އިންޑިޔާގެ ގުޖްރާތުގެ އަވަށެއްގައި ދިރިއުޅޭ މީހަކު ކޯޓަށް ގޮސްގެން އޭނާގެ އަންހެނުން ވަރިކޮށްފި އެވެ. ކައިވެނިކުރިތާ މާ ގިނަ ދުވަހެއް ނުވެ ކައިވެނި ރޫޅާލަން ފިރިހެންމީހާ ނިންމީ އޭނާއަށް ކައިވެނި ކުރި އާސާމް އަންހެންމީހާ އަކީ ބޮޑެތި ކުށްތަކަށް އަރައިގަނެފައިވާ އަދި އާސާމް ފުލުހުންނަށް ފިލައިގެން އުޅޭ މީހެއްކަން އެނގުމުންނެވެ.
ވިމާލް ކާރިއާ އާއި އަންހެންމީހާ ރީޓާ ދާސް އާ ފުރަތަމަ ދިމާވީ ކައިވެނިކުރާނެ އެކަށީގެންވާ މީހުން ހޯދައިދޭ މެޓްރިމޯނިއަލް ޕްލެޓްފޯމަކުންނެވެ. މި ބައްދަލުވުމަށްފަހު ދެ މީހުންގެ ކައިވެނި ކުރިއިރު އަންހެންމީހާ އަކީ އާސާމްގެ ގޭންގްސްޓާރެއް ކަމަށާއި ވައްކަމާއި މީހުން މެރުން އަދި ހިޔާނާތުގެ އެތައް މައްސަލައެއްގައި ފުލުހުން ހޯދާ މީހެއްކަމެއް ނޭނގެ އެވެ.
މެޓްރިމޯނިއަލް ސައިޓްގައި ރީޓާ ލިޔެފައިވާ ޕްރޮފައިލްގައި ވާ ގޮތުން އޭނާއަކީ ކުރިން ކައިވެނިކޮށް ވަރިވެފައިވާ މީހެކެވެ. އެހެންވެ ވިމާލް އާ ކައިވެނިކުރުމުގެ ކުރިން ވަރީގެ ސެޓްފިކެޓް ކޮބައިތޯ އޭނާ ރީޓާ އާ ސުވާލު ކުރި އެވެ.
އޭނާ ކައިވެނިކޮށްދިނީ ޕަންޗާޔަތު (އަވަށުގެ އިސް މީހުން) ކަމަށާއި އެހެންގެ ކައިވެނީގެ ސެޓްފިކެޓް ނެތް ކަމަށް ރީޓާ ބުންޏެވެ. އެހެންވެ އޭނާއަށް އިތުބާރުކޮށް ވިމާލް އޭނާ އާ ކައިވެނި ކުރީ އެވެ.
އަހުމަދުއާބާދުގައި ކައިވެނިކުރުމަށްފަހު ރީޓާ އާއި ވިމާލް ހަ މަސް ދުވަހު އެކުގައި އުޅުމަށްފަހު ރީޓާ އެނބުރި އާސާމް އަށް ދިޔައީ އެ ރަށުގައި ކުރަން ހުރި ވަރަށް ގިނަ ކަންތައް ހުރިކަމަށް ބުނެފަ އެވެ. އެއަށްފަހު އޭނާ އެނބުރި ވިމާލް ކައިރިއަކަށް ނާދެ އެވެ.
ވިމާލް ކައިރީ ރީޓާ ބުނީ އޭނާ ރަށަށް ދާން ޖެހުނީ އެމީހުންގެ ގެއެއްގެ މިލްކުވެރިކަމުގެ މައްސަލަތަކެއް ދިމާވެގެން އޭނާގެ މަންމަ ގުޅައިގެން އެކަން ހައްލު ކުރުމަށެވެ.
ރީޓާ އަކީ ބޮޑު ގޭންގްސްޓާރެއް ކަމާއި ކުރިން ވެސް މީހަކާ އިނދެ ވަރިނުވެ ހުރި މީހެއްކަން ވިމާލް އަށް އެނގުނީ އޭގެ ފަހުންނެވެ.
އިންޑިޔާގެ ނޫހެއް ކަމަށްވާ ދައިނިކް ބާސްކަރް އަށް ދިން އިންޓަވިއުއެއްގައި ރީޓާ ބުނީ އޭނާ އަނިލް ކިޔާ މީހަކާ 2017ގައި ކައިވެނިކޮށްފައިވާ ކަމަށާއި އޭނާ ކައިރިން ވަރި ނުވާ ކަމަށެވެ. އަދި އޭނާ އާއި ރީޓާ ބައިވެރިވެގެން ކާރެއް ވަގަށް ނަގައި އެކަމުގައި ބެދިގެން އަނިލް މިހާރު ހުރީ ޖަލުގައި ކަމަށް ވެސް ރީޓާ އެއްބަސްވި އެވެ.
ފަހުން ވިމާލް ހޯދި ހޯދުމުން އެނގުނު ގޮތުގައި ރީޓާގެ އަސްލު ނަމަކީ ރޭކާ ޗައުހާން އެވެ. އޭނާއަކީ ފުލުހުން ހޯދާ ބޮޑު ކުށްވެރިއެކެވެ.