ދުނިޔެ

ޔުކްރޭނާ ހެދި އެމެރިކާ މީހުން ބައިޑަންއަށް ކުރާ ތާއީދު ގެއްލެނީ

ޔުކްރޭން ހަނގުރާމަ ދިގުލައިގެން ދިއުން އެމެރިކާ ރައްޔިތުންނަށް ބޮޑު ކަމަކަށް ވެއްޖެ އެވެ.

ޔުކްރޭން ހަނގުރާމައަށް އެމެރިކާ ސަރުކާރުން ހޭދަކުރާ އަދަދުތަކާ ބެހޭ ގޮތުން ނެގި ހިޔާލު ހޯދުމުގެ ވޯޓަކުން ދައްކާފައި ވަނީ ބައިޑަން ސަރުކާރުން ޔުކްރޭނަށް މިހާރު ކުރާ ވަރުގެ ހޭދައެއް ކުރުމަކީ ހެދޭ ބޮޑު ގޯހެއް ކަމަށެވެ.

ޔުކްރޭން ހަނގުރާމަ މީގެ އަހަރެއްހާ ދުވަސް ކުރިން ފަށައިގަތްއިރު -- އެ ހަނގުރާމައިގެ ތެރެއަށް އެމެރިކާ ވަންނަން ޖެހޭނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރި އެވެ. އެއިރު އެމެރިކާ ރައްޔިތުންނަށް ހީވެފައި އޮތީ އެމެރިކާ ކުރިމަތިލާ ކޮންމެ ކަމެއްގައި ކާމިޔާބު ހޯދާނެ ކަމަށެވެ.

އެހެން ނަމަވެސް، ރަޝިއާ-ޔުކްރޭން ހަނގުރާމައަށް ފެބްރުއަރީ 24 ގައި އަހަރު ދުވަސް ހަމަވާން އަންނައިރު ހިޔާލު ހޯދުމުގެ ވޯޓުތަކުން ދައްކަނީ މި ހަނގުރާމާގައި ބައިޑަންގެ ސިޔާސަތު ރަނގަޅު ނޫން ކަމަށެވެ.

އެމެރިކާގެ ނެޝަނަލް އޮޕީނިއަން ރިސާޗް ސެންޓަރުން ނެގި ހިޔާލު ހޯދުމުގެ ވޯޓެއްގައި ދައްކާފައި ވަނީ ޔުކްރޭން ހަނގުރާމައާ ގުޅޭ މުއާމަލާތްތަކުގައި ބައިޑަންގެ ސަރުކާރުން ކަންކޮށްފައި ވަނީ އެންމެ އެކަށީގެންވާ ވަގުތުގައި، އެންމެ އެކަށީގެންވާ ގޮތަށް ނޫން ކަމަށެވެ.

ބައިނަލްއަގްވާމީ ހާލަތްތަކަށް ބަލައި ދޫދޭންޖެހޭ މުއާމަލާތްތަކުގައި ދޫނުދިނުމާއި އަދި ދޫދޭން ނުޖެހޭ މުއާމަލާތްތަކަށް އަޅާލުން ކުޑަކުރެވިފައި އޮތުމަކީ އެމެރިކާ ސަރުކާރުގެ ރޭވުންތެރިކަމާ މެދު އާންމުން މާޔޫސްވާން މެދުވެރިވި ސަބަބުތައް ކަމަށް ވަނީ ދައްކާފަ އެވެ.

މި ހާލަތުގައި އެމެރިކާއަށް އެންމެ ހެޔޮކަން ބޮޑު ގޮތް ކަމަށް ވޯޓުން ދައްކަނީ ސުލްހައަށް ބިންގާ އެޅުން ކަމަށެވެ.

އެމެރިކާގެ ނެޝަނަލް އޮޕީނިއަން ރިސާޗް ސެންޓަރުގެ ވޯޓުން ދެނެގަނެވުނު މުހިންމު މައުލޫމާތުތަކުގެ ތެރޭގައި، ޔުކްރޭން ހަނގުރާމައަށް ބޮޑު ހޭދައެއް ކުރާ ނަމަ ބައިޑަންއަށް ދެވަނަ ދައުރެއް ލިބިވަޑައިނުގަތުން ހިމެނެ އެވެ.

އެމެރިކާގެ ގާނޫނުހަދާ މަޖިލީޙުގެ ތެރިގޭގެ އަޣުލަބިއްޔަތު މިހާރު އޮތީ އިދިކޮޅު ރިޕަބްލިކަނުންނަށެވެ. މީގެ މާނަ އަކީ ވެރިކަންކުރާ ޑިމޮކްރެޓުން ބޭނުންވާހާ ގޮތަކަށް ބިލްތައް ފާސްކުރުމުގައި ހުރަސްތައް ކުރިމަތިކުރުވާނެ ކަމެވެ.

އެހެންކަމުން، ޔުކްރޭން ހަނގުރާމައަށް ބޮޑެތި އަދަދުތަކުން ފައިސާ ހޭދަކުރުމަކީ ބައިޑަން ސަރުކާރަށް ދަތި ކަމަކަށް ވާނެ އެވެ.