ޖޭއެސްސީ

ވައިބާ ގުރޫޕަކަށް ބޭއަދަބީ މެސެޖުތަކެއްކުރި ގާޒީއަށް ފިޔަވަޅު އަޅައިފި

ޑްރަގް ކޯޓުގެ ގާޒީ މުހައްމަދު ނައީމްގެ މައްޗަށް ސުލޫކީ ފިޔަވަޅު އަޅަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.

ނައީމްގެ މައްޗަށް ކޮށްފައިވަނީ ގިނަ އަދަދެއްގެ ފަނޑިޔާރުން ހިމެނޭ، ފަނޑިޔާރުންގެ މެދުގައި ހިންގާ ވައިބާ ގްރޫޕަކަށް ވެރިންނަށް ކުރަން ޖެހޭ އަދަބު އިހުތިރާމު ކަނޑުވައިލާފަދަ ބޭއަދަބީ މެސެޖުތަކެއް ފޮނުވުމުގެ ތުހުމަތެވެ.

އެ މެސެޖުތަކަކީ އޭނާ ލިޔެ އެ ގުރޫޕަށް ފޮނުވި މެސެޖުތަކެއް ކަމަށް ގާޒީ ނައީމް އެއްބަސްވެފައިވާ ކަމަށް ޖޭއެސްސީއިން ވަނީ ބުނެފަ އެވެ.

މި މައްސަލައިގައި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާއި ގާނޫނުއަސާސީއާއި ހިލާފަށް އަމަލުކޮށްފައިވުމުގެ ސަބަބުން ޖޭއެސްސީއިން ވަނީ ގާޒީ ނައީމަށް ނަސޭހަތްދިނުމަށް އިއްޔެ ބޭއްވި އެ ކޮމިޝަނުގެ 13ވަނަ ޖަލްސާގައި ނިންމާފަ އެވެ.