ޓެރަރިޒަމް

އަލްގައިދާގެ އާ ވެރިޔާ ސައިފް އަކީ ކާކު؟

އަލްގައިދާގެ އާ ލީޑަރަކީ ސައިފް އަލް އާދިލް ކަމަށް އެމެރިކާ އިން މިވަނީ ބުނެފަ އެވެ. އެހެންކަމުން ސައިފަކީ ކާކު ކަން އެނގުން މުހިއްމެވެ.

ސައިފަކީ އިރާނުގައި އުޅެމުން އަންނަ މިސްރު ރައްޔިތެކެވެ. އޭނާ އަލްގައިދާގެ ވެރިޔާ ކަމުގައި ކަނޑައެޅިގެން ދިޔައީ މިދިޔަ ޖުލައި 2022 ގައި އަލްގައިދާ ޖަމާއަތުގެ ވެރިޔާ އައިމަން އަލް ޒަވާހިރީ މަރާލުމާ ގުޅިގެންނެވެ.

"އަހަރެމެންގެ ދިރާސާތަކާއި އދގެ ދިރާސާތަކާއި އެއްގޮތް. އަލްގައިދާގެ އައު ވެރިޔަކީ އިރާނުގައި ދިރިއުޅެމުން އަންނަ ސައިފް އަލް އާދިލް،" އިއްޔެގެ ވަގުތެއްގައި އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓްގެ ތަރުޖަމާން ވިދާޅުވި އެވެ.

މިދިޔަ އަންގާރަ ދުވަހު އދ އިން ނެރުނު ރިޕޯޓްގައި ވަނީ ގިނަ މެންބަރު ގައުމުތަކުން ގަބޫލުކުރަނީ ސައިފް އަކީ އަލްގައިދާގެ މިހާރުގެ ވެރިޔާ ކަމަށެވެ.

އަލްގައިދާ އިން ރަސްމީކޮށް ސައިފް އަކީ އެ ޖަމާއަތުގެ އަމީރު ކަމަށް މިހާތަނަށް ކަނޑައަޅާފައެއް ނުވެ އެވެ. ސަބަބަކީ އަފްޣާނިސްތާނުގެ ވެރިން ކަމަށްވާ ތޯލިބާންގެ ކަންބޮޑުވުންތައް އަލްގައިދާގެ ވެރިޔަކު ކަނޑައެޅުމުގައި އޮތުމެވެ.

އދގެ ރިޕޯޓްގައި ބުނާ ގޮތުގައި އަފްއާނިސްތާނުގެ ތޯލިބާން ސަރުކާރުން އަދިވެސް ގަބޫލުކުރަނީ އެމެރިކާގެ ރޮކެޓް ހަމަލާއެއްގައި އަފްއާނިސްތާނު ގެއެއްގެ ތެރޭގައި ވަނިކޮށް އަލްގައިދާގެ ލީޑަރު އައިމަން އަލް ޒަވާހިރީ މަރާލެވިފައި ނުވާ ކަމަށެވެ.

މީގެ އިތުރުން އދގެ ރިޕޯޓްގައި ވަނީ ޝިއައީންގެ އަގުލަބިއްޔަތު އޮންނަ އިރާންގައި ސައިފް ދިރިއުޅެމުން އަންނާތީ އެކަމުގެ ކަންބޮޑުވުންވެސް ސުންނީ ޖަމާއަތުގެ އަލްގައިދާގައި އެބައޮތް ކަމަށް ބުނެފަ އެވެ. ސައިފް ދިރިއުޅޭ ތަނުގެ ސަބަބުން، އަލްގައިދާ އިން ދެކޭ ދުނިޔޭގެ ހިލާފަތު ވެރިކަން ހިންގަން އިސްލާމިކް ސްޓޭޓް އޮފް އިރާގު އެންޑް ލީބިޔާ ނުވަތަ (އައިއެސްއައިއެލް) އައިސިލްގެ ގޮންޖެހުންތަކުން ސުވާލު އުފެދިފައިވާ ކަމަށްވެސް ބުނެފައިވެ އެވެ. އައިސިލް ނުވަތަ އިސްލާމިކް ސްޓޭޓް (އައިއެސް) އަކީ އަލްގައިދާގެ ވާދަވެރި ޖަމާއަތެކެވެ.

އުމުރުން 62 އަހަރުގެ ސައިފަކީ މިސްރުގެ ސްޕެޝަލް ފޯސަސްގެ ލެފްޓިނަންޓެއްގެ މަގާމު އަދާކޮށްފައިވާ އަލްގައިދާގެ ޒަމާންވީ ހަރުކުލައިގެ ވެރިން ތެރޭގައި ހިމެނޭ ބޭފުޅެކެވެ.

ސައިފް އަކީ އަލްގައިދާގެ ހިންގުމުގެ ގާބިލްކަން އިތުރުކޮށް އަދި ސެޕްޓެމްބަރު 2001 ގައި އެމެރިކާއަށް ދެވުނު ހަމަލާގައި ފްލައިޓްތައް ހައިޖެކް ކުރި ބައެއް މީހުން ތަމްރީނުކޮށްފައިވާ ފަރާތްކަމަށް އެމެރިކާގެ ކައުންޓާ އެކްސްޓްރިމިޒަމްގެ ރިޕޯޓެއްގައި ބުނެފައިވެ އެވެ.

ސައިފް އިރާނުގައި ދިރިއުޅެމުން ގެންދަނީ 2001 ނުވަތަ 2003 އިން ފެށިގެންނެވެ. އެންމެ ފުރަތަމަ އޭނާ އިރާންގައި ގޭބަންދުކޮށްފައިވިޔަސް ފަހުންވަނީ ޕާކިސްތާނަށް ދަތުރުކުރެވޭނެ މިނިވަންކަން ދީފައި ކަމަށް އެމެރިކާގެ އެފްބީއައިގެ ކުރީގެ ކައުންޓާ ޓެރަރިޒަމް ތަހުގީގު މެންބަރު އަލީ ސޫފާން ވިދާޅުވެފައިވެ އެވެ.

"ސައިފް އަކީ ޖިހާދީ ހަރަކާތުގައި ދުނިޔޭގައި އެންމެ ތަޖުރިބާކާރު ޕްރޮފެޝަނަލް ހަނގުރާމަވެރިޔާ. އޭނާގެ ހަށިގަނޑުގައި ހަނގުރާމައިގެ ލަކުނު ލާފައިވޭ،" އެމެރިކާގެ ވެސްޓް ޕޮއިންޓް ކޮމްބެޓިން ޓެރަރިޒަމް ސެންޓަރު، ސީޓީސީގެ ޖާނަލްގައި ސޫފާން ލިޔުއްވާފައިވެ އެވެ.

"އޭނާ އަމަލު ކުރާއިރު ގާބިލްކަމުގައި ރަހުމެއް ނުހުންނާނެ،" ސޫފާން ވިދާޅުވެފައިވެ އެވެ.