ދުނިޔެ

އެމެރިކާގެ ކޮންގްރެސް އަށް މިހާރަށްވުރެ ވިސްނޭ މީހުން ބޭނުންވޭ: ރޫހާނީ

އެމެރިކާގެ ކޮންގްރެސް އަށް ބޭނުންވަނީ މިހާރު ތިބި މީހުންނަށްވުރެ ވިސްނޭ އަދި ގާބިލް މީހުން ކަމަށް އިރާނުގެ ރައީސް ހަސަން ރޫހާނީ ވިދާޅުވެއްޖެ އެވެ.

ރޫހާނީ އިއްޔެ ދެއްކެވި ވާހަކަފުޅާއި ބެހޭގޮތުން ވޮޝިންގްޓަން ޓައިމްސްގައި ބުނެފައިވަނީ އެމެރިކާގެ ވޮޝިންގްޓަން އަކީ އެހެން ގައުމުތަކުގެ ކުރިއެރުމަށް ހުރަސް އަޅާ ތަނެއް ކަމަށް ސިފަވާ ގޮތަށް ވާހަކަ ދައްކަވާފައިވާ ކަމަށެވެ. އެހެންކަމުން އެމެރިކާ އަށް މިހާރަށްވުރެ ވިސްނޭ މީހުން ބޭނުންވާ ކަމަށް އޭނާ ވިދާޅުވީ އެވެ.

އިރާނުގައި އެހެން ގައުމުތަކުން ކުރިއަށް ގެންދާ ވިޔަފާރި މަޝްރޫޢުތައް ކުރިއަށް ގެންދެވޭނީ އެމެރިކާއިން ހުއްދަ ހޯދައިގެން ކަމަށެވެ. ވިޔަފާރިތައް ފެށުމުގެ "ތަޅުދަނޑި" އޮންނަނީ އެމެރިކާގެ އަތުގައި ކަމަށް ރޫހާނީ ވިދާޅުވި އެވެ.

"އެމެރިކާއިން އިރާނަށް ޕްރެޝަރ ކުރުން ހުއްޓާލަން ޖެހޭ. އުއްމީދުކުރަން ދެން އަންނަ ކޮންގްރެސް އަކަށް ވިސްނޭ އަދި ކަމަށް ގާބިލް މީހުން އިންތިހާބް ކުރާނެ ކަމަށް" ރޫހާނީ ވިދާޅުވެފައިވެ އެވެ.

ރޫހާނީ ވަނީ އެމެރިކާގެ އަތުގައި އޮތް އިރާނުގެ ތަޅުދަނޑި އިރާނާއި ހަވާލުކުރަން ޖެހޭ ކަމަށާއި އިރާނާއި އެހެން ގައުމުތަކާއި އޮންނަ ގުޅުން ރަނގަޅު ވާނީ އޭރަށް ކަމަށް ވިދާޅުވި އެވެ.

ރޫހާނީ މިހާރުދަނީ ޔޫރަޕަށް ދަތުރުތަކެއް ކުރައްވަމުންނެވެ. މިދަތުރުގައި ވިޔަފާރީގެ އެއްބަސްވުންތަކެއް ކުރާނެ ކަމަށް ބެލެވެ އެވެ.