މާވެލް ސިނަމެޓިކް ޔުނިވާސްގައި "ސްޕައިޑަމޭން"ގެ ރޯލް އަދާކުރަމުންދާ ޓޮމް ހޮލެންޑް، "ސްޕައިޑަމޭން"ގެ ދެން ނެރޭ ފިލްމްގައިވެސް ޕީޓާ ޕާކާ / ސްޕައިޑަމޭންގެ ރޯލް އަދާކުރާނެ އެވެ.
އެންޓަޓޭންމަންޓް ވީކްލީއަށް ދިން އިންޓަވިއުއެއްގައި މާވެލްގެ ހެޑް ކެވިން ފައިގީ ބުނީ "ސްޕައިޑަމޭން"ގެ ސިކުއެލްއެއް ނެރޭނެ ކަމަށާއި އެ ފިލްމަށް ރަނގަޅު ހިޔާލުތަކެއް އެބައޮތް ކަމަށާއި މާވެލްގެ ލިޔުންތެރިން އެ ހިޔާލުތައް ބޭނުންކޮށްގެން ސްކްރިޕްޓް ލިޔަމުންދާ ކަމަށެވެ. އަދި އެ ފިލްމްގައި ޓޮމް ހޮލެންޑް ހަމަގައިމުވެސް އުޅޭނެ ކަމަށެވެ.
މި ހަބަރަކީ 2021 ގައި ނެރުނު "ސްޕައިޑަމޭން: ނޯ ވޭ ހޯމް" އަށް ފަހު ފޭނުން އަޑު އެހުމަށް ކެތްމަދުވެފައިވާ ހަބަރެކެވެ.
މިކަން ހަގީގަތަކަށްވާނަމަ ޓޮމް ހޮލެންޑް ވާނީ "ސްޕައިޑަމޭން"ގެ ހަތަރު ފިލްމެއްގައި އެ ރޯލު ކުޅެން ލިބޭ ފުރަތަމަ އެކްޓަރަށެވެ.
މީގެ އިތުރުން ޓޮމް ވަނީ "ކެޕްޓަން އެމެރިކާ: ސިވިލް ވޯ" އާއި "އެވެންޖާސް: އިންފިނިޓީ ވޯ" އަދި "އެވެންޖާސް: އެންޑްގޭމް" ގައި މި ރޯލް އަދާކޮށްފަ އެވެ.
ސޮނީ ޕިކްޗާސްއިން ކުރިން ނެރެފައިވާ "ސްޕައިޑަމޭން" އާއި "ދި އެމޭޒިން ސްޕްއިޑަމޭން" ފްރެންޗައިޒްގައި ޕީޓާ ޕާކާ / ސްޕައިޑަމޭންގެ ރޯލް އަދާކޮށްފައިވާ ޓޯބީ މެގުއަޔާ އާއި އެންޑްރޫ ގާފީލްޑް މާވެލްގެ "ސްޕައިޑަމޭން"ގެ ހަތަރުވަނަ ފިލްމްގައި ހިމަނާނެތޯ ނޫނީ ނޫންތޯ އަދި ހާމަކޮށްފައެއް ނުވެއެވެ.
މި ދެތަރިން "ސްޕައިޑަމޭން: ނޯވޭ ހޯމް"ގައި މަލްޓިވާސްއުން އައިސް، ޓޮމް ހޮލެންޑްގެ ސްޕައިޑަމޭންއަށް އެހީތެރިވެދެ އެވެ. "ސްޕައިޑަމޭން: ނޯވޭ ހޯމް"ގެ ކާމިޔާބީއަށްފަހު ޓޯބީ އާއި އެންޑްރޫވެސް އިތުރު ސިކުއެލްގައި ބައިވެރިވުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވެ އެވެ.
ޓޮމް ހޮލެންޑާ އެކު ހަދާފައިވާ "ސްޕައިޑަމޭން" ފިލްމުތަކަކީ މާވެލްއަށް ވަރަށް ކާމިޔާބު ފިލްމުތަކެކެވެ. އެގޮތުން 2017 ގައި ނެރުނު "ސްޕައިޑަމޭން: ހޯމްކަމިން" 175 މިލިއަންގެ ބަޖެޓަކުން ހެދިއިރު، އެ ފިލްމު ވަނީ އެމެރިކާގެ އަދި އިންޓަނޭޝަނަލް ބޮކްސް އޮފީހުން ޖުމްލަކޮށް 880 މިލިއަން ޑޮލަރު ހޯދާފަ އެވެ. 2019 ގައި ނެރުނު "ސްޕައިޑަމޭން: ފާ ފްރޮމް ހޯމް" 160 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދިއިރު، އެ ފިލްމަށް ވަނީ 1.1 ބިލިއަން ޑޮލަރު ބޮކްސް އޮފީހުން ލިބިފަ އެވެ.
އަދި 200 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހަދައި 2021 ގައި ނެރުނު "ސްޕައިޑަމޭން: ނޯ ވޭ ހޯމް"، ކޯވިޑް-19 ދުވަސްވަރާ ދިމާވި ނަމަވެސް މި ފިލްމު ވަރަށް ކާމިޔާބުކަމާއެކު ހިނގާ، 1.92 ބިލިއަން ޑޮލަރު ބޮކްސް އޮފީހުގައި ހޯދާފައިވެ އެވެ.
މި ފިލްމު ވަނީ މިހާތަނަށް ބޮކްސް އޮފީހުގައި އެންމެ ކާމިޔާބުވި ފިލްމްތަކުގެ ލިސްޓުން ހަވަނައަށް އަރާފަ އެވެ. އިތުރު 11 މިނެޓާއެކު މި ފިލްމުގެ އެކްސްޓެންޑެޑް ކަޓެއް މިދިޔަ ސެޕްޓެމްބަރު މަހު ރިލީޒްކޮށް، ކާމިޔާބުކަމާއެކު ހިނގާފައިވެ އެވެ.
މި ފިލްމު ވަނީ އެކެޑަމީ އެވޯޑަށް ބެސްޓް ވިޝުއަލް އިފެކްޓްސް ކެޓަގަރީން ނޮމިނޭޓް ވެފަ އެވެ.