ފިނިޕޭޖް

ބްރޫސް ވިލިސްގެ ބައްޔަކީ ފްރަންޓޯޓެމްޕޯރަލް ޑިމެންޝިއާ

"ޑައި ހާޑް" އެކްޓަރު ބްރޫސް ވިލިސްގެ ބައްޔަކީ ފްރަންޓޯޓެމްޕޯރަލް ޑިމެންޝިއާ (އެފްޓީޑީ) ކަމުގައި ބްރޫސްގެ އަންހެނުން އެމާ ހެމިން ވިލިސް ބުނެފި އެވެ.

އެމާ ބުނީ މިދިޔަ މާޗް މަހު ބްރޫސްއަށް އެފޭސިއާ ޖެހިފައިވާ ކަމުގެ ހަބަރު އިއުލާންކުރިފަހުން ބްރޫސްގެ ހާލަތު ދަށްވެ، އެއީ އެފްޓީޑީ ކަން ކަށަވަރުވެފައިވާ ކަމަށާއި މި ބަލީގެ އެއް ގޮންޖެހުމަކީ މުއާމަލާތްކުރަން އުދަނގޫވުން ކަމަށެވެ. މިއީ ބޮޑު ތަކުލީފެއް ނަމަވެސް ބްރޫސްގެ ބަލީގެ ސާފު ޑައިގްނޯސިސްއެއް ލިބިޖެއް ކަމަށެވެ. އަދި ފޭނުންގެ ސަޕޯޓަށް އާއިލާގެ ފަރާތުން ޝުކުރު އަދާކޮށްފައިވެ އެވެ.

މިދިޔަ މާޗް މަހު އެފޭސިއާ ބަލީގެ ވާހަކަ އިއުލާންކޮށް، 67 އަހަރުގެ ބްރޫސް ވަނީ އެކްޓްކުރުމުން ރިޓަޔާކޮށްފަ އެވެ.

އެފްޓީޑީ އަކީ ސިކުނޑީގެ ފްރަންޓަލް އަދި ޓެމްޕޯރަލް ލޯބްސްއަށް ނުރައްކާތެރިކޮށް އަސަރުކުރާ ޑިސްއޯޑާއެކެވެ. މި ބަލީގެ އަލާމާތްތަކުގެ ތެރޭގައި ވާހަކަދައްކަން އުދަނގޫވުމާއި ހަނދާންނެތުމާއި އިމޯޝަނަލް މައްސަލަތަކާ ކުރިމަތިވުމާއި މީހާގެ ޕާސަނަލިޓީއަށް ބަދަލުތަކެއް އައުން ހިމެނެ އެވެ. މި ބަލީގެ ސަބަބުން އެލްޒައިމާސް ފަދައިން މީހާގެ ސިކުނޑީގެ ބައިތައް ގެއްލެމުންދެ އެވެ. މި ބައްޔަށް މިހާތަނަށް ޝިފާއެއް ހޯދިފައެއް ނުވެ އެވެ. އެހެންނަމަވެސް ބޭހުގެ އެހީގައި އަލާމާތްތަކަށް ލުޔެއް ލިބިދާނެ އެވެ.

އެމާ އިތުރަށް ބުނީ ބްރޫސްއަކީ މުހިއްމު މައްސަލަތަކާ ގުޅިގެން އަޑު އުފުލާ މީހެއް ކަމަށާއި އޭނާއަށް ވެގެންވާނެނަމަ، މި ބައްޔާ ބެހޭގޮތުން ދުނިޔޭގެ ސަމާލުކަން ހޯދުމަށް މަސައްކަތްކުރާނެ ކަމަށެވެ.