(އަންގާރަ ދުވަހުގެ ނޫހާއި ގުޅޭ)
ފެންވަރައިގެން ނުކުތުމަށް ފަހު ސައުން ތައްޔާރު ވަމުން ދިޔައި އާލިޔާގެ ކައިރިއަށް ދިއުމަށެވެ. މިޝްކާ ހުރި ސައުން ނުކުންނާނެ ވަގުތެއްގެ އިންތިޒާރުގައެވެ. ގެއަށް ބޭނުންވާ ބައެއް އެއްޗެއްހި ހުރިކަމަށް ބުނުމަށް ފަހު އެތަކެތި ގަންނަން ދާން އެދުނެވެ. މާދަމާ އެއްޗެހި ގަތުން ކިހިނެއް ވާނެތޯ ސައުން އެހިއެވެ. މިޝްކާ މިރޭ ބައެއް ތަކެތި ބޭނުން ކަމަށް ބުނުމުން އެންމެފަހުން މިޝްކާ ގޮވައިގެން ބާޒާރަށް ދިޔައެވެ. ސައުން ހުރި ވީހާ އަވަހަކަށް އާލިޔާގެ ކައިރިއަށް ދާން ބޭނުން ވެފައެވެ.
އެހެން ނަމަވެސް މިޝްކާގެ ޕުލޭން އޮތީ ސައުން މިޝްކާއާއި އެކު ގިނަ ވަގުތު ހޭދަ ކުރާނެ ގޮތަކާއި މެދުގައި ވިސްނާފައެވެ. ގެއިން ނުކުތީ ވަކި އެއްޗެއް ގަތުމަށެވެ. ބޭރަށް ނުކުތުމާ އެކު އެލިސްޓް ބޮޑު ވެއްޖެއެވެ. ހައްތާ ވެސް މުހިންމު ތަކެއްޗެވެ. ތިންހަތަރު ފިހާރަ ބެލިއިރުވެސް ކަމުދާ އެއްޗަކާއި ނުޖެހުނެވެ. ސައުންގެ ހިތް އަވަސްވަމުން ދިޔައި އާލިޔާއައި ބައްދަލު ކުރުމަށެވެ.
ބާޒާރުކޮށް ނިމުނު އިރު ދިހައެއް ޖަހައިފިއެވެ. ގެއަށް ވަދެވުމާ އެކު އެއްޗެހިތައް ބަހައްޓާފައި ސައުން ހިނގައިގަތީ ބޭރަށް ދާށެވެ. "ބޭރަށް ދަނީތަ؟ ކޮންއިރަކުން އަންނާނީ؟" އެސުވާލަށް ސީދާ ތެދު ބަހުން ސައުން ޖަވާބު ދިނެވެ. މިރޭ އެކޮޅަށް ގޮސްލައިފައި ތަންކޮޅެއް ފަހުން އާދެވޭތޯ ބަލާނަން" ސައުންގެ އެ ޖަވާބާއި އެކު މިޝްކާ ތުން ފިއްތާލިއެވެ.
މިރޭ އާލިޔާ ކައިރިއަށް ނުދާށޭ ބުނާހާ ހިތްވަރެއް މިޝްކާގެ ނެތެވެ. ކުރިން ސައުންގެ ކުރިމަތީގައި ބަސްކިޔާ ނިޔާ އިއްވި ނަމަވެސް މިހާރު މިޝްކާއަށް ސައުންގެ ކުރިމަތީގައި ބަސް ކިޔާކަށް ނުކެރެއެވެ. އެހެން ކަމުން ސައުންގެ އެނިންމުމަށް ހިތާ ދެކޮޅަށް ނަމަވެސް ޖެހުނީ ރުހޭށެވެ.
