ބޮލީވުޑް

ޝާހް ދެކެ ސަނީ އައި ރުޅި ޒަމާންތަކަކަށް ދެމިއޮތް

ޔާޝް ޗޯޕްރާ އުފެއްދި "ޑަރް" އަކީ ޝާހް ރުކް ޚާނާއި ސަނީ ޑެއޯލްގެ ކެރިއަރަށް ވަރަށް ބޮޑު ކާމިޔާބެއް ހޯދައިދިން ބްލޮކްބަސްޓާ ފިލްމެކެވެ. މި ފިލްމުގައި ޝާހް ރުކް ކުޅެފައިވަނީ ނުބައިބައި ރޯލު ނަމަވެސް ފިލްމު ބެލި މީހުން ޝާހް ރުކް ދެކެ ފިލްމު ބަލާފައިވީ އަމަށަކު ލޯތްބެއް ނޫނެވެ.

ސަނީ ކުޅުނީ ރަނގަޅު ބައެވެ. އަނބިމީހާ ދެކެ ވަރަށް ލޯބިވާ ރަނގަޅު ފިރިއެއްގެ ބައެވެ. ޝާހް ރުކް ކުޅުނީ އަންހެން ކުއްޖަކާ ހެދި މޮޔަވެފައިވާ މީހެއްގެ ކެރެކްޓާ އެވެ. އެހެންވެ ސަނީގެ ކެރެކްޓާއަށް ވުރެ ބެލުންތެރިންނަށް ބޮޑަށް މަގުބޫލުވީ ޝާހް ރުކްގެ ކެރެކްޓާ އެވެ. މިކަމާ ސަނީ ވަރަށް ހިތްހަމަނުޖެހުނެވެ.

ހިންދުސްތާން ޓައިމްސް އަށް ސަނީ ވަރަށް ކުރިން ދީފައިވާ އިންޓަވިއު އެއްގައި "ޑަރް"އިން ޝާހް ރުކް އަށް ލިބުނު ލޯބީގެ ވާހަކަ ދައްކާފައި ވެއެވެ. އަދި ނުބައިބައި ކެރެކްޓާއަކަށް ބެލުންތެރިން އެހާ ބޮޑު ތަރުހީބެއް ދިނީތީ އެކަމާ ހައިރާންވި ކަމަށް ބުންޏެވެ.

ހަމަ މި އިންޓަވިއުގައި ސަނީ ބުނި ގޮތުގައި ޔާޝް ޗޯޕްރާ ކަންތައް ކުރި ގޮތުން އޭނާ ދެކެ ވަރަށް ހިތްހަމަނުޖެހިފައިވާ ކަމަށާއި ދުވަހަކުވެސް އޭނާއާއެކު މަސައްކަތެއް ނުކުރަން ނިންމާފައިވާ ކަމަށްވެސް ބުނެފައި ވެއެވެ.

ސަނީގެ ވާހަކައިން ދޭހަވީ ގޮތުގައި ޝާހް ރުކް އަށް ޔާޝް ޗޯޕްރާ މާރަނގަޅަށް ކަންތައްތައް ކޮށްދިނެވެ. އަދި "ޑަރް"ގައި ޝާހް ރުކް އަށް އެންމެ ވަރުގަދަ ރޯލު ދީ އޭނާއާ މެދު ނާއިންސާފުން ކަންތައް ކޮށްފައި ވެއެވެ.

"ޑަރް" ކުޅުނުއިރު ޝާހް ރުކް އަކީ އަދި ފިލްމު އިންޑަސްޓްރީގައި ފައިތިލަ ސާބިތުކުރަން ގަދައަޅާ މަސައްކަތްކުރަމުން ދިޔަ އެކްޓަރެކެވެ. އަނެއްކޮޅުން ސަނީ އަކީ އޭރުގެ އެންމެ ކާމިޔާބު އެއް އެކްޓަރެވެ.

ސަނީ ގަބޫލު ނުކުރިޔަސް ޔާޝް ޗޯޕްރާ އޭނާ އާ މެދު ނާ އިންސާފުން ކަންތައް ކުރިޔެކޭ ބުނެވޭކަށް ނެތެވެ. ސަބަބަކީ ޝާހް ރުކް ކުޅުނު ރޯލާއި ސަނީ ކުޅުނު ރޯލުން އޭނާ ބޭނުން ރޯލެއް ނެގުމުގެ ފުރުސަތު ސަނީ އަށް ލިބުނެވެ. އޭނާ ކުޅެފައިވާ ރޯލަކީ އޭނާ އަމިއްލައަށް ޚިޔާރުކުރި ރޯލެވެ. ޝާޙް ރުކްގެ ރޯލަށް މާ ބޮޑު ތަރުހީބެއް ލިބިދާނެކަމަކަށް އޭރު ސަނީ ހިޔެއް ނުކުރެ އެވެ.

