މޯލްޑިވްސް ކަރެކްޝަނަލް ސާވިސް

ގައިދީންނަށް އެއްދުވަހުގެ ކެއުން ނުދިނުމުން ބަނޑުހައިހޫނުކަމުގެ ހަޅުތާލުކުރަނީ

ކ. މާފުށީ ޖަލުގެ ހަރުކަށީ ޔުނިޓުގައި ތިބި ގައިދީންނަށް ކެއުން ނުދިން މައްސަލައެއް ހޫނުވެ، އެ ޔުނިޓުގައި ތިބި ގައިދީން ބަނޑުހައިހޫނުކަމުގެ ހަޅުތާލު ކުރަން ފަށައިފި އެވެ.

ހަޅުތާލުކުރާ ގައިދީން ތިބީ ޖަލުގެ 11 ވަނަ ޔުނިޓްގަ އެވެ. މި ޔުނިޓްގައި ބަންދުކޮށްފައި ތިބެނީ ހަރުކަށި ފިކުރުގެ މީހުންނެވެ. ނޫސްވެރިޔާ އަހްމަދު ރިލްވާން އަބްދުﷲ ވަގަށް ނަގައި މަރާލި މައްސަލައިގައި ދައުލަތުން ދައުވާކުރާ ތިން މީހުން ވެސް ތިބެނީ ހަރުކަށި ފިކުރުގެ މީހުން ތިބޭ މި ޔުނިޓުގަ އެވެ. މި ތިން މީހުންގެ ތެރޭގައި ހިމެނޭ މާލެ ދަފްތަރު 8499، އަހްމަދު މުއާޒުގެ ގާނޫނީ ވަކީލު އަވަސްއަށް ވިދާޅުވީ މި މަހުގެ 14 ވަނަ ދުވަހު އެ ޔުނިޓުގައި ތިބި ގައިދީންނަށް ކެއުން ދީފައި ނުވާ ކަމަށެވެ.

މިގޮތުން އެ ދުވަހު ކާން ނުގެނައީ ކީއްވެތޯ 15 ވަނަ ދުވަހު ގައިދީން އޮފިސަރުންނާއި ސުވާލުކޮށް، ކާން ނުގެނައި ސަބަބު ލިޔުމަކުން އަންގަން އެދުމުން ކަރެކްޝަނުން އެކަމާ ދެކޮޅުހަދާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން ބައެއް އޮފިސަރުން އެ ޔުނިޓުގެ ގޮޅިތައް ބަލައި ފާސްކުރަން ވަދެ، ގައިދީންގެ އަންނައުނާއި ކާން ގެންގުޅޭ ތަށިތައް ފަދަ އަސާސީ ތަކެތި އަތުލައިގެން ގެންދާ ކަމަށް އެ ގޮޅިތަކުގައި ތިބޭ ބައެއް އެހެން ގައިދީންގެ ވަކީލުން ވެސް ވަނީ ވިދާޅުވެފަ އެވެ.

ގައިދީން ތިބޭ ގޮޅިތަކުގައި ހުންނަ ފަންކާތަކުގެ އަޑު ބާރުވެ އެކަކު އަނެކަކު ދައްކާ ވާހަކަވެސް އަޑު ނީވޭ ކަމަށާއި، ނިދަން އުނދަގޫވާ މައްސަލަ ވެސް ގައިދީންގެ ފަރާތުން ވަކީލު ފާހަގަކުރެއްވި އެވެ. އަދި މި މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އަށް ހުށަހެޅުމުން، އެ މައްސަލައިގައި އިންސާނީ ހައްގަކަށް ކަރެކްޝަނުން އަރައިގަނެފައިވާ ކަމަށް ފާހަގަކުރެވިފައި ނުވާ ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފަ އެވެ.

މި މައްސަލަތަކާއި ގުޅިގެން ކަރެކްޝަންގެ މީޑިއާ އޮފިޝަލް އަވަސްއަށް ވިދާޅުވީ މައްސަލަ ޗެކްކޮށްލުމަށްފަހު، ފަހުން ކޮމެންޓެއް ކުރައްވާނެ ކަމަށެވެ.

ހަރުކަށި ޔުނިޓުގައި މިހާރު ތިބި 17 މީހުންގެ ތެރެއިން 15 މީހުން ބަނޑުހައިހޫނުކަމުގެ ހަޅުތާލުގައި ބައިވެރިވާ ކަމަށްވެސް އަވަސް އެނގިފައިވެ އެވެ.