ދުނިޔެ

ޔުކްރޭންގެ 20 ޑްރޯން ވައްޓާލައިފިން: ރަޝިއާ

ރަޝިއާ ސިފައިން ޔުކްރޭންގައި ތިބޭ ސަރަހައްދުތަކަށް ހަމަލާދިނުމަށް އުދުހުނު 20 ޑްރޯން ވައްޓާލާފައިވާނެ ކަމަށް ރަޝިއާގެ ޑިފެންސް މިނިސްޓްރީން ބުނެފި އެވެ.

ހުޅަގުގެ ގައުމުތަކުން ޔުކްރޭނަށް ހަދިޔާކުރާ ހައިމާސް މިސައިލްތަކާއި ހެލިކޮޕްޓަރުން ދޭ ހަމަލާތައް ދިފާއުކުރުމުގައިވެސް ރަޝިއާގެ ދިފާއީ ނިޒާމު ކާމިޔާބުކަމަށް ޑިފެންސް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ޑިފެންސް މިނިސްޓްރީގެ ތަރުޖަމާން އީގަރު ކަނާޝެންކޮފް ވިދާޅުވި ގޮތުގައި އެމެރިކާ އާއި ޔޫރަޕުން ޔުކްރޭނަށް ފޮނުވާ ހަތިޔާރުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމުގެ ފުރުސަތު ޔުކްރޭންގެ ސިފައިންނަކަށް ނުދޭނެ އެވެ.

ޔުކްރޭން ހަނގުރާމައަށް އަހަރު ދުވަސް ހަމަވާން އަންނައިރު ޔުކްރޭންގެ 389 އަސްކަރީ މަތިންދާބޯޓާއި 209 ހެލިކޮޕްޓަރު 3،152 ޔޫއޭވީ -- މީހަކާ ނުލައި ރިމޯޓްކޮށް ދުއްވާ އުޅަނދު، 404 މަތިންދާބޯޓަށް ހަމަލާދޭ މިސައިލް އަދި 7،891 ޓޭންކް ހަލާކުކޮށްފައި ވާނެ ކަމަށްވެސް ރަޝިއާގެ ދިފާއީ ވުޒާރާއިން ބުނެ އެވެ.

އީގަރު ކަނާޝެންކޮފް ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ޔުކްރޭންގެ އަމަލުތަކުގެ ސަބަބުން އެ ގައުމަށް ވަރަށް ބޮޑެތި ގެއްލުން ލިބިފައިވާ ކަމަށެވެ.

ޔުކްރޭން އަކީ ރަޝިއާގެ އަވައްޓެރި ގައުމެއް ކަމަށް ވިދާޅުވަމުން ތަރުޖަމާން ވިދާޅުވީ ޔުކްރޭނަށް އެންމެ ފައިދާ ބޮޑު ގޮތަކީ އަވައްޓެރިއެއް ގޮތުގައި ސަރަހައްދުގެ މަސްލަހަތުގައި އޮތުން ކަމަށެވެ.

ރިޕޯޓްތައް ބުނާ ގޮތުން އެމެރިކާ އަޑީގައި އޮވެގެން ޔުކްރޭން ލައްވައި ކުރުވާ ހަނގުރާމައިގެ ސަބަބުން އާޚިރަތުގައި އެންމެ ބޮޑު ގެއްލުމެއް ލިބޭނީ ޔުކްރޭނަށެވެ. އެމެރިކާ އާއި ހުޅަނގުން ޔުކްރޭނަށް ފޯރުކޮށްދޭ އަގުބޮޑު ހަތިޔާރުތަކަކީ އެ ގައުމަށް ދޭ ހަދިޔާއެެއް ނޫން ކަމަށްވެސް އިގުތިސާދީ މާހިރުން ބުނެ އެވެ.

އެ ތަކެއްޗަށް ކޮންމެވެސް ދުވަހަކުން ޔުކްރޭން އަގުދައްކަން ޖެހޭނެ ކަމަށްވެސް މަންޒަރު ސާފުވާ މީހުން ބުނެ އެވެ.