ގައުމީ އެއާލައިން -- މޯލްޑިވިއަން ހިންގާ ކުންފުނި -- އައިލެންޑް އޭވިއޭޝަންގެ މުވައްޒަފުންގެ މުސާރަ ކުރިއަށް އޮތް މާޗް މަހުން ފެށިގެން ބޮޑުކުރަން ނިންމައިފި އެެވެ.
އައިލެެންޑް އޭވިއޭޝަންގެ ފަރާތުން މިރޭ މިކަން ހާމަކުރެއްވީ އެ ކުންފުނީގެ އަހަރީ ސްޓާފް ނައިޓްގައި ވާހަކަދައްކަވަމުން ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މިހާދު އެވެ. ސްޓާފް ނައިޓް ޝަރަފްކޮށްދެއްވީ ނައިބް ރައީސް ފައިސަލް ނަސީމު އެވެ.
މިހާދު ވިދާޅުވީ މާޗު މަހުން ފެށިގެން އައިލެންޑް އޭވިއޭޝަންގެ މުވައްޒަފުންގެ އަސާސީ މުސާރައަށް ހެޔޮ ބަދަލެއް ގެންނާނެ ކަމަށެވެ. އަދި ކޮވިޑް 19 އާއި ގުޅިގެން ހަރަދު ކުޑަކުރުމުގެ ގޮތުން މުވައްޒަފުންނަށް ކަނޑާލި ބައެއް އިނާޔަތްތައް ވެސް މާޗު މަހުން ފެށިގެން އަލުން ދޭނެ ކަމުގައި ވިދާޅުވި އެވެ. އެގޮތުން މުވައްޒަފުންނަށް ކުރިން ދެމުންދިޔަ ޓިކެޓް އަލުން ދިނުމާއި މުވައްޒަފުން ޓިކެޓަށް ފިއުލް ޗާޖުގެ ގޮތުގައި ދައްކަމުން ދިޔަ އަދަދު ކަނޑާލުމަށްވެސް ވަނީ ނިންމާފަ އެވެ.
"މީގެއިތުރުން މުވައްޒަފުންގެ މުސާރައަށް ގެންނަ ހެޔޮ ބަދަލާ އެކު ޕެންޝަން ފަންޑުގައި ރައްކާކުރެވޭ އަދަދުވެސް އިތުރުވާނެ،" މިހާދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އައިލެންޑް އޭވިއޭޝަންގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރަތަކަށް ހެޔޮ ބަދަލެއް ގެންނަނީ އެ ކުންފުންޏަކީ ގާބިލް މުވައްޒަފުން މަސައްކަތް ކުރާ ތަނަކަށް ހެދުމުގެ ގޮތުންނެވެ.
ރާއްޖޭގެ ގައުމީ އެއާލައިންގެ ހައިސިއްޔަތުން ރާއްޖޭގައި އެންމެ ފުޅާކޮށް ވައިގެ ދަތުރުފަތުރުގެ ހިދުމަތް ދެނީ އައިލެންޑް އޭވިއޭޝަނުންނެވެ. އެ ކުންފުނިން އެއާލައިނެއް ހިންގުމުގެ އިތުރުން ބައެއް އެއާޕޯޓްތައް ވެސް ހިންގަ އެވެ. ނަމަވެސް ގައުމީ އެއާލައިން ހިންގަނީ ބޮޑު ގެއްލުމެއްގަ އެވެ. އެހެންކަމުން ކުންފުނިން މުވައްޒަފުންގެ މުސާރައަށް ބަދަލު ގެންނަން އުޅޭ ގޮތެއް އަދި އެނގިފައެއް ނުވެ އެވެ. މިރޭގެ ޖަލްސާގައި އެ މައުލޫމާތު ސާފުކޮށް އޮޅުން ފިލުވައިދީފައެއް ނުވެ އެވެ.