ސައުންނަށް ގެއިން ނުކުމެ ވުނީ ދިހަގަޑިބައި ވެސް ވީ ފަހުންނެވެ. ސައުން ފެނުމާ އެކު އާލިޔާގެ މަންމަ ސޯފާއިން ތެދުވިއެވެ. " އާލިޔާ ކޮބައި މިހާރު ނިދައިފިދޯ!. އެކޮޅުގައި ކުދިވެރިންނަށް ބޭނުންވާ ބައެއް ތަކެތި ގެއަށް ހޯދަންވެފަ ހުރުމުން ލަސްވީ" އެހެން ބުނަމުން އިށީނެވެ. " ބޭސް ކައިގެން ނިދާށޭ ކިޔާފައި މައްޗަށް އެރީ. އެކަނި އޮންނާކަށް ނުކެރޭނެޔޭ ކިޔާފައި އެކުދިންގެ ކޮޓަރީގައި ވީ އަންނާނަށް ބަލާލައިފައި"
ސައުން: އާލިޔާ ނިދާފަ އޮތީއްޔާ ގޮވާނެ ކަމެއްނެތް. މާދަމާ އަންނާނި ގެތޭރޭގައި އެހެން ކުދިން ރަނގަޅުތަ؟ ސައުން އެހެން ބުނުމުން އާލިޔާގެ މަންމަ ބަލާލިއެވެ. މިހާރު އެވެރިން ވެސް ތިބީ ހަމައަކަށް އެޅިފައި އެކަމަކު އާލިޔާ އަބަދު ކިޔަނީ ބައްޕަ ނިޔާވެގެން ވަޅުލި އިރު މޫނު ވެސް ނުފެނުނޭ އެހެން ކިޔަ ކިޔާފައި ބައެއް ފަހަރަށް ރޮއި ހަދާ! އެކަމަކު މިރޭ ކުޑަކޮށް ރަނގަޅު"
"މަޑުމަޑުން އެކަން ހަދާން ނެތި ރަނގަޅު ވެދާނެ. ބައްޕަގެ ވާހަކަ އެހެން މީހުން ވެސް އާލިޔާ އިންނަ ތަންތަނުގައި ދެއްކިޔަ ނުދިނުން ރަނގަޅުވާނެ، މަންމައަށް ދަތިވާ ކަމެއް އޮތިއްޔާ ބުނާތި އާލިޔާ ނުބުނާނެ." އެހެން ބުނަމުން ވޮލެޓް ނަގައި އާލިޔާގެ މަންމަ އަތަށް ފަސްހާސް ރުފިޔާ ދިނުމަށް ފަހު އެނބުރިދާން ހިނގައިގަތެވެ. އެތަން ފެނިފައި އާލިޔާގެ މަންމަ ބުންޏެވެ. " އެހަށް މަޑުކޮށްލަން ވީނު، ފަހަރެއްގައި ނުނިދާ، އެ މިހުންނާއި ވާހަކައިގައި އޮވެދާނެ." ސައުންހުރި ދާހިތަކުން ނޫނެވެ. އާލިޔާ ނިދަން ދިޔަ ވާހަކަ ބުނުމުން ވަރަށް ދެރަވިއެވެ. އާލިޔާ ސައުންނަށް އިންތިޒާރު ކުރާނެ މިންވަރު ހިތަށް އަރާ ދެރަވިއެވެ. ފޯނު ވެސް ނުކުރެވުނަތީ އަދި މާބޮޑަށް ދެރަވިއެވެ. އެންމެފަހުން މަންމަގެ ޖަވާބަކަށް އިންތިޒާރު ކުރަމުން އިށީނެވެ.
