ފިނިޕޭޖް

އެކްޓްރެސް ރެކުއެލް ވެލްޗް 82 އަހަރުގައި މަރުވެއްޖެ

ހޮލީވުޑްގައި 50 އަހަރަށް ވުރެ ދިގު މުއްދަތަކަށް މަސައްކަތްކޮށްފައިވާ އެކްޓްރެސް ރެކުއެލް ވެލްޗް 82 އަހަރުގައި މަރުވެއްޖެ އެވެ.

ރެކުއެލްގެ މެނޭޖަރު ނެރުނު ސްޓޭޓްމަންގައި ބުނެފައިވަނީ ކުރު މުއްދަތަކަށް ބަލިވެއުޅުމަށްފަހު ރެކުއެލް އިއްޔެ މަރުވެފައިވާ ކަމަށެވެ.

ބަލީގެ އެއްވެސް ތަފްސީލެއް ބަޔާނުގައި ހާމަކޮށްފައެއް ނުވެ އެވެ.

ތިއެޓާ އެކްޓްރެސްއަކުން ކެރިއާ ފެށި ރެކުއެލްގެ ކެރިއާ ކުރިއަރަން ފަށާފައިވަނީ 1966 ގައި ނެރުނު "ވަން މިލިއަން އިޔާސް ބީސީ" އިންނެވެ.

މި ފިލްމްގައި ރެކުއެލްގެ ލާންޖެހުނު ނިވާކަން ކުޑަ ހެދުމުގެ ސަބަބުން އޭނާގެ ރީތިކަމާއި ހަށިގަނޑުގެ ބައްޓަން ވަނީ ފިލްމު ހަދާ މީހުންގެ ސަމާލުކަމަށް އައިސްފަ އެވެ. ރެކުއެލްގެ ކެރިއަރުގައި ހޮލީވުޑް އަދި އިޓަލިއަން ފިލްމުތަކުގައި މަސައްކަތްކޮށްފައިވެ އެވެ.

މިގޮތުން ރެކުއެލް "ފެންޓާސްޓިކް ވޮޔޭޖް"، "ލޭޑީ އިން ސިމެންޓް"، "ޓޯނީ ރޯމް"، "ބީޑެޒްލްޑް"، "ބޭންޑެލޭރޯ"، "100 ރައިފަލްސް"، "ކޭންސަސް ސިޓީ ބޮމާ"، "ހެނީ ކޯލްޑާ"، "އެނިމަލް"، "ދަ ޕްރިންސް އެންޑް ދަ ޕޯޕާ"، "ދަ ތްރީ މަސްކެޓިއާސް" ފަދަ ފިލްމުތައް ކުޅެފައިވެ އެވެ. އަދި ބްރޯޑްވޭ އާއި ޓީވީ ސީރީޒްތަކުގައިވެސް މަސައްކަތްކޮށްފައިވެ އެވެ. ރެކުއެލް އަށް ވަނީ "ދަ ތްރީ މަސްކެޓިއާސް" އިން ގޯލްޑަން ގްލޯބް އެވޯޑް ލިބި، "ރައިޓް ޓު ޑައި" ސީރީޒް އިން އެ އެވޯޑަށް ނޮމިނޭޓްވެފަ އެވެ.

1980 ގެ އަހަރުތަކުން ފެށިގެން ރެކުއެލް ވަނީ ވިޔަފާރި ޕްރޮޖެކްޓްތަކަށް ސަމާލުކަން ދީ، ބިއުޓީ އެންޑް ފިޓްނަސް ޕްރޮގްރާމް އަށް ފޮތެއް ނެރެ، ފިޓްނަސް ވީޑިއޯތަކެއް ވެސް ކާމިޔާބުކަމާއެކު ނެރެފަ އެވެ.

ސްކިންކެއާ އާއި ޖުވެލްރީ ލައިންނެއް ވެސް ނެރުނުއިރު އެންމެ ބޮޑު ތަރުހީބެއް ލިބުނީ "ހެއާޔޫވެއާ"ގެ ވިގް ކަލެކްޝަނަށެވެ. އަދި 2007 ގައި މެކް ކޮސްމެޓިކްސްއާ ގުޅިގެން ބިއުޓީ އައިކަން ސީރީޒެއްވެސް ނެރެފައިވެ އެވެ.

ރެކުއެލްގެ ޒަވާޖީ ހަޔާތައް ބަލާއިރު ރެކުއެލް ފުރަތަމަ ކައިވެނި ކުރީ 1959 ގައި އޭނާގެ ހައި ސްކޫލްއިރުން ފެށިގެން ހުރި ލޯބިވެރިޔާ ޖޭމްސް ވެލްޗްއާ އެވެ. މި ކައިވެންޏަށް ދެ ދަރިން ލިބުމަށްފަހު ދެ މީހުން ވަނީ 1962 ގައި ދުރުވެ، 1964 ގައި ވަރިވެފަ އެވެ. މީގެ ފަހުން ރެކުއެލް ތިން ފަހަރު ކައިވެނިކޮށް، ވަރިވެފައިވެ އެވެ.