ރާއްޖޭގެ ކުޅިވަރު އެތުލީޓުންނާއި އެސޯސިއޭޝަންތަކުގެ އަގުވަޒަންކުރުމުގެ ގޮތުންނާއި ހިތްވަރު ދިނުމުގެ ގޮތުން ބާއްވާ މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް އަންނަ މަހުގެ 16 ވަނަ ދުވަހު ބާއްވަން ނިންމައިފި އެވެ.
މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް ތައާރަފްކުރީ މިދިޔަ އަހަރު އެވެ. ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ ބޮޑު ކުޅިވަރު އެވޯޑްގައި މިދިޔަ އަހަރު 18 ކުޅިވަރަކުން 108 އެވޯޑް ދިނެވެ. މިދިޔަ އަހަރު އެވޯޑްދިނީ 2019، 2020 އަދި 2021 ވަނަ އަހަރު އެއްކޮށްލައިގެންނެވެ.
މިއަހަރު ބާއްވާނީ މިދިޔަ އަހަރު ކުޅުނު މުބާރާތްތަކުގެ އެވޯޑެވެ. މި އެވޯޑުގައި ކޮންމެ ކުޅިވަރަކުން ވަކިވަކިން އަންހެން އަދި ފިރިހެން ހިމެނޭގޮތަށް އެންމެ މޮޅު ކުޅިވަރު އެތުލީޓުން ހޮވާނެ އެވެ. އެތުލީޓުން ހޮވާނީ އެކަމަށް ކަނޑައަޅާ ޖަޖުންގެ ޕެނަލަކުންނެވެ.
ފުރަތަމަ ސްޕޯޓްސް އެވޯޑްސްގައި އަހަރުގެ ކުޅިވަރު ޝަހުސިއްޔަތުގެ އެވޯޑް ހޯދީ ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު އާއި ބެޑްމިންޓަން ތަރި ފާތިމަތު ނަބާހާ އެވެ. އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް ހޯދީ ހަމްޒާ މުހައްމަދު (ހަމްޕު) އެވެ. މިއަހަރު ވެސް މި އެވޯޑް ހޯދުން އެންމެ ގާތީ ހަމްޕު އެވެ.
އެންމެ މޮޅު އަންހެން ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް ހޯދީ އާމިނަތު ލީޒާ އެވެ. އެންމެ މޮޅު ވޮލީބޯޅަ ކުޅުންތެރިޔާގެ މަގާމް އާދަމް ނަސީމް (އެޑަމް) އާއި ހައްވާ ރާޝިދާ ހޯދިއިރު އެންމެ މޮޅު ބާސްކެޓް ކުޅުންތެރިއަކަށް މިދިޔަ އަހަރު ހޮވުނީ އަބްދުﷲ އަމްޒަރު އާއި ފާތިމަތު ރިޝްމާ އެވެ.
މި ކުޅިވަރުތަކުގެ އިތުރުން ބެޑްމިންޓަނާއި، ފެތުން، ހޭންޑްބޯލް، ބިލިއާޑް، ޓެނިސް، ކެރަމް، ޓޭބަލް ޓެނިސް، ޗެސް އަދި ޝޫޓިންގެ އެންމެ މޮޅު އެތުލީޓުން މިދިޔަ އަހަރު ހޮވި އެވެ.
މިދިޔަ އަހަރު ބޭއްވި އެވޯޑް ހަފްލާ އަށް ދުނިޔޭގެ މަޝްހޫރު ތަރިން ވަނީ ރާއްޖެ އައިސްފަ އެވެ. އޭގެތެރޭގައި ބްރެޒިލްއާ އެކު ފީފާ ވޯލްޑް ކަޕް ކާމިޔާބުކުރި ރޮބާޓޯ ކާލޯސް އާއި ނެދަލެންޑްސްގެ ލެޖެންޑް އެޑްގާ ޑާވިޑްސްގެ އިތުރުން ރެއާލް މެޑްރިޑާއި ސްޕެއިނަށް ކުރިން ކުޅުނު މިކޭލް ސަލްގާޑޯ ހިމެނެ އެވެ. ކުޅިވަރު ތަރިންގެ އިތުރުން އަވައްޓެރި ގައުމުތަކުގެ މިނިސްޓަރުން ވެސް މިދިޔަ އަހަރުގެ އެވޯޑް ހަފްލާގައި ބައިވެރިވި އެވެ.