ޝާހް ރުކް ކުޅުނު ބައި ކުރިން ކުޅެން ހަމަޖެހިފައި އޮތީ ސަންޖޭ ދަތެވެ. އެ ދުވަސްވަރު ސަންޖޭ ދަތަށް ޖަލު ހުކުމެއް އައިސްގެން ޖަލަށް ދާން ޖެހުމުން އަޖޭ ދޭވްގަން އާއި އާމިރު ޚާން އަށް ވެސް އެ ރޯލު ކުޅެން ހުށަހެޅުނެވެ. ޝާހް ރުކް އަށް ލިބުނީ އަޖޭ އާއި އާމިރު ވެސް މި ފިލްމު ކުޅެދޭން އެއްބަސް ނުވީމަ އެވެ.

"އާޕް ކީ އަދާލަތު" ކިޔާ ޓީވީ ޝޯއެއްގައި ބައިވެރިވެ ސަނީ ކިޔައިދިން ގޮތުގައި "ޑަރް"ގެ ކްލައިމެކްސް (ނިންމުން) އޮތް ގޮތާ އެއްބަސްނުވެވިގެން އޭނާ އާއި ޔާޝް ޗޯޕްރާގެ މެދުގައި ވަރަށް ވަރުގަދަ ޒުވާބެއް ހިނގި އެވެ.

"އަހަރެން ބުނިން ފިލްމުގައި އަހަރެން ކުޅެނީ ވަރަށް ހިތްވަރުގަދަ ކޮމާންޑޯ އޮފިސަރެއްގެ ރޯލޭ. މަގޭ ކެރެކްޓާ އަކީ ވަރަށް ފިޓްކޮށް ހުންނަ އެކްސްޕާޓެކޭ. ކިހިނެއްހޭ ނުބައިބައި މީހާ (ޝާހް ރުކް) އަހަރެންގެ ކެރެކްޓާގެ ގައިގައި ތަޅާ އެހާ ފަސޭޙައިން އަނިޔާ ދޭނީ. އަހަރެން އޭނާއަށް ބަލަހައްޓައިގެން ހުއްޓާ އަހަރެންގެ ގަޔަށް އޭނާއަށް ވަޅި ހެރޭނަމަ އަހަރެންނަކަށް ކޮމާންޑޯއެކޭ ނުކިޔާނޭ،" ސަނީ ކިޔައިދީފައި ވެއެވެ.

ނަމަވެސް ސަނީ ދެއްކި އެއްވެސް ވާހަކައެއް ޔާޝް ޗޯޕްރާ އަޑެއް ނޭހި އެވެ. އެހެންވެ އެކަމާ އައި ރުޅިން ސަނީ އަމިއްލައަށް އޭނާ ލައިގެން ހުރި ޖިންސް ވެސް އިރާލި އެވެ.

"އަހަރެން ހުރީ ރުޅިއައިސްގެން ތުރުތުރު އަޅައަޅަ. ޖީންސްގެ ދެ ޖީބަށް އަތް ޖަހައިގެން ހުރުމުން ރުޅިގަދަވެގެން ގޮސް ޖިންސް އިރާލެވުނުއިރުވެސް އަހަންނަކަށް ނޭނގުނު،" ސަނީ ބުންޏެވެ.

އޭގެ ފަހުން ޔާޝް ޗޯޕްރާ އާއި ޝާހް ރުކް އާއެކު ދުވަހަކުވެސް މަސައްކަތްނުކުރާން ސަނީ ވައުދުވި އެވެ. އަދި ފިލްމު ރިލީޒްކުރިތާ 16 އަހަރު ފާއިތުވީއިރުވެސް އޭނާ ޝާހް ރުކް އާ ވާހަކައެއް ނުދައްކަ އެވެ.

ނަމަވެސް 16 އަހަރު ފަހުން 2010 ވަނަ އަހަރު ކަރަން ޖޯހަރްގެ ގޭގައި އޮތް ޕާޓީއަކުން ބައްދަލުވުމުން ސަނީ އާއި ޝާހް ރުކް ވަނީ ސަލާންކޮށް ވާހަކަ ދައްކާ ރުޅިވެރިކަން ނައްތާލާފަ އެވެ.