭކެއާ އެސިސްޓެންޓް ޕްރޮގްރާމްއެކެވެ. މި ޕްރޮގްރާމްގެ އެންމެ ބޮޑު އެއް އަމާޒަކީ މުވައްޒަފުންގެ މަސައްކަތާއި ދިރިއުޅުމުގެ ބެލެންސް އަށް އެހީތެރިވެދިނުމާއި، ދުޅަހެޔޮ ދިރިއުޅުމުގެ ވައްޓަފާޅިއެއް ބިނާކުރުމަށް އެހީތެރިވެދިނުމެވެ. އެސްޓީއޯއިން ގަސްތުކުރަނީ މަސައްކަތުގެ މާހައުލުގައި މުވައްޒަފުންނަށް ދިމާވާ އެކިއެކި އިޖުތިމާއީ މައްސަލަތަކަށް ހައްލު ހޯދައިދިނުމެވެ.
އެސްޓީއޯ ލިޓޮލް ވޮންދާސް ޕްރޮގްރާމް ފެށިގެންދިއުން:
އެސްޓީއޯ "ލިޓްލް ވޮންޑާސް" ޕްރޮގްރާމްއަކީ މިކުންފުނީގެ މެނޭޖްމެންޓުން ނެންގެވި ހާއްސަ އިސްނެންގެވުމެކެވެ. މިކުންފުނީގެ ފަރާތުން މިއަދު މި ޕްރޮގްރާމް ފައްޓަވައިދެއްވާފައިވަނީ މެނޭޖިން ޑިރެކްޓަރު ހުސައިން އަމުރުއާއި، ޖެނެރަލް މެނޭޖަރ އޮފް ޕީޕަލްސް އޮޕޮރޭޝަންސް މަރިޔަމް ނުޒުލާއެވެ.
![](https://images-01.avas.mv/post/big_IIwIKMGRslIpq8ytwjz0iYOHN.jpg)
އެސްޓީއޯ ލިޓްލް ވޮންޑަސް ޕްރޮގްރާމްގެ ތަފްސީލު:
އެސްޓީއޯ ލިޓްލް ވޮންޑާސް ޕްރޮގްރާމްގައި އެސްޓީއޯގެ ކޮންމެ މުވައްޒަފަކަށްވެސް ބައިވެރިވެވޭނެއެވެ. މިއީ އެސްޓީއޯގެ އެއްވެސް މުވައްޒަފެއް ބާކީ ކުރުމާ ނުލާ، ހުރިހާ މުވައްޒަފުންނަށްވެސް ހަމަހަމަ ފުރުސަތުތަކެއް ހުޅުވާލުމުގެ އަމާޒާއެކު ކުރިއަށް ގެންދާ ޕްރޮގްރާމްއެކެވެ. މި ޕްރޮގްރާމްގައި އެސްޓީއޯއިން 8 އަހަރުން ދަށުގެ ކޮންމެ ކުއްޖަކަށް، ރަޖިސްޓްރީކޮށްފައިވާ ޑޭކެއާ ފެސިލިޓީއެއްގައި ބައިވެރިވުމަށް ކޮންމެ މަހަކު 2،500ރ އާއި ހަމައަށް އެހީތެރިވެދޭނެއެވެ. އެސްޓީއޯގެ ވިސްނުމަކީ ކުންފުނިން ކަނޑައަޅާ ވަކި ފެސިލިޓީތަކެއްގައި ހުރިހާ މުވައްޒަފުން ރެޖިސްޓްރީ ވުމުގެ ބަދަލުގައި، އެ މުވައްޒަފަކު ބޭނުންވާ، އަދި އިތުބާރު ކުރެވޭ ފެސިލިޓީއެއްގައި އެސްޓީއޯ މެދުވެރިކޮށް ރެގިސްޓްރީވުމުގެ އިހްތިޔާރު ދޫކޮއްލުމެވެ. އެއީ މުވައްޒަފުންނަށް މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ވީހާވެސް ފުޅާކޮށް ބާރުއެޅުމުގެ އަމާޒުގައެވެ.