ކުޑައިރުކޮޅެއްގެ ފަހުން މަންމަ އައެވެ. " އެބަ އާދެ" އެހެން ބުނުމަށް ފަހު މަންމަ ވަނީ އެތެރެއަށެވެ. އޭރު އާލިޔާ ތިރިއަށް ފައިބައިގެން އާދެއެވެ. އާލިޔާ އަންނަތަން ފެނުމުން ސައުންގެ މޫނު މަތިން ހިނިތުންވުން ފާޅުވިއެވެ. ސައުން ގެ ކައިރިއަށް އާލިޔާ އައިސް އިށީންނަމުން ކެއީހޭ އެހިއެވެ. ސައުން އާލިޔާގެ އަތުގައި ހިފަމުން " މާ މީރު އެއްޗެއް ހަދާފައި ހުރީތަ؟ ކައިގެން ހުއްޓަސް ކެވިދާނެ " ސައުން އެހެން ބުނުމުން އާލިޔާގެ ކައިރިއަށް ހިނިއައެވެ. " މީރު އެއްޗެއް ހުރިކީ ނޫން ކައިގެންތޯ ހުރީ ޔަޤީން ކުރަންވެގެން. އަހާލީ އެކަމަކު ކޮފީއެއް ހަދާލާނަން. އެވާނެ ބޯން. މިގެން ދިއުމުގެ ކުރިން" އެހެން ބުނަމުން އާލިޔާ ދާން ތެދުވިއެވެ.
ސައުން އަތުގައި ހިފުމަށްފަހު އަނެއްކާ ވެސް ބޭންދިއެވެ. ހާދަ އަވަހަކަށް އަހަރެން ފޮނުވާލަން ތިޔަ އުޅެނީ މިއައީ މިރޭ މިގޭގައި ނިދަން ކަމަށް. ކުރާނެ ކަމެއްނެތް އާލިޔާ ނުރުހެންޏާ މިގޭ ގައި އޮންނާކަށް ނުކެރޭނެ. އެހެންވީމަ ދާންވީ ދޯ!" ސައުން ސާމާސާ ރާގެއްގައި ބުންޏެވެ. ސައުންގެ އެޖަވާބުން އާލިޔާ ދެރަވާ ގޮތްވިއެވެ. އާލިޔާ އެހެން ބުނީ ބޭރުގައި އާލިޔާ މެންނާއި އެކުގައި ސައުން އުޅެފައި އައުމުން މިޝްކާ ހިތްހަމަ ނުޖެހި ހުރެދާނެތީއެވެ. " ނޫން ސައުން ބޭނު މިއްޔާ ހަމަ މިގޭގައި އޮންނަންވީ އަހަރެން ވެސް ބޭނުން ސައުންނާއި އެކުގައި ވަގުތު ހޭދަ ކުރަން" އެހެން ބުނަމުން ސައުންގެ މޭގައި އާލިޔާ ބޯއަޅާލިއެވެ.
އާލިޔާގެ ފޯނު ރިންގުވާން ފެށިއެވެ. އެވަގުތު އާލިޔާ ފޯނަށް ބަލާލިއެވެ. ކުރިން ވެސް އުނދަގޫ ކުރާ ނަމްބަރުން އަނެއްކާ ވެސް ގުޅަނިއެވެ. އާލިޔާ ފޯނު ކަނޑާލިތަން ފެނުމުން ސައުން ފޯނު ނުނެގި ކީއްވެހޭ އެހިއެވެ. " ނުދަންނަ ނަމްބަރެއް ވީމަ. އޮޅިގެން ގުޅާ މީހަކަށް ވެދާނެ" އެހެން ބުނަމުން ދެމީހުން ތެދުވެގެން ގޮސް ކޮޓަރިއަށް ވަނެވެ.
އާލިޔާއަށް ފާހަގަ ކުރެވުނީ އެފޯނު ކޯލު ގިނައިން އަންނަނީ ސައުން އާލިޔާގެ ކައިރީގައި ހުންނަ ވަގުތު ތަކުގައި ކަމެވެ. އެފޯނު ކޯލަކި ނުދަންނަ މީހަކު ކުރާ ކަމެއް ނޫންކަމެވެ. އެމީހެއްގެ މަގުޞަދަކީ އާލިޔާއާއި ސައުންގެ މެދުގައި މައްސަލަތައް އުފައްދާއިގެން ދެމިހުންގެ ދިރިއުޅުން ހަލާކު ކުރުން ނޫންބާއޭ ހިތަށް އަރަމުން ދިޔައެވެ.
