ލައިފްސްޓައިލް

އެންމެ ގިނަ ކައިވެނިކުރި މީހާގެ ރެކޯޑް އޮތް މީހާ މަރުވީ އެކަނި އޮވެ

އެމެރިކާގެ މީހެއް ކަމަށްވާ ގްލީން ވުލްފޭ އަކީ އެންމެ ގިނަ ކައިވެނި ކުރި ދުނިޔޭގެ ރެކޯޑް އޮތް މީހާ އެވެ.

ސޯޝަލް މީޑިއާގައި އޭނާ މަޝްހޫރުވީ 31 ފަހަރު ކައިވެނިކޮށްގެންނެވެ. މި 31 ކައިވެނި އޭނާ ކުރީ 29 މީހަކާ އެވެ.

ގްލީން، 89 އަހަރު ވަންދެން ދުނިޔޭގައި ހުއްޓެވެ. މި ދިގު އުމުރުގައި އޭނާ ކައިވެނި ކުރި މީހުންގެ ތެރޭގައި ހިމެނެނީ ވައްކަން ކުރާ މީހުންނާއި ޑްރަގު އެޑިކްޓުން އަދި ދަނޑުތަކުގައި މަސައްކަތްކުރާ އަންހެން ކުދިންނެވެ.

ޓީންއޭޖް ފުރައިގެ ކުދިންނާ ވެސް އޭނާ ކައިވެނިކުރި އެވެ. އަދި މުސްކުޅިކަމުން ގޮސް މާމަ ކިޔާފައި ތިބި މީހުންނާ ވެސް ކައިވެނި ކުރި އެވެ. ބައެއް ކައިވެނި ދެމިއޮތީ މަދު އަހަރު ތަކުގަ އެވެ. އަނެއްބައި ކައިވެނި މަދު މަސް ތަކެއް ތެރޭގައި ނިމުމަކަށް އައެވެ. އަދި މަދު ދުވަސްކޮޅެއްގެ ތެރޭގައި ނިމުނު ކައިވެނި ވެސް މީގެ ތެރޭގައި ހިމެނެ އެވެ.

ލޮސް އެންޖަލިސް ޓައިމްސްގައިވާ މި ޚަބަރުގައި ބުނެފައިވާ ގޮތުގައި މިހާ ގިނަ މީހުންނާ މިހާ ގިނަ ފަހަރަށް ކައިވެނި ކުރިޔަސް ގްލީން އޭނާގެ ހުރިހާ އަނބިންނަށް ވެސް ލޯތްބާއި ގަދަރު ދިނެވެ. އަދި އޭގެން ކޮންމެ މީހަކު ދެކެވެސް އޭނާ އެ ކަންތައްކުރާ އުސޫލަކުން އޯގާތެރިކަމާއި އަޅާލުން ވެސް ދީފައި ވެއެވެ.

ޖޫން 1997 ގައި ގްލީންގެ ވާހަކަ އެމެރިކާގައި އޭރު ނުކުތް ކޮންމެ ނޫހެއްގައި ވެސް ޖަހާފައި ވެއެވެ. އެއީ އޭނާ މަރުވި ޚަބަރެވެ. އޭނާ މަރުވި ޚަބަރު އެހާ ބޮޑަށް ނޫސްތަކުގެ ފަލަ ސުރުޚީއަށް އައީ އޭނާ މަރުވީ ވަރަށް ވޭން ހުރި މަރަކުން ކަމަށް ވާތީ އެވެ. އެކަނިވެރި ހާލުގައި އަޅާލާނެ އެއްވެސް މީހަކު ނެތި އޮވެ އޭނާ މި ދުނިޔެއާ ވަކިވެދާނެ ކަމަކަށް އެކަކުވެސް ހިޔެއް ނުކުރެ އެވެ.

ގްލީންގެ ދިރިއުޅުމުގެ ހުރިހާ ވެސް މަގުސަދަކަށް ވެފައި އޮތީ ކައިވެނި ކުރުމެވެ. އޭނާގެ ލައިފްގެ މިޝަން އަކީ ހަމައެކަނި އެއީ އެވެ. އެހެންވެ އޭނާ އެކަން ކުރި އެވެ. ނަމަވެސް ރެޑްލޭންޑްސް ނާސިން ހޯމްގައި އޮވެ އޭނާ މަރުވީ އޭނާގެ އަންބަކު، ދަރިއަކު ކައިރީގައި ނެތި އެވެ. އަދި މަރުވީ ދަރަނިވެރިއެއްގެ ގޮތުގަ އެވެ. އޭނާގެ މަރުވެފައިވާ މަސްގަނޑާ ހަވާލުވާނެ މީހަކު ނެތި އެތައް ދުވަހަކު ބާއްވާފައިވެސް އޮތެވެ.

ބޮޑު އާއިލާއެއް އޮތް މީހަކަށް މިފަދަ ކަމެއް މެދުވެރިވީތީ އެންމެން ވެސް ހައިރާންވި އެވެ. ގްލީންގެ 29 ކައިވެންޏަށް 19 ދަރިން ލިބުނެވެ. ނަމަވެސް އޭނާގެ ގަބުރާ ހަވާލުވާން ބޭނުންވީ 33 އަހަރުގެ ޖޯން ވުލްފޭ ކިޔާ ދަރިއަކު އެކަންޏެވެ. ބައްޕަގެ ހަށިގަނޑާ ހަވާލުވާން ޖޯން ބޭނުންވި އެވެ. ނަމަވެސް އޭނާ އަކީ ގްލީންގެ ވާރުތަވެރިޔާ ކަމަކަށް ސާބިތެއް ނުވި އެވެ. އެހެންވެ އޭނާއާ ހަށިގަނޑު ހަވާލެއް ނުކުރި އެވެ.

ގްލީން އުފަންވީ 1908 ގައެވެ. އޭނާ ފުރަތަމަ ކައިވެނިކުރީ 1926 ވަނަ އަހަރު އެވެ. އޭނާގެ އެންމެ ދިގު ކައިވެނި 11 އަހަރަށް ދެމިގެން ދިޔައިރު އެންމެ ކުރު މުއްދަތަކަށް ކުރި ކައިވެނި ދެމި އޮތީ 19 ދުވަހު އެވެ. ތިން އަންހެނަކާ ކައިވެނިކޮށް ވަރިކުރުމަށްފަހު ދެވަނަ ފަހަރަށް އޭނާ އެމީހުންނާ ކައިވެނި ކޮށްފައި ވެއެވެ. އޭނާ އެންމެ ދިގު މުއްދަތަކަށް ކައިވެނިކޮށްގެން އުޅުނީ 28 ވަނަ އަށް ކައިވެނިކުރި ކްރިސްޓީން ކަމާޗޯ އާއެވެ.

ގްލީން އެންމެ ބިރުގަންނަ އަދި އޭނާއަށް އެންމެ ހިތްދަތިކަން އިހްސާސްވާ ކަމަކީ އެކަނިވެރިކަމެވެ. އެހެންވެ އޭނާގެ މަރަކީ އޭނާއަށް އެހާ ވޭންހުރި ކަމަކަށް ވީ އެވެ. ރޭގަނޑު ދަންވަރު ވެސް ޕެނިކް އެޓޭކް އައިސްގެން އޭނާ ރޮއި ހޭރޭ އަޑު އާއްމުކޮށް އިވެމުން ދިޔަ އެވެ.