މޯލްޑިވްސް ކަރެކްޝަނަލް ސާވިސް

އެއްވެސް ގައިދީއަކު ނުކައި ހުރިކަމުގެ މައުލޫމާތެއް ނުލިބޭ: ކަރެކްޝަންސް

ކ. މާފުށީ ޖަލުގެ އެއްވެސް ގައިދީއަކު ނުކައި ހުރިކަމުގެ މައުލޫމާތު ނުލިބޭ ކަމަށާއި، ޖަލުގައި ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރިއަށް ނުދާ ކަމަށްވެސް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް) އިން ބުނެފި އެވެ.

އަވަސްއަށް އެނގެފައިވާ ގޮތުގައި މާފުށީ ޖަލުގެ 11 ވަނަ ޔުނިޓްގައި ތިބި ގައިދީންނަށް މި މަހުގެ 14 ވަނަ ދުވަހު ކާކަށް ނުދެ އެވެ. މި ޔުނިޓްގައި ބަންދުކޮށްފައި ތިބެނީ ހަރުކަށި ފިކުރުގެ މީހުންނެވެ. ނޫސްވެރިޔާ އަހްމަދު ރިލްވާން އަބްދުﷲ ވަގަށް ނަގައި މަރާލި މައްސަލައިގައި ދައުލަތުން ދައުވާކުރާ ތިން މީހުން ވެސް ތިބެނީ ހަރުކަށި ފިކުރުގެ މީހުން ތިބޭ މި ޔުނިޓުގަ އެވެ.

އެ މައްސަލައިގެ އިތުރުން ގޮޅިތަކުގައި ގިނަ މައްސަލަތަކެއް ހުރުމުގެ ސަބަބުން އެ ޔުނިޓުގައި ތިބި ގައިދީން ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރަމުން އަންނަކަމަށް މި ތިން މީހުންގެ ތެރޭގައި ހިމެނޭ މާލެ ދަފްތަރު 8499، އަހްމަދު މުއާޒުގެ ގާނޫނީ ވަކީލު އަވަސްއަށް ވިދާޅުވި އެވެ.

މާފުށި ޖަލުގެ 14 ވަނަ ޔުނިޓުގައި ހުރި މައްސަލަތައް

  • ކާން ނުދިނުން
  • ފަންކާގެ އަޑު ބާރުވެ ނިދަން އުނދަގޫވުން
  • ގައިދީން ގެންގުޅޭ އަސާސީތަކެތި އަތުލުން

މި މައްސަލަތަކާއި ގުޅިގެން އަވަސް އިން ސުވާލުކުރުމުން އެމްސީއެސްގެ ތަރުޖަމާނު އައިމިނަތު ޔުސްރީން އަހްމަދު އަވަސްއަށް ވިދާޅުވީ ޔުނިޓް 11ގައި ކަންބޮޑުވުންތަކެއް ހުރުމުން އެ ކަންކަން ބަލަމުންދާ ކަމަށެވެ.

"އެއްވެސް ގައިދީއަކު ނުކައި ހުރިކަމުގެ މައުލޫމާތު ލިބިފައެއް ނުވޭ. ޔުނިޓް 11ގައި ކަންބޮޑުވުންތަކެއް ހުރުމުން އެ ކަންކަމަށް އެޑްރެސް ކުރަމުން މިދަނީ،" ޔުސްރީން ވިދާޅުވި އެވެ.

މާފުށި ޖަލުގެ ހަރުކަށި ޔުނިޓުގައި މިހާރު ތިބީ 17 ގައިދީންނެވެ.