ދެމިހުން އެކުގައި ހޭދަ ކުރަން ލިބޭ ވަގުތަކީ ވަރަށް މަދު ވަގުތު ކޮޅެކެވެ. އެހެން ނަމަވެސް އެއިން އެއްވެސް ކަމަކާއި ޝަކުވާ ކުރާކަށް ބޭނުމެއް ނުވެއެވެ.
ސައުން: މިޝްކާއާއި ކުދިންނަށް ވަގުތު ދޭވަރަށް އާލިޔާއަށް ވަގުތު ނުދެވޭތީ ދެރަވޭ! އެކަމަކު ބައެއް ފަހަރަށް ކުދިންގެ ކަންތައްތައް ހުންނަ ގޮތުން އެކުދިންނާ އެކުގައި ވަގުތު ހޭދަކުރަން މަޖުބޫރު ވަނީ . އަހަރެން ހީކުރަން އާލިޔާއަށް މިކަންތައްތައް އަންޑަސްޓޭންޑް ވާނެ ކަމަށް" ސައުން ވާހަކަ ދެއްކި އިރު ދެރަވެ ކަންބޮޑުވެފައި ވާކަން އާލިޔާއަށް ފާހަގަ ކުރެވުނެވެ. ހަޤީގަތުގައި ވެސް އާލިޔާ އެކަން ކަމާއި ޝަކުވާކުރާކަށް ބޭނުމެއް ނުވެއެވެ. މީގެ ކުރިން މިޝްކާ ކުރި ޝަކުވާތަކާއި ގުޅިގެން ސައުން ދެއްކި ވާހަކަތަކާއި އެކަމުގެ ސަބަބުން ސައުން އުޅުނު ހާލު އެންމެ ރަނގަޅަށް ދެކުނު މީހަކީ ވެސް އާލިޔާއެވެ. އެ ދުވަހު ސައުންގެ ހިތަށް ލިބުނު ހުރިހާ ހިތާމައެއްގައި ހިޢްޞާވި ފަރާތަކި ވެސް އާލިޔާއެވެ. މިއަދު އާލިޔާގެ ފަރާތުން އެފަދަ ހިތް ދަތިކަމެއް ސައުންނަށް ލިބޭތަން ބަލާކަށް އާލިޔާ ބޭނުމެއް ނުވެއެވެ. އަދި އެފަދަ ކަމެއް ކުރުމަކީ ހިތް އެދޭ ކަމެއް ވެސް ނޫނެވެ. އެއަށް ވުރެ ބޮޑަށް ސައުން ދެކެ އާލިޔާ މިހާރު ލޯބިވެއެވެ.
ދިރިއުޅުމުގެ ހަޔާތަކީ ފިނިފެންމަލުގެ ދާނެއް ކަމުގައި ދެކުމަކީ މޮޔަ ވިސްނުމެކެވެ. މިހަޔާތުގައި އުފަލާއި ހިތާމަޔާއި އެކުލެވިގެން ވާކަން ޖެހޭނީ ގަބޫލު ކުރާށެވެ. ތިމާ އެންމެ އެދޭ ގޮތަށް އެއްވެސް ކަމެއް ހިނގަމަކުން ނުދާނެއެވެ. އަމިއްލައަށް ތިމާގެ ތަދުބީރު ބަދަލު ކުރަން ބޭނުން ވިޔަސް އެކަން އެގޮތަށް ނުކުރެވޭނެ ކަން އާލިޔާއަށް އެނގެއެވެ. ވީމާ ކެތްތެރިކަން އިސްކުރިއެވެ.
އާލިޔާ: އެކަން އެނގިހުރެ ސައުންނާއި ކައިވެނި ކުރީ. އެކަމަކު ތިން ހަތަރު ދުވަސް ވެގެން ދާއިރު އެއްވެސް ޚަބަރެއް ނުވެއްޖެ ނަމަ އަހަރެން ވަރަށް ދެރަވާނެ.