![](https://images-01.avas.mv/post/big_qwyLY6sSLRmPNGuu2iTXnD34u.jpg)
އެސްޓީއޯގެ ވިސްނުން:
އެސްޓީއޯއިން ދެކޭ ގޮތުގައި ދުޅަހެޔޮ މަސައްކަތުގެ މާހައުލެއް އެކުލަވާލުމުގައި ކޮންމެހެންވެސް ކުރުން ލާޒިމުކަމެކެވެ. އެސްޓީއޯ ތަރައްގީކުރުމުގައި ދެޖިންސުގެ މީހުން ވެސް މުހިއްމު ދައުރެއް އަދާކުރެ އެވެ. އެގޮތުން، މަސައްކަތްކުރާ ބެލެނިވެރިންނަކީ ގައުމުގައި ޑިމޮގްރަފިކް ޓްރެންޑެއް އިތުރުވަމުންދާ ކަމެކެވެ. އެވްރެޖްކޮށް ބެލެނިވެރިން ދުވާލަކު 8 ގަޑިއިރު މަސައްކަތުގައި ހޭދަކުރެއެވެ. ކުޑަކުދިން ބަލަހައްޓައިދިނުމަކީ އަބަދުވެސް މަސައްކަތްކުރާ ބެލެނިވެރިންގެ ވަރަށް ބޮޑު ބޭނުންތެރިކަމެކެވެ.
![](https://images-01.avas.mv/post/big_XT6qw1jQsVzepTLYWMYckcSP1.jpg)
އަދާކުރާ ވަޒީފާއާއި ދިރިއިޅުމަކީ ގުޅުމެއްނެތް ތަފާތު ދެކަމެއްކަމުގައި ދެކުން މާޒީވެއްޖެއެވެ. ދިރިއުޅުމުގައި ދިމާވާކަންކަމުން މަސައްކަތަށް އަސަރުކުރާނޭކަމީ އަދުގެ ކުންފުނިތަކުން ގަބޫލުކުރަންޖެހޭ ހަގީގަތެކެވެ. އެގޮތުން ދިރިއުޅުމާއި މަސައްކަތް ބެލޭންސް ކުރުމުގައި އެހީތެރިވެދިނުމުގައި ކުންފުނިތަކުގެ ދައުރު ބޮޑެވެ. އަދި މިފަދަ ބަދަލުތައް ތައާރަފްކޮށް ކިޔައިދިނުމުގައި އެސްޓީއޯގެ ދައުރުވެސް އެހާމެ ބޮޑެވެ. މި ކުންފުނިން އަންނަނީ އަބަދުވެސް މަސައްކަތުގެ މާހައުލުގައި މުވައްޒަފުންނަށް ދިމާވާ ތަފާތު މައްސަލަތައް ދެނެގަތުމުގައި ސާވޭތައް ހަދަމުންނެވެ. މިގޮތުން ޑޭކެއާ ހިދުމަތާއި ބޭނުން ދެނެގަތުމުގެ މަސައްކަތްތަށް ކުރިއަށް ގެންދަމުން އަންނަތާ އަހަރެއް ފުރިހަމަވެއްޖެއެވެ. މި ކުންފުނީގެ އުންމީދަކީ އެސްޓީއޯ ލިޓްލް ވޮންޑާސް ޕްރޮގްރާމްއާއި އެކު ކުޑަކުދިންނަށް ޚާއްޞަ، ގޭގައި ފަދަ ފެންވަރު ރަނގަޅު މާހައުލެއްގައި ކުދިންގެ އިޖުތިމާޢީ ހުނަރާއި ޢިލްމު ބިނާކުރުމަށް ޚާއްޞަކޮށްފައިވާ ޕްރޮގްރާމްތަކާއެކު ކުދިންނަށް ޚާއްޞަ ޚިދުމަތްތަކެއް ލިބިގެންދިއުމެވެ.