ޑުރަގް ކޯޓް

ރިހިބިލިޓޭޝަން ބަޖެޓަށް 30 މިލިއަން ރުފިޔާ އިތުރުކުރަނީ

ރިހިބިލިޓޭޝަން ބަޖެޓަށް އަންނަ އަހަރު 30 މިލިއަން ރުފިޔާ އިތުރުކުރަން ސަރުކާރުން ނިންމައިފި އެވެ.

ރިހިބިލިޓޭޝަން އަމުރުގެ ދަށުން ފަރުވާ ކާމިޔާބުކުރާ މީހުންގެ އަގުވަޒަން ކުރުމަށް ޑްރަގު ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަދައްކަވަމުން ނެޝަނަލް ޑްރަގް އެޖެންސީގެ ބޯޑުގެ ޗެއާމަން އަދި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލުބްނާ މުހައްމަދު ޒާހިރު ހުސައިން ވިދާޅުވީ ރިހެބް ނިޒާމު އިތުރަށް ހަރުދަނާ ކުރުމަށް އަންނަ އަހަރުގެ ބަޖެޓުގައި އިތުރު 30 މިލިއަން ރުފިޔާ ހިމެނުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

ލުބްނާ ވަނީ ރިހިބިލިޓޭޝަން ޕްރޮގްރާމު ނިންމުމަށްފަހު މުޖުތަމައުއަށް ނިކުންނަ މީހުންނަށް ސަރުކާރު ހިއްސާވާ ކުންފުނިތަކުން ވަޒީފާ ހޯދުމަށް އެހީވެދިނުމަށް އެދިވަޑައިގެންފަ އެވެ.

ލުބްނާގެ އިތުރުން މި ހަފްލާގައި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ރައީސް ހުސައިން ރިޒާ އަދި ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

މި ހަފްލާގައި މިދިޔަ އަހަރު ޑްރަގް ކޯޓުން ފަރުވާއަށް އަމުރުކުރި 586 މީހުންގެ ތެރެއިން 419 މީހަކަށް ވަނީ ފަރުވާ ފުރިހަމަ ކުރުމުން ހަނދާނީ ލިޔުމެއް ހަވާލުކޮށްފަ އެވެ. ފަރުވާ ފުރިހަމަ ނުކުރާ މީހުންނަށް ކޯޓުން ހުކުމް ތަންފީޒުކުރަން ވަނީ ހަމަޖެހިފަ އެވެ.

މީގެއިތުރުން މި ހަފްލާގައި މަސްތުވާތަކެއްޗާއި ދެކޮޅަށް މަސައްކަތް ކުރާ އަލީ އަދީބަށާއި މިދިޔަ އަހަރު ޑްރަގް ކޯޓުގެ ނަމޫނާ މުވައްޒަފުންނާއި ހާޒިރީ އެންމެ ރަނގަޅު މުވައްޒަފަށްވެސް ހަނދާނީ ލިޔުން ހަވާލުކޮށްފައިވެ އެވެ.

މި ހަފްލާގައި ޑްރަގް ކޯޓުގެ މަސައްކަތާ ބެހޭ ގޮތުން އާންމުން ހޭލުންތެރިކުރުމަށް ޔޫޓިއުބް ޗެނަލެއްވެސް ވަނީ އިފްތިތާހުކޮށްފަ އެވެ.

މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވާ މީހުންނަށް ހިތްވަރުދެމުން ޑްރަގް ކޯޓުގެ އިސް ގާޒީ އަބްދުލްސައްތާރު އަބްދުލްހަމީދު ވިދާޅުވީ އެ މީހުން އެކުރާ މަސައްކަތަކީ ފަސޭހަ ކަމެއް ނޫން ކަމަށާއި އެކަމުން އަރައިގަންނަން އެންމެންނަށްވެސް ހިތްވަރުދޭން ޖެހޭ ކަމަށެވެ.