އެހެން ބުނަމުން ސއުންގެ ގައި ގައި ފިރުމާލިއެވެ. ހީލަމުން އާލިޔާގެ ކޯލުގައި ހިފާލިއެވެ.
ސައުން: ހަމަ އެހާ ލޯބިވޭތަ؟
އެހެން ބުނުމުން އާލިޔާ ރަކިވިއެވެ.
ސައުން: އެހާ ދުވަސް ވަންދެން އާލިޔާ ކައިރިއަށް ނައިސް އަހަރެންނަށް ހުރެވި ދާނެބާ؟
އާލިޔާ ވެސް ސައުން ސާމާސާ ކުރާތި ސަމާސާ ކުރަން ބޭނުންވިއެވެ.
އާލިޔާ: ތިޔައެއް ނޭނގެ ޚިދުމަތް ރަނގަޅު ތަނެއްގައި ދޯ ގިނަ ވަގުތު ހޭދަ ކުރެވޭނީ. ފަހަރެއްގަ މިކޮޅަށް ވުރެ އެކޮޅުގައި ޚިދުމަތް ރަނގަޅު ނަމަ ތިން ހަތަރު ދުވަސް ކީއްކުރަން ހަފުތާއަކަށް، ހަފުތާ މަހަކަށް ވެސް ބަދަލު ވެދާނެ.
އާލިޔާގެ އެ ވާހަކަތަކުން ސައުންގެ ކައިރިއަށް ހިނި އައެވެ. "އެހެން ވިއްޔާ ޚިދުމަތް ރަނގަޅި މިކޮޅު ކަމަށް ގަބޫލުކުރޭ! .އެހެންވެ ދޯ މިރޭ ވެސް މިއައީ." މިފަހަރު އާލިޔާ ލަދުގަތެވެ.
ބާރަ ޖެހުމާ އެކު މިޝްކާ ގުޅަން ފެށިއެވެ. ސައުންގެ ފޯނު މެދު ނުކެނޑި ވައިބުރޭޓް ވަމުން ދިޔައެވެ. އެކަމަކު ނުދެނަ ހުރި ކަމަށް ހަދައިގެން ސައުން އޮތެވެ. " ފޯނެއް އެނބަ އާދެ، ގުޅަނީ ކާކުތޯ ވެސް ބަލައި ނުލައި ތިޔަ އޮތީ ކީއްވެ؟" ސައުން ހިތް ހަމަނުޖެހި އޮވެ، ފޯނު ބަލާލިއެވެ. މިޝްކާއެވެ. ވައިބުރޭޓް ވުން ކަނޑާލުމަށް ފަހު ފޯނު އިތުރަށް ހާވާލިއެވެ. ވައިބަރ އިން މާގިނަ މެސެޖު ތަކެއް އައިސްފައި ހުރުމުންނެވެ.
ފޯނު ނުނެގުމުން ވައިބަރ އިން މެސެޖު ކޮށްފައި ވެއެވެ. " އިންތިޒާރުގައި ނުނިދާ އޮތް ވާހަކައެވެ. ސައުން ވިސްނާލިއެވެ. މިއި ހާދަ ބޮޑު ބޮލުގެ ރިހުމެކެވެ. އެހެން މީހުން ތިންހަތަރު އަނބިންގެ ކަންތައް ހައްލު ކުރަނި ކިހިނެއްބާއޭ ހިތަށް އެރިއެވެ. އަބަދުވެސް މިޖެހެނީ އެކަކު އަނެކަކު ރުއްސަން ކޮންމެސް ދޮގެއް ހަދާށެވެ. މިހެން އުޅެން ވެއްޖެ ނަމަ އެންމެންގެ ކުރިމަތީގައި އިތުބާރު ގެއްލި ދާނެތީ ކަންބޮޑުވިއެވެ.
