ދުނިޔެ

ވޯލްޑް ބޭންކްގެ ރައީސް މަގާމުގެ އެއް އަހަރު ކުރިން އިސްތިއުފާ ދެއްވަނީ

ވޯލްޑް ބޭންކްގެ ރައީސް ޑޭވިޑް މަލްޕާސް ދައުރު ހަމަވުމުގެ އެއް އަހަރު ކުރިން އިސްތިއުފާ ދެއްވަނީ އެވެ. އޭނާ ވިދާޅުވި ގޮތުގައި އޭނާގެ އެ އިހުތިޔާރު މިހާރު ވަނީ ވޯލްޑް ބޭންކް ގުރޫޕްގެ ބޯޑާ ހިއްސާކޮށްފަ އެވެ.

ޑޭވިޑް މަލްޕާސް ވިދާޅުވި ގޮތުގައި ކުރިއަށް އޮތް މާލީ އަހަރު ނިމޭ ތަނުން އިސްތިއުފާ ދެއްވާނެ އެވެ.

ބްލޫމްބާގް ބުނާ ގޮތުން ކުރިއަށް އޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި މަލްޕާސް އިސްތިއުފާ ދެއްވާނެ އެވެ.

ވޯލްޑް ބޭންކްގެ މާލީ އަހަރު ނިމޭނީ ޖޫން 30، 2023 ގައެވެ. މަލްޕާސް އަދާކުރައްވަމުން ގެންދަވާ ދައުރު ނިމޭނީ އޭޕްރީލް ނުވައެއް، 2024 ގަ އެވެ.

ވޯލްޑް ބޭންކްގެ ރައީސްގެ މަގާމުގައި އާންމުކޮށް ހުންނަވަނީ އެމެރިކާ މީހެކެވެ. މަލްޕާސް އިސްތިއުފާ ދެއްވުމާ ގުޅިގެން މަގާމަށް އާ ބޭފުޅަކު ހަމަޖައްސަވާނެ ކަމަށް އެމެރިކާގެ ޓްރެޒަރީ ޑިޕާޓްމަންޓުން ވަނީ ބުނެފަ އެވެ.

އެމެރިކާގެ މާލީ ވަޒީރު ޖެނެޓް ޔެލެން ވިދާޅުވި ގޮތުގައި ވޯލްޑް ބޭންކް މަސައްކަތްތަކަށް ހުރަސް ނޭޅޭ ގޮތަށް ބޭންކްގެ މަސައްކަތްތައް ރާވާނެ އެވެ. ބޭންކުން ހިންގާ ޕްރޮގްރާމްތަކުގެ ދެފުށް ފެންނަ ގޮތަށް އެގްޒެކެޓިވް ބޯޑުން ހަރަކާތްތައް ހިންގަވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޖެނެޓް ޔެލެން ވިދާޅުވި ގޮތުގައި ޑޭވިޑް މަލްޕާސްގެ ޒައާމަތުގައި ވޯލްޑް ބޭންކް ވަނީ އިތުބާރު ހޯދާފަ އެވެ. އޭނާ އަދި ވިދާޅުވީ މަލްޕާސް އަކީ ވޯލްޑް ބޭންކް މެދުވެރިކޮށް ދުނިޔޭގައި ހިންގާ ޕްރޮގްރާމްތައް ވަރަށް ބޮޑުތަން ހަލުއިކުރެއްވި ބޭފުޅެއް ކަމަށެވެ.