ޝައިހް އަލީ ޒައިދު

ޝެއިހް އަލީ ޒައިދްގެ "ކައިވެނި" ރިލީޒްކޮށްފި

ކައިވެނި ހަފްލާތަކުގައި ޖަހަން ޝެއިހް އަލީ ޒައިދު ތައްޔާރުކޮށްފައިވާ "ކައިވެނި" މަދަހަ އަލްބަމް ރިލީޒްކޮށްފި އެވެ.

މެންހަޓަން ބިޒްނަސް ހޮޓެލްގައި ރޭ ބޭއްވި ހަފްލާއެއްގައި މި އަލްބަމް ރަސްމީކޮށް ރިލީޒްްކޮށް ދެއްވީ އިސްލާމިކް މިިނިސްޓަރު ޑރ. އަހްމަދު ޒާހިރެވެ.

ތާރަ އާއި ވޯކަލް ބޭނުންކޮށްގެން ކިޔާފައިވާ 16 މަދަހަ "ކައިވެނި" އަލްބަމްގައި ހިމެނެ އެވެ. މި މަދަހަތައް ޔޫޓިއުބް މެދުވެރިކޮށް މިހާރު އަޑު އަހައިލެވޭނެ އެވެ.

މި އަލްބަމާއި ގުޅޭ ގޮތުން ޝެއިހް ޒައިދް ވިދާޅުވީ މި މަސައްކަތަކީ ކައިވެނީގެ ހަފްލާތަކަށް ހާއްސަ މިފަދަ އަލްބަމެއް ނެތުމުން އެކަން ފޫބެއްދުމަށްޓަކައި ކުރި މަސައްކަތެއް ކަމަށެވެ.

އަލް-ކައުން އާއި ކުޑަ އިއްބެގެ ޓޮނިކް ލައިވް ސްޓޫޑިއޯ ގުޅިގެން އުފައްދާފައިވާ މި އަލްބަމްގެ ހުރިހާ މަދަހައެއް ވެސް ކޮމްޕޯޒް ކުރެއްވީ ޝެއިހް ޒައިދްއެވެ. އަދި ޝެއިހްގެ އަޑު ވެސް މަދަހަތަކުން އިވޭނެއެވެ.

ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިން ވަނީ މި އަލްބަމްގެ މަދަހަތައް ކިޔައިފައެވެ. އޭގެ ތެރޭގައި މޯލްޑިވިއަން އައިޑަލްއިން ވިދާލި ޝަލަބީ އިބްރާހީމް، މުހައްމަދު އަބްދުލް ޢަނީ (ތޭރަވާ)، އިބްރާހީމް ޒައިދު އަލީ (ކުޑައިއްބެ) ހުސައިން އަލީ އަދި ޓިކްޓޮކުން އާންމުގެ ތެރޭގައި މަގުބޫލުކަން ހޯދި ޝެއިހް އިބްރާހިމް ފަރީދުގެ ދަރިފުޅު، އަބްދުﷲ ފަރީދު (އަބޯ) ހިމެނެ އެވެ.