ކުދިންގެ ކުރިމަތީގައި ދޮގު ހަދަން ޖެހުމަކީ ސައުން ބޭނުންވާ ގޮތެއް ނޫނެވެ. ފޯނު ނިއްވާލަން ކިތަންމެ ފަހަރަކު ހިތަށް އެރިއެވެ. އެހެން ނަމަވެސް ފޯނު ނިއްވާލު މަކީ ހައްލެއް ނޫނެވެ. މަސްލަހަތު އިތުރަށް ގޯސް ވެދާނެ ކަމަކަށް ވާތި އެކަން އެ ގޮތަށް ކުރާކަށް ނުކެރުނެވެ. ފޯނު ކޮށްފި ނަމަ އާލިޔާގެ މޫނުމަތިން މިހާރު އެފެންނަ އުފާވެރިކަން ގެއްލޭނެ ކަން ސައުންނަށް އެނގެއެވެ. އެހެން ނޫނަސް ސައުން އޮތީ އާލިޔާ ދޫކޮށްލައިފައި މިޝްކާ ކައިރިއަށް ދާކަހަލަ މޫޑެއްގައެއް ވެސް ނޫނެވެ. އެއަށް ވުރެ ބޮޑަށް އާލިޔާއަށް ސައުން ވަނީ ބޭނުން ވެފައެވެ.
ދެމިހުންގެ ދެމެދުގައިވާ ގާތް ކަމަށް މިޝްކާގެ ފޯނުކޯލުން ހުރަސް އެޅުނަތީ ސައުން އޮތީ ހިތް ހަމަ ނުޖެހިފައެވެ. "މިޝްކާ ގުޅަނީތަ. އެހެންވެ ދޯ! ފޯނު ނުނަގަން ތިޔަ އޮންނަނީ ކުއްޖެއްގެ ކަމަކުވެސް ގުޅާފާނެ ނޫންތަ." އާލިޔާ އެހެން ބުނުމުން ފޯނު ނެގިއެވެ. ދެން މިގަޑީގައި ބޭނުން ނުވީ ކޮންމެ މީހެއްގެ ފޯނަކަށް ވިޔަސް ޖަވާބު ދޭން. މިޝްކާ ވެއެއް ނޫން ފޯނު ނު ނެގީ " ސައުން އެހެން ބުނި ނަމަވެސް އާލިޔާއަށް ވިސްނުނީ މިޝްކާގެ ފޯނެއްކަން އެނގޭތީ ސައުން ނުނެގީ ކަމެވެ.
ހޭލެވުނީ ބަންގީގެ އަޑަށެވެ. ހެނދުނު އޮފީހަށް ދާން ޖެހޭތީ ފަތިސް ނަމާދުގެ ފަހުން ސައުން އެނބުރި ގެއަށް ދިޔައެވެ. ކޮޓަރީގެ ދޮރު ވަރަށް މަޑުމަޑުން ހުޅުވާލިއެވެ. މިޝްކާއަށް ސައުން އައި އިރެއް އެނގިދާނެތީއެވެ. ކޮޓަރިއަށް ވަން އިރު މިޝްކާއެއް ކޮޓަރި އަކުނެތެވެ. ފާހާނައިގައި އުޅޭތޯ ބެލިއެވެ. ނެތެވެ. ކުދިންގެ ކޮޓަރިއަށް ދިޔައިރު މިޝްކާ އެ ކޮޓަރީގައި ނިދާފައި އޮތެވެ. ހަމަޖެހުމުގެ ނޭވައެއް ލެވުނެވެ. މިޝްކާ ނިދާ ފައޮތުމަކީ ލެއްވި ނަޞީބެކެވެ. އެހެން ނޫންނަމަ ކޮންމެސް ދޮގެއް ހަދަން ޖެހޭނެ ކަން ޔަޤީނެވެ (ނުނިމޭ)