ދޮގު މައުލޫމާތު ދިނުމާއި ބަޔަކު ލައްވާ ދޮގު ހެކިބަސް ދީފައިވާތީ ދ. ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް އަހުމަދު އާމިރު ދެ ހަފްތާއަށް ސަސްޕެންޑްކޮށްފި އެވެ.
ޖޭއެސްސީ އިން ބުނީ އަހްމަދު އާމިރު ދ. ކުޑަހުވަދޫއަށް ރަށްވެހިކަން ބަދަލުކުރުމަށް އެދި އެ ރަށު ކައުންސިލް އިދާރާއަށް ހުށަހެޅި އިރު ދޮގު މައުލޫމާތާއި ބަޔަކު ލައްވައި ދޮގު ހެކިބަސް ދީފައިވާކަމަށެވެ.
އަދި ދައުލަތުގެ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމަކީ ގާނޫނާއި ހިލާފުކަމެއް ކަމަށާއި، އިސްމެޖިސްޓްރޭސް އަހްމަދު އާމިރު އެފަދައިން އަމަލު ކުރިކަން އެ ކޮމިޝަނުގެ ތަހުގީގަށް ސާބިތުވެފައިވާކަމަށް ޖޭއެސްސީއިން ބުނެއެވެ.
މި މައްސަލައިގައި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާއި ގާނޫނުއަސާސީއާއި ހިލާފަށް އަމަލުކޮށްފައިވުމުގެ ސަބަބުން މުސާރައާއި އިނާޔަތްތައް ނުލިބޭ ގޮތަށް މެޖިސްޓްރޭޓް އަހުމަދު އާމިރު އިއްޔައިން ފެށިގެން ވަޒީފާގެ މަސައްކަތަށް ނުކުތުން ދެ ހަފްތާއަށް މަނާކުރުމަށް މިމަހުގެ އެއްވަނަ ދުވަހު ބޭއްވި ޖޭއެސްސީގެ ނުވަވަނަ ޖަލްސާގައި ވަނީ ނިންމާފަ އެވެ.